ފެނަކަ ނ.ލަންދޫ ބްރާންޗުން ޑިސެމްބަރ 2016 ވަނަ އަހަރުގެ ކަރަންޓް ބިލް ލަންދޫގެ ގެތަކަށް އަދިވެސް ނުފޮނުވާކަން "ވަގުތު"އަށް ކަށަވަރު ވެއްޖެއެވެ.
"ވަގުތު" އަށް މައުލޫމާތު ހިއްސާކުރަމުން އެރަށުގެ ރައްޔިތަކު ބުނީ ގޭގެ އިން ރީޑިންގ ވެސް ބަރާބަރު ދުވަހުން ދުވަހަށް ނަގަމުން ނުދާކަމަށާއި އެގޮތުން ޑިސެމްބަރ 2016 ގެ ރީޑިންގ ނަގާފާއިވަނީ ރީޑިންގ ނަގަން ޖޭހޭ ތާރީޚް ފަހަނައަޅައި ދިޔަތާ 10 ދުވަސް ފަހުން 5 ޖެނުއަރީ 2017 ވަނަ ދުވަހުކަމަށެވެ.
"މިހާރު ލަންދޫ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އަކީ 2016 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ބިލް ގޭގެއަށް ފޮނުވާއިރު 2016 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ބިލްތަކަށް ވީގޮތަށް ބައެއް ގޭގޭ ބިލްތައް އަތް ނުފޯރާވަރަށް މައްޗަށް އަރާފައި ހުރެދާނެ ކަމުގެ ޝަކުވާ" އޭނާ ބުންޏެވެ.
ލަންދޫގެ ގިނަ ރައްޔިތުން ލަފާކުރާ ގޮތުގައި ދެން ބިލް އަންނާނީ 2016 ވަނަ އަހަރުގެ ޑިސެމްބަރ މަހާއި 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ބިލް އެއްކޮށް ކަމަށެވެ. އެކަން އެގޮތަށް ވެއްޖެ ކަމަށް ވަނީ ނަމަ އެއީ ރައްޔިތުންނަށް އިތުރު ތަކުލީފްތަކެއް ޖެހިދާނެ ކަމެއް ކަމަށް ލަންދޫ ރައްޔިތުން ދަނީ ބުނަމުންނެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ބިލް ލަންދޫ އިންޖީނުގެއިން ބަހާފައި ވާއިރު އެބިލްތަކުގައި ޖަހާފައިވަނީ އާދަޔާ ޚިލާފު ބޮޑު ޢަދަދުތަކެކެވެ. ބައެއް ގޭގޭގެއަށް ދިން ބިލްތަކުގައި ހަމައެކަނި ސެޕްޓެމްބަރ މަހަށް -/20000ރ. (ވިހިހާސްރުފިޔާ) ދައްކަން ޖެހޭކަމަށް ހުރި އިރު އަނެއްބައި ގޭގެއަށް ދިން ބިލްތަކުގައި 10 ހާހާއި 15 ހާހާ ދެމެދުގެ އަދަދުތަކެއް ހިމަނާފައިވެއެވެ.
އެކަމާއި ގުޅިގެން ލަންދޫގައި ވަރަށް ގިނަބަޔަކު ކަންބޮޑުވުން ފާޅުކޮށް އެމައްސަލަ މިހާރު ނ.ލަންދޫ މެޖިސްޓްރޭޓް ކޯޓަށްވެސް ވަނީ ވައްދާފައެވެ. އަދި އެމައްސަލައިގެ ފުރަތަމަ އަޑުއެހުންވެސް މިހާރު ބާއްވާފައިވާ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ.
ވަގުތު އަށް މަޢޫލޫމާތު ދެމުން ލަންދޫގެ ބައެއް ރައްޔިތުން ބުނީ ލަންދޫ އިންޖީނުގޭގެ ހާލަތު މީން ޒަމާނަކު ނުދާހާ ދަށަށް މިހާރުވަނީ ގޮސްފައެވެ. އެކަން އެގޮތަށް ވުމުގައި ނ.އަތޮޅުގެ ފެނަކަ ރީޖަނަލް އޮފީހުގައި ތިބި ވެރިންގެ އިހުމާލުވެސް އެރައްޔިތުން ފާހަގަ ކުރެއެވެ.
"ވަގުތު" އަށް މައުލޫމާތުދެއްވަމުން ފެނަކަ ލަންދޫ ބްރާންޗްގެ އެޑްމިން އޮފިސަރ ޝަރަފިއްޔާ އަބްދުއްރައްޒާގް ވިދާޅުވީ ޑިސެމްބަރު މަހުގެ ކަރަންޓް ބިލް ގޭގެއަށް ފޮނުވުން ލަސްވެގެން ދިޔައީ ބިލިންގ ސިސްޓަމްގައި މައްސަލައެއް ޖެހިގެން ކަމަށާއި، ނަމަވެސް މާދަމާގެ ވަގުތެއްގައި ގޭގެއަށް ކަރަންޓް ބިލް ފޮނުވާނެކަމަށެވެ.
ޝަރަފިއްޔާ އިތުރަށް ވިދާޅުވީ މީގެ ކުރިން ރީޑިންގ ނެގުން ލަސްވެގެން ދިޔަކަމުގައިވިޔަސް، ދެން ރީޑިންގ ނެގުން ލަސްވެގެން ނުދާނެކަމަށެވެ.
އަދި ސެޕްޓެމްބަރ މަހުގެ ކަރަންޓް ބިލް ބޮޑުވެގެން ގޮސްފައި ވަނީ އެތަނުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންގެ ފަރުވާ ކުޑަކަމުން ކަމަށް ޝަރަފިއްޔާ ފާހަގަކުރެއްވިއެވެ.
ލަންދޫ ކައުންސިލްގެ ރައީސް އާރިފް ވިދާޅުވީ ކަރަންޓް ބިލް ނައިސްގެން ޝަކުވާ ލިބިމުން އަންނަކަމަށާއި، ރައްޔިތުންނަށް ގެއްލުންވާ ކަމެއްގައި ކައުންސިލުން ބަލަން ނުތިބޭނެކަމަށެވެ.
"ވަގުތު" އަށް މަޢުލޫމާތު ހިއްސާކުރި ފަރާތަކުން ބުނި ގޮތުގައި ފެނަކަ ލަންދޫ ބްރާންޗްގައި ހިންގަމުން ގެންދާ 2 ޖެނެރޭޓަރ ސެޓް ގެ ހާލަތުވެސް ވަނީ އިންތިހާއަށް ގޯސް ވެފައެވެ. 180 ކިލޯވޮޓް ގެ ޖެނެރޭޓަރ ސެޓުން އުފެއްދެނީ 80 ކިލޯވޮޓް ކަމަށާއި 125 ކިލޯވޮޓް ގެ ޖެނެރޭޓަރ ސެޓުން ވެސް އުފެއްދެނީ 80 ކިލޯވޮޓް ކަމަށެވެ.
އެހެން ވުމުގެ ސަބަބުން ގިނަ ވަގުތު ހިންގާފައި ބަހައްޓަން ޖެހެނީ 2 ޖެނެރޭޓަރ ސެޓް އެއްކޮށް ކަމަށާއި، އެއްވެސް ޖެނެރޭޓަރަކަށް ކިތަންމެ ކުޑަ މައްސަލައެއް ދިމާވި ނަމަވެސް ރަށުން ކަރަންޓް ކަނޑަމުން ގެންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އިންޖީނު ތަކުގެ އަޑީތެޔޮ ބަދަލުކުރަން ޖެހެނީވެސް ބައެއް ހިސާބުތަކުން ކަރަންޓް ކަނޑާލައިގެން ކަމަށްވެސް އޭނާ މަޢުލޫމާތު ދިނެވެ.
ލަންދޫގެ ގެތަކަށް ޑިސެމްބަރ މަހުގެ ކަރަންޓް ބިލް ނުފޮނުވާތީ އަނެއްކާވެސް ބިލް ބޮޑުވެދާނެ ކަމުގެ ބިރު އުފެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ