ހުޅުމާލޭގެ ހިރަފުހާއި ވެލީގެ މައްސަލަ: ސަލާމަތެއް ނެތް!
މާލެ ސަރަހައްދުގެ ތޮއްޖެހުމަށް ހައްލެއް ހޯދުމުގެ ގޮތުން ތަރައްގީކުރަން ފެށި ހުޅުމާލެއަކީ ކިތަންމެހާ ވެސް ހިތްގައިމު އަވަށެކެވެ. މާލެއާ އަޅާބަލާއިރު ހުރިގާ ގޮތަކުން ވެސް ފަސޭހައެވެ. މިއީ މިއަދު ގާތްގަނޑަކަށް 80،275 މީހުން ދިރިއުޅެމުންދާ ބޮޑު އާބާދީއެކެވެ. ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ހިއްސާކުރާ މި މާލޭ ސިޓީގެ ހުޅުމާލެއަކީ މިހާރު ގިނަ ބަޔަކު ދިރިއުޅުމަށް އިހުތިޔާރުކުރާ މައިގަނޑު އެއް މަންޒިލެވެ. ނަމަވެސް، ލައްކައަކާ ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅޭ މި ބޮޑު އަވަށުގެ މަގުތަކުގައި ހިރަފުހާއި ވެލީގެ މައްސަލަ ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިއީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި، ވަޒީފާއަށާއި އެކި ބޭނުންތަކަށް އެ އަވަށަށް ކޮންމެ ދުވަހަކު ޒިޔާރަތްކުރާ އެތައް ހާސް ބަޔަކަށް ދުވަހުން ދުވަހަށް ކުރިމަތިވަމުންދާ ވަރަށް ބޮޑު ތަކުލީފެކެވެ. ހާއްސަކޮށް މޫސުން ގޯސްވެ، ވައިގަދަވާ ދުވަސްތަކުގައި މަގުތަކުގައި އެނބުރޭ ހިރަފުހުގެ ސަބަބުން އާންމު ދިރިއުޅުމަށް ވަރަށް ބޮޑަށް ހުރަސްއެޅެއެވެ. ހުޅުމާލެއަކީ ހިއްކައިގެން ހަދާފައިވާ ރަށަކަށް ވުމާއެކު، އަދިވެސް ރަށުގެ ބޮޑު ބައެއްގައި ގުދުރަތީ ގޮތުން ވެލިގަނޑު ހިފެހެއްޓޭނެ ނިޒާމެއް ގާއިމުވެފައި ނެތުމަކީ މި މައްސަލަ އިތުރަށް ގޯސްވާ އެއް ސަބަބެވެ. ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއްގައި މީހުން ދިރިއުޅެން ފެށިތާ އެތައް އަހަރެއް ވެފައިވީ ނަމަވެސް، އަދިވެސް ނުހެދި ހުރި ހުސް ބިންތަކާއި، ތާރު ނާޅައި ނުވަތަ ނުހަދައި ހުރި މަގުތައް ގިނައެވެ. ފޭސް ދޭއްގައި ހިޔާ ފްލެޓްތަކާއި ފަހިދިރިއުޅުމުގެ ފްލެޓްތަކާއި އެހެނިހެން ހައުސިން ޕްރޮޖެކްޓްތައް ނިމި، އެތައް ހާސް ބަޔަކު އާބާދުވެފައިވީ ނަމަވެސް، އެ ސަރަހައްދުގެ ގިނަ މަގުތައް އަދިވެސް އޮތީ އެންމެ ފުރިހަމައަށް ތަރައްގީނުކުރެވިއެވެ. މިފަދަ ބިންތަކާއި މަގުތަކުގައި ހުންނަ ވެލި، ވައިގަދަ ދުވަސްދުވަހު މުޅި ސަރަހައްދަށް ފެތުރިގެން ދިއުމަކީ ވަރަށް އާންމު ކަމެކެވެ. ފޭސް އެކަކަށް ބަލާއިރު، ބޭރު މަގުތަކުގައި މި މައްސަލަ ވަކިން ބޮޑެވެ. ހާއްސަކޮށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދަކީ ބަރު އުޅަނދުފަހަރު ގިނައިން ދުއްވާ، އަދި އެންމެ ގިނައިން ހިރަފުސް އުފެދޭ އެއް ހިސާބު ކަމަށް އާންމުން ފާހަގަކުރެއެވެ. ކޮންސްޓްރަކްޝަން ސައިޓްތަކުންނާއި ހުސް ބިންތަކުން އަރާ ވެލި މަގުތަކަށް ޖަމާވެ، މުޅި ސަރަހައްދު އޮންނަނީ ހިރަފުހުން ފުރިފައެވެ. ބޮޑެތި ލޮރީތަކާއި ކޮންޓެއިނަރު އުފުލާ ޓްރެއިލަރތައް ދުއްވާއިރު، މަގުމަތީގައި ހުންނަ ވެލިތައް ވައިގެ ތެރެއަށް ބުރައިގެން ގޮސް، ކައިރީގައި ހުންނަ އިމާރާތްތަކަށާއި މަގު ހިނގާ މީހުންނަށް އޭގެ އުނދަގޫ ފޯރައެވެ. މިކަމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ގޭގެ ކުޑަދޮރުތައް ހުޅުވައިގެން ތިބުމަކީ ވެސް ނުކުރެވޭ ވަރުގެ ކަމަކަށް ވަނީ ވެފައެވެ. މަގުތަކުގައި އިންތިހާއަށް ވެއްޔާއި ހިރަފުސް އޮންނައިރު، މިއީ ދުއްވާ މީހުންނަށާއި ހިނގާ މީހުންނަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. ހަތަރު ފުރޮޅުލީ އުޅަނދެއްގެ ފަހަތުން ދެ ފުރޮޅުލީ އުޅަނދެއްގައި ދުއްވާފައި ދާއިރު، ނުވަތަ މަގުމަތިން ހިނގާފައިދާ މީހުންގެ ގަޔަށާއި މޫނަށް ވެއްޔާއި ހިރަފުސް ބުރުމަކީ އާންމު ކަމެކެވެ. މިކަމުގެ ސަބަބުން ސައިކަލު ދުއްވާއިރު ލޯ ނުހުޅުވޭ ވަރަށް ހިރަފުސް އެރުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަށް މަގުފަހިވެއެވެ. ކުއްލިއަކަށް ލޮލަށް ވެލި ވަނުމުން ސައިކަލު ކޮންޓްރޯލް ނުކުރެވި، އެހެން އުޅަނދުތަކުގައި ޖެހި ނުވަތަ ކަހާލައިގެން ވެއްޓޭ ހާދިސާތައް ހިނގުން ގާތެވެ. މީގެ އިތުރުން، ހުޅުމާލޭގައި ދުއްވާ ވެހިކަލްތައް އަބަދު ހިރަފުހުން ހަޑިވެފައި ހުރުމަކީ ވެސް އާންމު ކަމެކެވެ. ކިތަންމެ އަވަސް އަވަހަށް އުޅަނދުތައް ސާފުކުރި ނަމަވެސް، މަގުމައްޗަށް ނުކުންނަތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަނެއްކާވެސް ހިރަފުހުން ތަތްތެޅެއެވެ. މިއީ އުޅަނދުތައް މެއިންޓެއިން ކުރުމަށް ވެސް އާންމުންނަށް އުފުލަންޖެހޭ އިތުރު މާލީ ބުރައެކެވެ. އުޅަނދުތަކުގެ އިންޖީނަށާއި އެހެނިހެން ބައިތަކަށް ހިރަފުސް ވަނުމުގެ ސަބަބުން އަވަހަށް ހަލާކުވުމާއި، އެއާ ފިލްޓަރުތައް އަވަސް އަވަހަށް ބަދަލުކުރަން ޖެހުން ފަދަ މައްސަލަތައް ދިމާވެއެވެ. ހިނގާފައި އުޅޭ މީހުންނަށް ވެސް، ހާއްސަކޮށް ސްކޫލަށްދާ ކުދިންނާއި އޮފީހަށްދާ މީހުންނަށް، ސާފު ހެދުމެއްގައި މަންޒިލާ ހަމައަށް ދިއުމަކީ ވަރަށް އުނދަގޫ ކަމަކަށް ވަނީ ވެފައެވެ. މި މައްސަލައިގެ ސަބަބުން ކުރިމަތިވާ އެންމެ ބޮޑު އެއް ނުރައްކަލަކީ ސިއްހީ މައްސަލަތަކެވެ. ވައިގެ ތެރޭގައި ހުންނަ ހިރަފުހާއި ކުދި ވެލީގެ ސަބަބުން ނޭވާލާ ނިޒާމުގެ ބަލިތައް އާންމުވުމަކީ އެކަށީގެންވާ ކަމެކެވެ. ހުޅުމާލޭގައި ދިރިއުޅޭ ގިނަ ބަޔަކު އަބަދު ރޯގާ ޖެހިފައި ތިބުމާއި، ކެއްސުމާއި، ނޭވާ ހިއްލުން ފަދަ މައްސަލަތައް ދިމާވުމުގެ އެއް ސަބަބަކީ މިއީ ކަމަށް ވެދާނެއެވެ. ވައިގެ ތެރޭގައި ހުންނަ ޕާޓިކިއުލޭޓް މެޓާ (ޕީއެމް) ގެ ސަބަބުން ފުއްޕާމެއަށް ގެއްލުންވެ، ދިގު މުއްދަތަކަށް ފަރުވާކުރަންޖެހޭ ބަލިތަކަށް މަގުފަހިވެއެވެ. އަދި ލޮލަށް ހިރަފުސް އެޅުމުގެ ސަބަބުން ލޯ ރަތްވުމާއި، ލޮލުގެ އިންފެކްޝަންތައް އުފެދުން ފަދަ މައްސަލަތައް ވެސް ދަނީ އިތުރުވަމުންނެވެ. ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް މިކަމުގެ ނޭދެވޭ އަސަރު ވަކިން ބޮޑަށް ކުރެއެވެ. ކުޑަކުދިން ބޭރުގައި އުޅޭއިރު ހިރަފުހުގެ ތެރޭގައި އުޅެން ޖެހުމުން، އެކުދިންގެ ހެދިބޮޑުވުމަށާއި ދިފާއީ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. މިއީ ދިގު މުއްދަތެއްގައި މުޅި މުޖުތަމައުގެ ސިއްހަތަށް އޭގެ ނުރައްކާ ފޯރާނެ ކަމެކެވެ. ސިއްހީ ފަރުވާއަށް ކުރަންޖެހޭ ހޭދަ އިތުރުވުމާއި، ބަލިވުމުގެ ސަބަބުން ވަޒީފާއަށާއި ސްކޫލަށް ނުދެވޭ ދުވަސްތައް ގިނަވުމަކީ އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް އާއިލާތަކަށް އުފުލަންޖެހޭ ބޮޑު ތަކުލީފެކެވެ. މިއީ ޒަމާންވީ މައްސަލައެއް ނަމަވެސް، މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރާތަނެއް ނުފެނެއެވެ. ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި އިންތިހާއަށް މުވައްޒަފުން ތިބިއިރު، މަގުތައް ސާފުކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްގެން ވެސް ދަނީ ކުރަމުންނެވެ. އެހެންނަމަވެސް، އާންމުން ފާހަގަކުރާ ގޮތުގައި، މަގުތައް ސާފުކުރާއިރު ވެއްޔާއެކު ކެހުމުގެ ބަދަލުގައި ގިނައިން ސާފުކުރަނީ ގަސްގަހުން ފައިބާ ފަތްތަކާއި އެހެނިހެން ކުނިބުންޏެވެ. މަގުގެ އަރިމަތީގައާއި ޕޭވްމަންޓްތަކުގައި ޖަމާވެފައި ހުންނަ ވެލިތައް އެގޮތަށް ހުރުމުގެ ސަބަބުން، ކުޑަ ވައިރޯޅިއަކާއެކު އަނެއްކާވެސް އެ ވެލިތައް މުޅި މަގުމައްޗަށް ފެތުރިގެން ދެއެވެ. ކޮންސްޓްރަކްޝަން ސައިޓްތަކުން މަގުމައްޗަށް އެޅޭ ވެލިތައް ސާފުކުރުމަށް ހަރުދަނާ ގަވާއިދުތަކެއް ހުރި ނަމަވެސް، އެ ގަވާއިދުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވެމުން ނުދާކަން ފާހަގަކުރެވެއެވެ. އިމާރާތްކުރާ ފަރާތްތަކުން މަގުމައްޗަށް ވެލި ނޭޅޭނެހެން ފިޔަވަޅުތައް ނޭޅުމާއި، ކަމާބެހޭ ފަރާތްތަކުން އެކަންކަން ރަނގަޅަށް މޮނިޓާ ނުކުރުމަކީ މައްސަލަ ހައްލުނުވެ ދިގުލައިގެންދާ މައިގަނޑު އެއް ސަބަބެވެ. މިއީ ކަމާބެހޭ ފަރާތްތަކުގެ ޒިންމާދާރުކަން ކުޑަވުމުގެ ސަބަބުން ދިމާވާ މައްސަލައެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިފަދަ މައްސަލަތަކަކީ ޒަމާނީ ގޮތަށް ތަރައްގީކޮށްފައިވާ ދުނިޔޭގެ އެހެން ސިޓީތަކުގައި ވަރަށް ފަސޭހައިން ހައްލުކޮށްފައިވާ ކަންކަމެވެ. މިސާލަކަށް، އާބަން ޕްލޭނިންގެ ތެރެއިން މަގުތަކުގައި ގަސް އިންދައިގެން "ގްރީން ބެރިއާސް" ނުވަތަ ގަހުގެ ފާރުތައް ހެދުމަކީ ހިރަފުސް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ވަރަށް ކާމިޔާބު އުކުޅެކެވެ. ގަސްތަކުގެ ފަތްތަކުން ވައިގެ ތެރޭގައި ހުންނަ ހިރަފުސް ހިފަހައްޓައިދީ، ވައި ސާފުކޮށްދެއެވެ. މީގެ އިތުރުން، ކޮންސްޓްރަކްޝަން ސައިޓްތަކުން ހިރަފުސް އެރުން ހުއްޓުވުމަށްޓަކައި ވޯޓާ މިސްޓިން ސިސްޓަމްތައް (ފެން ސްޕްރޭކުރާ ނިޒާމުތައް) ބޭނުންކުރުމާއި، ހުސް ބިންތަކުގައި ޕޮލިމާ ސީލަންޓް ފަދަ ކެމިކަލްތައް ބޭނުންކޮށްގެން ވެލިގަނޑު ހިފެހެއްޓުމަކީ ވެސް ކުރެވިދާނެ ކަންކަމެވެ. އަދި މަގުތައް ސާފުކުރުމުގައި އާދައިގެ ފިހިގަނޑުން ކެހުމުގެ ބަދަލުގައި، ވެކިއުމް ސްވީޕާ ފަދަ ޒަމާނީ މެޝިނަރީ ބޭނުންކޮށްގެން މަގުތަކުގައި ހުންނަ ކުދި ވެލިތައް ނަގައި ސާފުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ބައެއް ގައުމުތަކުގައި ޕާމިއަބަލް ޕޭވްމަންޓް ނުވަތަ ފެން ހިނދޭ ފަދަ ގޮތަކަށް މަގުތައް ހަދައެވެ. މިފަދަ މަގުތަކުގެ ސަބަބުން ވެލިތައް ވައިގެ ތެރެއަށް އެރުން ކުޑަކޮށްދެއެވެ. ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރި އަދި ސާފުތާހިރު ތަނަކަށް ހެދުމަށްޓަކައި، އެޗްޑީސީއާއި ވެމްކޯ ގުޅިގެން މިފަދަ ޒަމާނީ އުސޫލުތައް ތަންފީޒުކުރުން މުހިންމެވެ. މިކަމަށް ބޭނުންވަނީ ހަމައެކަނި ވަސީލަތްތަކެއް ނޫނެވެ. ކަމާބެހޭ އިދާރާތަކުން ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލައި، ޒަމާނީ މެޝިނަރީ ބޭނުންކޮށްގެން މަގުތައް ސާފުކުރުމުގެ އަމަލީ މަސައްކަތް ފެށުމަކީ ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިހާރުން މިހާރަށް އަޅަންޖެހިފައިވާ ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ