ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާ ނުލައި މިހާރު އޮތް ސަރުކާރުގެ ކޯލިޝަން އުފެދިގެން އައިސްދާނެ ކަމަކަށް ގަބޫލުފުޅުނުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ވިލިނގިލީ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ދިޔާނާގެ ކެމްޕޭން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިއްތިހާދު އުކުލަވާލުމުގައި ދިޔާނާ ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.
"އަލްއުސްތާޛާ ދިޔާނާ ސައީދު، އެއީ އަޅުގަނޑު ދުށް ތަނުގައި ހާއްސަކޮށް މިދިޔަ ދެތިން އަހަރު އިއްތިހާދު އެކުލަވާލުމުގައި ވަރަށް ބުރަ، ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް. ގަބޫލުފުޅުކުރައްވާ، ހަގީގަތުގައި ދިޔާނާއާ ނުލައި އަޅުގަނޑު ނުދެކެން މި އިއްތިހާދު މިގޮތަށް އުފެދިގެން އައިސްދާނެ ކަމަކަށް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރުގެ އަނބިކަނބަލުންނާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާ އެކުގައި ހުންނާނޭ އެކަކުވެސް ނެތް މިންވަރަށް އެހެން އެންމެން ގުޅުވާލުމަކީ ދިވެހިރާއްޖޭގެ ވެރިކަން އަލުން އަނބުރާ ދިވެހިންނަށް ލިބުމުގެ ކާމިޔާބީގެ ވަރަށް ބޮޑު ސިއްރެއް ކަމަށެވެ.
"ދިވެހިރާއްޖޭގެ ވެރިކަން އަލުން އަނބުރާ ދިވެހިން ހޯދާފައި މިވަނީ ކިތަންމެ ބައެއް ވަރަށް ތަފާތު ގިނަ އެތައް މަސައްކަތެއް ކޮށްގެން. ޝައްކެއް ވެސް ނެތް ގޮތުގައި ރާއްޖޭގެ ރައްޔިތުންގެ ސާބިތުކަމާއި ހިތްވަރާއި ނުގުޑާފަދަ އަޒުމާއި އެ ރައްޔިތުންގެ އިހުތިޖާޖުތަކާއި އެ ރައްޔިތުންގެ އަމާޒު ވެގެންދިޔައީ އެންމެ ބޮޑު އެއް ސިއްރަށް. އެހެންނަމަވެސް އިއްތިހާދު އުފެއްދުން، އަދި ރައީސް ޔާމީން ބާކީވުން، ރައީސް ޔާމީނާ އެކުގައި ހުންނާނޭ އެކަކުވެސް ނެތް މިންވަރަށް އެހެން އެންމެން ގުޅުވާލުން. އެއީވެސް މިކާމިޔާބުގެ ވަރަށް ބޮޑު ސިއްރެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ދިޔާނާއާ ނުލައި މި އިއްތިހާދު މިގޮތަށް އުފެދިގެން އައިސްދާނެ ކަމަކަށް ގަބޫލެއް ނުކުރަން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ