ކުރިން ހެދުނު ގޯސްތައް ދެން ތަކުރާރެއް ނުކުރާނަން – މައުމޫން

ކޯލިޝަން ސަރުކާރެއް ހިންގުމުގައި ކުރިން ހެދުނު ގޯސްތައް ދެން ތަކުރާރެއް ނުކުރާނަން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އިންޑިއާގެ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދެއްވި އިންޓަވިއުއެއްގައެވެ.
ކޯލިޝަން އިން ކުރިން ހެދި ގޯސް ތަކުރާރު ނުވާ ގޮތަށް، އެކަކު އަނެކަކަށް އިނގިލި ދިއްނުކޮށް ރައްޔިތުންނާއި ގައުމުގެ ހައްގުގައި ކޯލިޝަންގެ ހުރިހާ ބައިވެރިން ވެް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މައުމޫން ވިދާޅުވިއެވެ.
"އެއްބަޔަކު އަނެއް ބަޔަކާ އިނގިލި ދިއްކުރުމުން އަރައިގެނެ، ކުރިން ހެދުނު ގޯސް ތަކުރާރު ނުކޮށް ރައްޔިތުންގެ ހައްގުގައް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރަން،" މައުމޫން ވިދާޅުވިއެވެ.
އާ ސަރުކާރުގެ ފުރަތަމަ މަސައްކަތަކަށް ވާނީ މިދިޔަ އަހަރު ތެރޭގައި ދިވެހިން ތަޖުރިބާ ކުރި ސިޔާސީ ހިތި ދުވަސްތަކުން ނިކުމެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާ ކުރުން ކަމަށް މައުމޫން ވިދާޅުވި އެވެ.
ފާއިތުވި ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގެ މިނިވަން މުއައްސަސާތަކުގެ އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
"އެކަމަކު އިންތިހާބުގެ ނަތީޖާއިން ފެންނަން އޮތް ފަދައިން ރައްޔިތުން ވަނީ ރައީސް ޔާމީނަށް އަދަބު ދިނުމުގެ ފިޔަވަޅު އަޅާފައި. ބޮޑު ގެއްލުމެއް ރައީސް ޔާމީން ސަރުކާރުން އޮތީ ދީފައި. އެކަމަކު ގާނޫނު އަސާސީން އުފައްދާފައިވާ މުއައްސަސާތަކާއި ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތަކާއި ގާނޫނުއަސާސީ، ކޯލިޝަން ސަރުކާރުން ރައްކާތެރިކޮށްދޭނެ،" މައުމޫނު ވިދާޅުވި އެވެ.
ރައީސް ޔާމީނުގެ ސަރުކާރުން ޗައިނާއާ އެކު ބާއްވާ ގާތް ގުޅުމާ ބެހޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މައުމޫނު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ނިންމުމަށް ޗައިނާއިން އިހުތިރާމްކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
"ޗައިނާ އާއި ގުޅުން ބަދަހި ކުރުމުން ޗައިނާ އިން ވަނީ ރާއްޖޭގައި ގިނަ މަޝްރޫޢުތަކެއް ހިންގަވައި ދެއްވާފައި. ނަމަވެސް އެކަމުގެ ސަބަބުން ގައުމު ދަރަނިވެރިވެފައިވާ މިންވަރާ މެދު އަޅުގަނޑުމެން ކަންބޮޑުވޭ. އަޅުގަނޑު ދެކެނީ މި ކަންތައްތައް ފަރުވާތެރިކަމާ އެކު މުރާޖައާކޮށް ހަމަަޖައްސަން ޖެހޭނެ ކަމަށް. އަޅުގަނޑަށް ޔަގީންކަން އެބަ އޮތް ދިވެހިންގެ ނިންމުމަށް ޗައިނާއިން އިހުތިރާމްކުރާނެ ކަމުގެ،" މައުމޫން ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާ އާއި ގުޅުން ބަދަހި ކުރުމުން އިންޑިއާ އިން ވަނީ ތަކުރާރުކޮށް ހިންހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ދިވެހިންނަށް ވިސާ ދޫކުރުމުގައި ދުއްތުރާތައް ކުރިމަތިކޮށްފައި ވެއެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން އިންތިޚާބު ކާމިޔާބު ކޮށްފައި ވަނީ ޗައިނާ އާއި ދުރަށް ޖެހި އިންޑިއާ އާއި ގާތް ވާނެ ކަމުގެ ވައުދާއި އެކު ކަމަށް ވާތީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހި ވާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ