މޯލްޑިވިއަން އަށް ދަރާފައިވާ ފައިސާ ދެއްކުމަށް ޕީޕީއެމްގެ މައްޗަށް ހުކުމް ކޮށްފި

މިދިޔަ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްްސް (ޕީޕީއެމް) އިން ކުރި ދަތުރުތަކަށް ދައްކަން ޖެހޭ 3.8 މިލިއަން ރުފިޔާ ދައްކަން އެ ޕާޓީގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައީސްކަމުގައި ހުންނަވާ ޕީޕީއެމުން ރިޔާސީ އިންތިހާބަށް ކުރި ދަތުރުތަކުގެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ، އެ ފައިސާ ހޯދުމަށް މޯލްޑިވިއަނުން ދައުވާ ކުރުމުން އެ މައްސަލަ ބެލުމަށްފަހުގައެވެ. ޕީޕީއެމުން މީގެ ކުރިން ބުނެފައިވަނީ ފައިސާ ނުދެއްކިގެން އުޅެނީ އިލްކެޝަންސް ކޮމިޝަނުން އެ ޕާޓީއަށް ދޭންޖެހޭ 8 މިލިއަން ރުފިޔާ ނުދީގެން ކަމަށެވެ. ނަމަވެސް މޯލްޑިވިއަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ޕީޕީއެމުން ވަނީ އެ ފައިސާ ދައްކަން ޖެހޭނެ ކަމަށް އެއްބަސްވެފައެވެ.
ސިވިލް ކޯޓުން ކުރި ހުުކުމްގައި ބުނެފައިވަނީ މޯލްޑިވިއަން އަށް ޕީޕިއެމުން 3.8 މިލިއަން ރުފިޔާ ދައްކަން ޖެހޭކަމަށް އެ ޕާޓީން ޝަރީއަތުގައި އިއުތިރާފްވެފައިވާ ކަމަށާއި، އިލެކްޝަނުން ޕީޕީއެމްއަށް ދޭން ޖެހޭ ފައިސާ އަދިވެސް ލިބިފައި ނުވާތީ އެ ފައިސާ ދެއްކުން މަޑު ޖައްސާލުމަށް ޕީޕިއެމްއިން ޝަރީއަތުގައި އެދިފައިވީ ނަމަވެސް، މޯލްޑިވިއަންއަކީ އާމްދަނީއަށް ބަރޯސާވެގެން ހިންގާ މުހިންމު ހިދުމަތެއް ދޭ ކުންފުންޏަކަށް ވާތީ އާއި އެ ފައިސާ ދެއްކުން މިހާރުވެސް ދިގުލައިގެން ގޮސްފައި ވާކަމަށެވެ.
އެހެންކަމުން 3.8 މިލިއަން ރުފިޔާ 15 ދުވަހުގެ ތެރޭގައި ޕީޕީއެމްއިން އެ އެއާލައިންއަށް ދެއްކުމަށް ސިވިލް ކޯޓުގެ ހުކުމްގައި ވަނީ ބުނެފައެވެ. ޕީޕިއެމުން މޯލްޑިވިއަނަށް ރިޔާސީ އިންތިހާބުގައި ކުރި ދަތުރުތަކަށް 4.8 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. ނަމަވެސް މޯލްޑިވިއަނުން ކޯޓަށް އެ މައްސަލަ ވެއްދުމުގެ ކުރިން ޕީޕީއެމުން ވަނީ އެއް މިލިއަން ރުފިޔާ މޯލްޑިވިއަނަށް ދައްކާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ