ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ކަމަށް ކުރިމަތިލައްވަން ޤާނޫނީ ވަކީލް ހިސާން ހުސައިން ނިންމަވައިފިއެވެ.
ހިސާން ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތުޅާދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ކުރިމަތިލައްވަން އޭނާ ނިންމަވާފައިވާ ކަމަށެވެ.
"އިންސާފުގެ މަގަށް ދިވެހިން ފަށާފައިވާ މަސައްކަތުގައި ތުޅާދޫ، ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫ ރައްޔިތުން ތަމްސީލް ކުރުމުގެ ފުރުސަތު އަޅުގަނޑަށް ދެއްވާނެ ކަމަށް އުއްމީދުކޮށް އަޅުގަނޑަށް ތާއިދު ކޮށްދެއްވުން އެދެން." ހިސާން ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހަށް ކުރިމަތިލައްވަން ހިސާން ނިންމެވި އިރު މިމަހުގެ 17 ވަނަ ދުވަހު ވެރިކަމާއި ހަވާލުވެ ވަޑައިގަންނަވާނެ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެކުލަވާލާ ކެބިނެޓްގައި ބަންޑާރަނައިބު ކަން ކުރައްވަން އެންމެ ރަނގަޅީ ހިސާން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ނަމަވެސް މިހާރު ޤާނޫނު އަސާސީ އޮންނަ ގޮތުން އެއްވެސް ބޭފުޅަކަށް ވަޒީރު ކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން އެއް ފަހަރާ އަދައެއް ނުކުރެއްވޭނެއެވެ.
ހިސާން ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ލީކަލް ސެކްރެޓަރީގެ މަގާމު އަދާކުރައްވާފައެވެ. އަދި އޭގެ ފަހުން ރައީސް ނަޝީދުގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި އޭނާ ވަނީ އެމަނިކުފާނު ޖަލު ޙުކުމުން ސަލާމަތް ކުރައްވަން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
އެމްޑީޕީ އާއި އިދިކޮޅު އިސް ފަރާތްތަކުގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ފާއިތުވި ފަސް އަހަރު އެންމެ ގިނަ މަސައްކަތް ކުރެއްވި އެއް ބޭކަނބަލަކަށް ވެސް ހިސާން ވާނެއެވެ.
ހިސާން ތުޅާދޫ ދާއިރާގެ މެންބަރު ކަމަށް ކުރިމަތިލައްވަން ނިންމެވި އިރު މިހާރު ތުޅާދޫ ދާއިރާގެ މެންބަރަކީ ނާޒިމް ރަޝާދު އެވެ. ތުޅާދޫ ދާއިރާގެ އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ތުޅާދޫ އަކީ އެމްޑީޕީގެ ސަޕޯޓް ބޮޑު ރަށެކެވެ. އެހެންކަމުން ތުޅާދޫ ދާއިރާގެ މަޖިލިސް ގޮނޑިއަކީ "އެމްޑީޕީ އަށް ޔަގީން ގޮނޑިއެއް" ކަމަށް އެދާއިރާގެ ގިނަ ރައްޔިތުން ބުނެއެވެ.
ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ކަމަށް ކުރިމަތިލައްވަން ހިސާން ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ