ޖުމްހޫރީ ޕާޓީއަކީ ޞުލްޙަ މަސަލަސްކަމަށް ލޯބިކުރާ އިންޞާފުގެ މަގު ޚިޔާރު ކޮށްގެން ރައްޔިތުންނަށް ހަމަހަމަކަން ހޯދައިދިނުމަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް 6 ބޭފުޅަކު ސޮއިކުރެއްވުމަށްޓަކައި އެޕާޓީގެ ރަސްމީ އޮފީސް، ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނަކީ ޖުމްހޫރީ ޕާޓީގެ ލީޑަރަށްވީ ނަމަވެސް އަމިއްލަ މަޞްލަޙަތަށްވުރެ ރައްޔިތުންނަށް ހަމަހަމަކަން ހޯއްދަވައިދެއްވުމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގައި އެމަނިކުފާނު ހުންނެވުމާއެކު ކޮންމެ ބަޔަކު އެމަނިކުފާނުގެ އަރިއަހަށް ޝަކުވާއަކާއިގެން އަތުވެއްޖެ ނަމަވެސް އެ ރައްޔިތަކަށް ނުވަތަ ރައްޔިތުންތަކަށް އިންޞާފު ހޯއްދަވައިދެއްވުމަށް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ދުވާލާއި ރޭގަނޑު ހުންނަވައިގެން ކުރައްވަން ޖެހިވަޑައިގަތަސް ކުރައްވާނެ ކަމެއް ކަމަށެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނުގެ އަރިއަހަށް ބަޔަކު ޝަކުވާއާއިގެން އައުމުން އެމީހުނާއި ބައްދަލުކުރުމުން ސޯޝަލް މީޑިއާއާއި އެހެނިހެންވެސް އެބާވަތުގެ ފޯރަމްތަކުގައި އެކިވާހަކަ ދައްކަމުންދަނީ އިންޞާފުގެ ހަމަހަމަކަން ދެނެގަތުން އުނދަގޫވާ މީހުން ކަމަށެވެ.
އެހެންވީމާ އެކަމުން ޙަސަދަވެރިކަމާ ދެކޮޅުވެރިކަން އުފައްދަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަން ނުކުރެވޭނެ ކަމަށާއި، ކޮންމެ ރައްޔިތަކީވެސް ހަމަހަމަ ކަމާއެކު ޚިދުމަތް ލިބެންޖެހޭނެ ބައެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ކޯލިޝަން ސަރުކާރުން އެއްބަސްވުމަކަށް އައިއިރު މަޖިލިސް އިންތިޚާބާއި ގުޅޭ ގޮތުންވެސް އެއްބަސްވުމަކަށް އާދެވުނު ކަމަށެވެ.
އަދި އެގޮތް ޤަބޫލުނުކޮށް މަސައްކަތް ކުރަމުންދަނީ ހުރިހާ ކަމެއް ރައްޔިތުންގެ އަތުން ބީކޮށްލުމުގެ ވިސްނުމެއް އޮތް ބަޔަކު ކަމަށް ވިދާޅުވިއެވެ. އަދި އެގޮތަށް މަސައްކަތް ކޮށްގެން ކަންކުރި މީހާއާއި ޖަވާބުދާރީވާންޖެހޭ މީހާއަކީ އެކަކަށް ހަދައިފިނަމަ ރައްޔިތުންނަށް ފުރުޞަތެއް ލިބެނީ އެންމެ ފަހަރަކު ކަމަށް ގާސިމް ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ރިޔާސީ ނިޒާމު ބަރުލަމާނީ އެނބުރުމަކަށް ހިނގައްޖެނަމަ ކަންވާނެ ގޮތަށް އިޝާރާތް ކުރައްވައި ޤާސިމް ވިދާޅުވީ އެއީ ރައްޔިތުން ޤަބޫލުރާނެ ކަމެއް ނޫން ކަމަށެވެ.
ރާއްޖޭގެ ރައްޔިތުންގެ ޙާލާއި ދުޅަހެޔޮކަމަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ، އެމަނިކުފާނުގެ ފަރާތްޕުޅުން ރައްޔިތުންނަށް ބޭސްފަރުވާއާއި އެނޫންވެސް އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދެއްވި މަޤުޞަދު 2008 ވަނަ އަހަރުން ފެށިގެން ޙާޞިލްވެއްޖެ ކަމަށެވެ.
އެގޮތުން ބޭސްސިޓީއަށް ރައްޔިތުން ސަލާންޖެހުން ހުއްޓުވުމަށް ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާއަކަށްވީ ރައްޔިތުންނަށް އެކަންވެސް ފުރިހަމަވެގެންދިއުން ކަމަށް ވިދާޅުވިއެވެ.
ޖޭޕީއަށް ބުދަ ދުވަހުގެރޭ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ކުރީގެ ރައީސް މުހައްމަދު ފަރުހާދު ހިމެނިވަޑައިގަންނަވައެވެ.
ޖުމްހޫރީ ޕާޓީއަކީ އިންސާފުގެމަގުން ރައްޔިތުންނަށް ހަމަހަމަކަން ހޯދައިދިނުމަށް މަސައްކަތްކުރާ ޕާޓީއެއް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ