ރައްޔިތުން އެގޭނީ ރައްޔިތުންގެ ރައީސަކަށް، ޔާމީނަކީ ރައްޔިތުންގެ ރައީސެއް ނޫން: މަހުލޫފް

ރައްޔިތުންގެ ރައީސަކަށް ނޫނީ ރައްޔިތުންގެ ވިސްނުމާއި ފިކުރު ނޭގޭނެ ކަމަށާއި ރައީސް ޔާމީނަކީ އެއްއިރެއްގައި ވެސް ރައްޔިތުންގެ ރައީސެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި މަހުލޫފު ވިދާޅުވީ ރައީސް އިއްޔެ ގައުމާ މުޚާތަބު ކުރައްވައި ދެއްވީ އެމަނިކުފާނުގެ ވަދާއީ ޚިތާބު ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނަކީ އެކިފަހަރު އެކިގޮތަށް ވާހަކަފުޅު ދައްކަވާ ބޭފުޅެއް ކަމަށާއި އިންތިޚާބުގެ ބަލިގަބޫލުފުޅު ކުރައްވައި ވާހަކަފުޅު ދެއްކެވުމަށްފަހު ވެސް ފެނިގެންދިޔައީ ފަހުން ޚިޔާލީ ވާހަކަތަކެއްގެ ތެރެއިން އިންތިޚާބު ބާތިލްކުރުމަށް ކޯޓަށް ވަޑައިގަތް ތަން ކަމަށެވެ. އެގޮތަށް އިިއްޔެ ދެއްކެވި ވާހަކަފުޅު ވެސް އަނެއްކާ އެހެން ގޮތަކަށް ބަދަލުކުރައްވަފާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފު ވިދާޅުވީ މައުލޫމާތު ލިބޭގޮތުން ހޮނިހިރު ދުވަހުގެ ކުރިން ރައީސް ޔާމީން ގައުމު ދޫކުރައްވައި ވަޑައިގަންނަވާނެ ކަމަށެވެ. އެމަނިކުފާނުގެ މައްޗަށް ކުރެވޭ ބޮޑެތި ތުހުމަތުތަކެއް ހުރިއިރު ފިއްލަވައިގެން ވަޑައިގަތުމުގެ ފުރުސަތު ރައްޔިތުން ދީގެން ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިދިޔަ ފަސް އަހަރަކީ ސަރުކާރުގެ ފަރާތުން ބޮޑެތި ވައްކަންތަކެއް ކޮށް، ރައްޔިތުންނަށް ބޮޑެތި އަނިޔާތަކަކާއި ޖެއްސުން ކުރި ފަސް އަހަރު ކަަމަށެވެ. އިއްތިހާދުގެ ލީޑަރުންނަށް މަލާމާތުގެ ބަސްތައް ވެސް އެތައް ފަހަރަކު ރައްދުކުރައްވާފައިވާ ކަަމަށާއި ނަމަވެސް މިއަދު ފެންނަނީ އެމަލާމާތް އެމަނިކުފާނަށް އަނބުރާ ރައްދުވާ މަންޒަރު ކަމަށް މަހުލޫފް ވިދާޅުވިއެވެ.
"ރައީސް ނަޝީދު ބޭރުގައި ހުންނެވީތީ ބްރިޖުމަތީ ގޮނޑި ދުއްވަން ވަޑައިގަންނަވާށޭ، ހިތްވަރު ހުރިއްޔާ ވަޑައިގެން ޖަލުގައި އޮންނަވާށޭ، މިކަހަލަ ގޮތްގޮތަށް ޖެއްސުމަށް މަލާމާތަށް ވާހަކަދެއްކެވީ. ގާސިމް އިބްރާހީމް ފަދަ ބޭބޭފުޅުންނަށް ވަރަށް މަލާމާތުގެ ބަސްތައް ރައްދުކުރެއްވި. އަދި ތިމަންނައަކީ ރައްޔިތުންނާ އެކީގައި އަބަދު ހުންނާނެ މީހެއް ކަމާއި ވެރިކަން ބަދަލުވި ކަމުގައި ވިޔަސް ރައްޔިތުންނާ އެކީގައި މަސައްކަތުގައި ދެމިހުންނާނެ މީހެއް ކަމަށް ތަކުރާރުކުރަމުން ގެންދިޔަ. ނަމަވެސް އިންތިޚާބަށްފަހު ނަތީޖާވެސް ގަބޫލުފުޅެއް ނުކުރެއްވުނު. ރައްޔިތުންނާ އެކީގައި އެމަސައްކަތުގައި ދެމިހުންނަވަން އުޅުއްވާ މަންޒަރެއް ވެސް ނުފެނޭ" މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ ރައީސް ޔާމީނަކީ ވަރަށް ފިނޑި ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ ނަން ތާރީޚުގައި ލިޔެވިގެންދާނީ ވަރަށް އަނިޔާވެރި، ޚުދުމުޚުތާރު، ޚިޔާނާތްތެރި ވެރިއެއްގެ ގޮތުގައި ކަަމަށެވެ. އަދި ފިއްލަވައިގެން ވަޑައިގަތުމުން "ފިލި ޔާމީން"ގެ ނަން ރައްޔިތުން އެމަނިކުފާނަށް ދޭނެ ކަމަށެވެ.
ރައީސް ޔާމީންގެ އެންމެ ބޮޑު ނުކުޅެދުންތެރިކަމަކީ ފަސް އަހަރު ތެރޭ ރައްޔިތުންގެ ވިސްނުން އެނގިވަޑައިނުގަތުން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާތީ މަހުލޫފް ވިދާޅުވީ އާއިލާ ތެރޭގައި ތިއްބެވި ބޭފުޅުން އެނގިވަޑައިނުގަންނަވާ ބޭފުޅަކަށް އާންމު ރައްޔިތުން އެނގިވަޑައިނުގަންނަވާނެ ކަމަށެވެ. ފަސް އަހަރުތެރޭ ފެނިގެން ދިޔައީ އާއިލީ ބޭބޭފުޅުންނާއި އެންމެ ގާތް ބޭބޭފުޅުންނާއި އެންމެ ގާތުން މަސައްކަތް ކޮށްދެއްވި ބޭބޭފުޅުން ޖަލަށްލައްވައި ކުރެވުނު އަނިޔާއެއް ކުރެއްވި ތަން ކަމަށެވެ.
"އެންމެ ގާތް މީހުންނަކީ ކޮން ބައެއްކަން ނޭގުނު މީހަކަށް ދެން އެހެން އެއްވެސް ރައްޔިތަކު ނޭގޭނެ. ހަގީގަތަކީ އެވަރަށް ހަޑި ވާހަކައެއް އެވިދާޅުވަނީ. ރައްޔިތުން ތިމަންނަ ކުރި މަސައްކަތް ބަލައިނުގަތީއޭ. ރައްޔިތުންނަކީ ވަރަށް ނުބައިނުލަފާ ބައެކޭ. އެމެސެޖު ތަންކޮޅެއް ރީތިގޮތަކަށް ދެއްވީ ކަމަށް އަޅުގަނޑަށް ފާހަގަވަނީ. ރައީސް ޔާމީނަކީ އެއްވެސް އިރެއްގައި ރައްޔިތުންގެ ރައީސެއް ނޫން. ނޫންނަމަ ރައްޔިތުންނާ އެކުގައި ގާތުން މަސައްކަތް ކުރެއްވި ރައީސެއް ނޫން. މުޅި ރިޔާސީ އިންތިޚާބު ނިމިގެންދިޔައިރު ރައީސް ޔާމީން ފޮޓޯގަނޑެއް ނެންގެވުމަށް ވެސް ޑޯޓުޑޯ ވެސް ހައްދަވާފައި ނެތް" މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ އެންމެ ފަހުން 2013 ގައި މާލޭގައި ރައީސް ޔާމީނަށް އެކަން ކޮށްދެއްވީ އޭނަ ކަމަށާއި އޭރު ގޭގެއަށް ވަންނަންޖެހޭ ގޮތް އެމަނިކުފާނަށް ކިޔައިދެއްވަން ޖެހުނު ކަމަށެވެ. އެމަނިކުފާނަކީ އެއްގޮތަކަށް ވެސް ރައްޔިތުން އެނގިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށް މަހުލޫފް ވިދާޅުވިއެވެ. މަހުލޫފް ވިދާޅުވީ މިފަހަރު އިންތިޚާބުގައި މަދު ރަށަކަށް ރައީސް ޔާމީން ވަޑައިގަތްއިރު ވެސް ހަތިޔާރާއެކު ވަޑައިގެން ދޮންވެލި ލީ ތަނެއްގައި އަގުބޮޑުކޮށް ޓެންޓު ޖައްސަވައިގެން ނޫނީ ޖަލްސާއެއް ވެސް ނުބާއްވަވާ ކަމަށެވެ. އެހެންކަމުން ރައއްޔިތުންގެ ހަގީގީ ހާލަތެއް، ރައްޔިތުންގެ ބޭނުމެއް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ