ފަނޑިޔާރުން ކުރެއްވި ހުކުމަށް ސާބަސް - ގާސިމް

ސުޕްރީމް ކޯޓުން ރޭ ކުރި ހުކުމަކީ ވަރަށް ފުރިހަމަ ހުކުމެއް ކަމަށާއި ފަނޑިޔާރުން ކުރެއްވި ހުކުމަށް ސާބަސް ދަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުން ރިޔާސީ އިންތިހާބު ބާތިލު ކުރި ހުކުމަށްފަހު އުފާފާޅު ކުރެއްވުމުގެ ގޮތުންނާއި އަލުން ރިޔާސީ ކެމްޕޭނު ފެށުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ގާނޫނު އަސާސީއަށް ބޭނުން ގޮތެއް ނުހެދޭނެ ކަން ސުޕްރީމް ކޯޓުން އަންގައިދީފި ކަމަށެވެ.
ގާސިމް ވިދާޅުވީ ކޯޓުގެ ހުކުމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި ސުޕްރީމް ކޯޓުގެ ހުކުމަކީ އެންމެ ފަހުގެ ނިންމުން ކަމަށެވެ.
ރައްޔިތުންނަށް ނަސްރެއް ލިބިއްޖެ ކަމަށާއި ރެއަކީ ގާނޫން އަސާސީގެ ބާރުވެރިކަން ދަމަހައްޓާ ނެގެހެއްޓެމުންދާކަން ކަށަވަރު ކުރެވުނު ރެއެއް ކަމަށާއި ރޭގެ ކާމިޔާބާއެކު ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޕޭން ރަސްމީކޮށް ފެށުނީ ކަމަށެވެ.
ގާސިމްގެ ރަނިންމޭޓު އަދި ގައުމީ ޕާޓީގެ ލީޑަރު ޑރ.ހަސަން ސައީދު ވަނީ އެ ޕާޓީން ކޯޓަށް ދިޔަ ސަބަބުތައް ބަޔާންކޮށްދީފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ މައްސަލަ ކޯޓަށް ވެއްދީ ވުޖޫދުގައި ނެތް ބަޔަކަށް ވޯޓުލުމުން ކަމަށާއި 18 އަހަރުން ދަށުގެ ކުދިން ވޯޓުލާފާވާތީ އާއި މަރުވެފައިވާ ބަޔަކު ވޯޓުލީ ލިސްޓުގައި އޮތުމުން ކަމަށާއި އަދި ބީޕީއާރުއެސް ސިސްޓަމް ތެރެއިން ވޯޓު އޮޅުވާލުމުގެ ކަންތަކެއް ހިންގާފައި ވާތީ ކަމަށެވެ.
ހަސަން ސައީދު ވިދާޅުވީ ޖުމްހޫރީ ޕާޓީން ރައްޔިތުންނަށް ހައްގު ހޯދައިދީފައި ވަނީ ތަންތަނުގައި ހުޅުޖަހައި މީހުންނަށް ބިރުދައްކައިގެން ނޫން ކަމަށާއި ހައްގު ހޯދައިދީފައި ވަނީ ގާނޫނީ ހުދޫދުގެ ތެރެއިން ކަމަށެވެ.
ހަސަން ސައީދު ވިދާޅުވީ ރިޔާސީ ކެނޑިޑޭޓް ގާސިމަކީ އަބަދުވެސް ދިވެހި ރައްޔިތުންގެ ހައްގުތައް ހޯދަވައިދެއްވުމަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ލީޑަރެއްކަމަށާއި ގާސިމްގެ އެ މަސައްކަތަށް ރޭ ލިބިގެންދިޔައީ އިތުރު ކާމިޔާބެއް ކަމަށާއި ރޭ ޔަގީންވެގެންދިޔައީ ދިވެހި ރައްޔިތުންނަށް މިނިވަން އިންސާފުވެރި އިންތިހާބެއްގެ ޔަޤީންކަން ކަމަށާ މި ހައްގު ދިވެހި ރައްޔިތުންނަށް ލިބިގެންދިޔަކަމަށްޓަކައި މާތް ﷲ އަށް ޝުކުރުކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ