މެމްބަރު މުހައްމަދު ރަޝީދު މާދަމާ ކްރިމިނަލް ކޯޓަށް ހާޒިރު ކުރަނީ

އައްޑޫ ބޮޑުހުޅުގެ މައްސަލައިގައި ދައުލަތުން ޓެރަރިޒަމްގެ ދަޢުވާ ކުރާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު މާދަމާ ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފިއެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ، މެމްބަރު މުހައްމަދު ރަޝީދު މާދަމާ ހެނދުނު 9 ޖަހާއިރަށް ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައިވަނީ، ފެބްރުއަރީ 8 ވަނަ ދުވަހު އައްޑޫ ސިޓީގައިހުރި ދައުލަތުގެ އެކި ތަންތަނަށް ގެއްލުންދީ، ހުޅުޖެހިކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ކަމަށެވެ.
މިމައްސަލައިގައި އައްޑޫގެ ގިނަ އަދަދެއްގެ ބައެއްގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދަޢުވާ ކޮށްފައެވެ.
މަޖިލީހުގެ މެމްބަރު މުހައްމަދު ރަޝީދުގެ މައްޗަށް ދަޢުވާ ސާބިތުވެއްޖެނަމަ، އޭނާގެ މައްޗަށް 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތެއްގެ ޖަލުހުކުމެއް އައިސް، އޭނާ މަޖިލީހުގައި އިންނަވާ ގޮނޑިވެސް ގެއްލޭނެއެވެ.
މިމައްސަލައިގައި މީގެކުރިން ބޭއްވި އަޑުއެހުމަށް ހާޒިރުވުމަށް ކްރިމިނަލް ކޯޓުން ފޮނުވި ޗިޓާއި މުހައްމަދު ރަޝީދު ހަވާލުވެފައި ވީނަމަވެސް އެދުވަހު އޭނާ ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ.
އައްޑޫގެ އެކި ތަންތަނުގައި ހުޅުޖެހުމާއި ގުޅިގެން މިހާތަނަށް 80 އާއި ގާތްކުރާ އަދަދެއްގެ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާކުރަން ކްރިމިނަލް ކޯޓަށް ހުށައަޅާފައިވެއެވެ.
އެކޯޓުން ބައެއް މީހުންގެ ޝަރީއަތް ފަށާފައިވާއިރު، ބައެއް މީހުން ވަނީ ދަޢުވާއަށް އިންކާރުވެސް ކޮށްފައެވެ.
ހުޅުޖެހުމުގެ އެތައް މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިހާރުވެސް ދިރާސާ ކުރަމުންދާއިރު ފުލުހުންވެސް ދަނީ ބޮޑުހުޅުގެ މައްސަލައިގެ ބައެއް ތަހްގީގުތައް އަދިވެސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ