ބަރުލަމާނީ ނިޒާމު ގެނައުމުގެ ހުވަފެނަކީ ބިލާހެއް: ގާސިމް
ރާއްޖޭގައި ވެރިކަން ކުރާ ނިޒާމަކީ ބަރުލަމާނީ ނިޒާމަށް ހަދަން ދެކޭ ހުވަފެނަކީ ބިލާހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާއަށް ވާދަ ކުރައްވަން ކެމްޕެއިން ފެއްޓުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވަނީ ބަރުލަމާނީ ނިޒާމުގެ ހުރި ގެއްލުމުގެ ވާހަކަ ދައްކަވާފަ އެވެ. އަދި ރާއްޖެއަށް ބަރުލަމާނީ ނިޒާމު ނުގެނެވޭނެ ކަމަށް ވިދާޅުވި އެވެ. "ދިވެހިރާއްޖޭގައި އޮތް ޖުމްހޫރިއްޔަތު ބަދަލުކޮށް ޕާލިމެންޓްރީ ނިޒާމަކަށް ގެންދިއުމުގެ ހުވަފެނަކީ އެއީ ހުވަފެނެއް. އެއީ ބިލާހެއް. އެކަމެއް ދެނެއް ނުކުރެވޭނެ. ދިވެހިރާއްޖޭގެ ލޮބުވެރި ރައްޔިތުން މިވަނީ ޖުމްހޫރީ ވެރިކަމެއް ބަލައިގަތްފަ." ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި ވެރިކަމުގައި ހުންނާނީ ޕްރައިމް މިނިސްޓަރު ކަމަށާއި އެއީ ރައްޔިތުން ހޮވާ މީހެއް ނޫން ކަމަށެވެ. ޕާޓީތަކުން ހޮވާ މީހެއް ކަމަށެވެ. އަދި ބަރުލަމާނީ ވެރިކަމެއްގައި ރައްޔިތުންނަށް އެއްވެސް ފުރުސަތެއް ނުލިބޭ ކަމަށް ގާސިމް ވިދާޅުވި އެވެ. ބަރުލަމާނީ ވެރިކަމެއްގައި މިނިސްޓަރުންނަށް ތިބޭނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށް ވިދާޅުވެ މިނިސްޓަރުން ޖަވާބު ދާރީ ކުރުވާނެ ގޮތަކާ މެދު ގާސިމް ވަނީ ސުވާލު އުފައްދަވާފަ އެވެ. "ދިވެހިރާއްޖޭގެ ރައްޔިތުން ބަލައިގެންފައި މިވަނީ ވަރަށް މަތީ އަޣުލަބިއްޔަތަކުން ޖުމްހޫރީ ނިޒާމު. އެހެންވީމަ އެކަނ ބަދަލުކުރަން ވަކި ބޭފުޅަކު އުޅުނޭ ކިޔާފަ ކިހިނެތްތޯ އެކަން ކުރަނީ." ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވި ގޮތުން ބަރުލަމާނީ ނިޒާމު ގެންނަން އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަސް އަހަރު ދުވަހުގެ ވެރިކަން ކުރައްވާނެ ފުރުސަތު ނުދިނުމަށް ކަމަށެވެ. އަދި އެއުޅެނީ "ކުރުގަންނަވާލާފައި އަވަހަށް ބާރަށް އައިސް ވެރިކަމުގައި އިށީންނަ ހިތުން" ކަމަށް ގާސިމް ވިދާޅުވި އެވެ. "އަޅުގަނޑު ދަންނަވާނީ މިވަރު ތަންފުކެއް ބޮޑޭ އިނގޭތީ. އަމިއްލަ އެދުންވެސް އޮންނަންވާނީ ވަކި ވަރަކަށް ދެއްތޯ. އެހެންވީމަ މިވަރު ތަނަކޮޅެއް ބޮޑު. މާބޮޑަށްވެސް ބޮޑު." ގާސިމް ވިދާޅުވި އެވެ. ގާސިމް އެހުރިހާ ވާހަކައެއް ދެއްކެވިއިރު އެއްވެސް ބޭފުޅެއްގެ ނަން ވިދާޅެއް ނުވެ އެވެ. ނަމަވެސް ބެލެވޭގޮތުން ގާސިމްގެ ވާހަކަފުޅު އަމާޒު ކުރެއްވީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށެވެ. ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ބޭއްވުމަށް އެންމެ ބޮޑަށް ތާއީދު ކުރެއްވީ ނަޝީދު އެވެ. ގާސިމް ތުހުމަތު ކުރައްވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯއްދަވަން ނަޝީދު އުޅުއްވަނީ ގާނޫނުއަސާސީ ބަދަލުކޮށްގެން ބަރުލަމާޏީ ނިޒާމެއް ގެނައުމަށެވެ. އެހެންވީމަ ރާއްޖޭގެ ރައްޔިތުން ހޭލުންތެރި ކަމާއެކު ތިއްބެވުމަށް ގާސިމް އެދިލެއްވި އެވެ. އެމަނިކުފާނަށް ނުވަތަ އެޕާޓީއަށް ނިސްބަތްވާ ބޭފުޅުނަށް "މަހުޖަނޭ ނުވަތަ ސޭޓޭ ކިޔާއިރު" ތަނަވަސްކަމުގެ އަހުލުވެރިންގެ ތެރެއިން އެކަކުވެސް އެމްޑީޕީގައި ނެތީތޯ ގާސިމް ސުވާލު ކުރެއްވި އެވެ. "ބަލަ ކީއްތޯ މިވަނީ. ކުރިމަތިލާފައި ލާރި ހޯދަން މިދަނީ ކޮންބައެއް ކާރިއަށްތޯ. ނޫނިއްޔާ އެފައިސާ ދެން ގެންނަނީ ކޮންތާކުންތޯ. ބޭރުގައުމަކުންތޯ ނުނީވިއްޔާ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ތަނަވަސް މީހުންގެ އަތުންތޯ. ނުވަތަ ދައުލަތުގެ ބައިތުލްމާލުން ކުންފުނިތަކުން އެހެން މިހެން ހަދައިގެން ނަގަނީތޯ. މިއީ ސުވާލެއް ދެއްތޯ. މިސުވާލަށް ޖަވާބު އެބަ ލިބެންޖެހެ ދެއްތޯ. ހަރަދު އެބަކުރޭ ހެޓުކިޔާފަ." ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ