ނަޝީދު ވެރިކަމަށް އަސްފިނަމަ ލާދީނިއްޔަތު ފެތުރުން ނޫން ކަމެއް ނުދައްކާނެ - އިމްރާން

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު ވެރިކަމަށް އައިސްފިނަމަ އެމަނިކުފާނުގެ ލާދީނިއްޔަތު ފެތުރުން ނޫން ކަމެއް ނުދައްކާނެ ކަމަށާއި އެމަނިކުފާނަކީ މިގައުމަށް ތަރައްގީ އާއި ޑިމޮކްރަސީ ގެންނާނެ ބޭފުޅެއް ނޫން ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ގުޅުމުން ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުން އިމްރާން ވަނީ ވޭތުވެދިޔަ ތިން އަހަރު ކިތައް މީހުންނަށް އަނިޔާކުރިތޯ އާއި ކިތައް މީހުންތޯ ބަންދުކުރިތޯ އާއި ކިތައް މީހުންތޯ ޖަލަށްލީ ސުވާލުކުރައްވާފައެވެ.
"އޮނަރަބަލް ގާސިމް އިބްރާހިމް ޖަލަށްލީ ކޮން ކުށެއް އޮވެގެންތޯ؟ ، އަޅުގަނޑާއި ޑރ.މައުރޫފް އެއް ފަހަރެއްގައި ޖުމްހޫރީ މައިދާނުގައި ރީތިކޮށް އިށީންދެލައިގެން ތިއްބާ ޖަލަށް ގެންގޮސް ދައުވާ ކުރީ ކޮން ދައުވާއެއްކަން އެނގިވަޑައިގަންނަވާތޯ؟ ޓެރަރިޒަމްގެ ދައުވާ، ތަން ތަނުގައި ހުޅުޖަހާ ރޯކުރާ މީހުންގެ ދައުވާ، މިއެއް ނޫންތޯ މީނަގެ (ނަޝީދު) ޑިމޮކްރަސީއަކީ." އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ރައީސް ނަޝީދުގެ ކަންތައް ކޮންމެ ގޮތަކަށް ހުރި ކަމުގައިވިޔަސް ނަޝީދު ފަހަތުގައި "ބައިގަނޑެއް" އެބަތިބި ކަމަށެވެ.
އިމްރާން ވިދާޅުވި ގޮތުގައި އެތަނުން އެއް ބަޔަކީ ރައީސް ނަޝީދު ފަދައިން އެމަނިކުފާނުގެ ލާދީނީ އުސޫލުތަކާއި ހުރިހާ ކަމެއް ގަބޫލުކުރާ ބޮޑެތި ކުށްވެރިން ކަމަށާއި އެމްޑީޕީ ކޮންޓްރޯލްކުރަނީ އެމީހުންނެވެ. އަދި ދެން ތިބީ އެމަނިކުފާނާއިއެކު އުޅުމުގެ ސަބަބުން ނާޖައިޒު ގޮތުގައި ރައްޔިތުންގެ މުދަލުން އެތައް ފައިދާއެއްކޮށް އެމީޙުންނަށް އެތައް ގޮތަކުން މަންފާކޮށްފައި ތިބި ބައެކެވެ.
އިމްރާން އިތުރަށް ވިދާޅުވީ ރާއްޖެއާއި އަވައްޓެރި ބައެއް ގައުމުތަކުން ސިހުރު ހަދާ މީހުން ލައްވާ ސިހުރު ހެދުމުގެ ސަބަބުން އެމްޑީޕީގެ ބައެއް މީހުންނަށް ސިހުރު ޖެހިފައިވާ ކަމަށާއި ސިހުރު ޖެހުނު މީހުންނަށް ނަޝީދު ކޮންމެ ކަމެއް ކުރިޔަސް އެއީ ޑިމޮކްރަސީ އާއި ތަރައްގީ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އެމީޙުން ސިހުރުން ސަލާމަތްކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ސެޕްޓެމްބަރު 7 ގައި އަދި އެހެން އިންތިހާބެއްގައި ވެސް ރައީސް ނަޝީދަށް ދެވޭ ވޯޓަކީ އެވޯޓުގެ ސަބަބުން ނަޝީދު ހިތުހުރިހާ ކަމެއް ކުރުމަށް ދެވޭ ލައިސަންސެއް ކަމަށާއި ރައީސް ނަޝީދަށް ދެވޭ ވޯޓަކީ މާތްވެގެންވާ އިސްލާމް ދީން ރާއްޖެއިން ފޮހެލުމަށް ހުއްދަދިނުމަށް ދެވޭ ވޯޓެއް ކަމަށެވެ.
އަދި ނަޝީދަށްލާ ވޯޓަކީ ރާއްޖެ އަޅުވެތިކޮށް ރައްޔިތުން ނިކަމެތިކުރުމަށް ނަޝީދަށް ފުރުސަތު ދޭން ދެވޭ ވޯޓެއް ކަމަށާއި ރައްޔިތުންގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދުއްވާލައި ރައްޔިތުން ރޯންޖެހޭ ފަދަ ގޮތަކަށް ނަޝީދު މުޅި ގައުމު ބައްޓަން ކުރުމަށް މިގައުމުގެ ތަޅު ދަނޑި ހަވާލުކުރަން ދޭ ވޯޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.'
"އެހެންކަމުން އެންމެހާ ލޮބުވެތި ރައްޔިތުން، އަޅުގަނޑުމެން ވިސްނާ ފިކުރު ކުރަންޖެހޭ މީނައަށް (ނަޝީދު) މިގައުމުން ފުރުސަތެއް ދީގެން ނުވާނެ، މީނައަށް މިގައުމުން ފުރުސަތު ދިނުމުން މިގައުމަށް ހެދި ގޮތް އަޅުގަނޑުމެން އެންމެންނަށް ފެނިފައި އެބަހުރި، ތިން އަހަރު ދުވަހުގެ ތެރޭގައި އިސްލާމް ދީން ނައްތާލީ، ރާއްޖޭގެ އަހުލާގު ނައްތާލީ، އެންމެންނަށް ރާ ބޯންދިނީ، ދިވެހި އިސްލާމް ނައްތާލީ. މިހުރިހާ ކަމެއް ކުރަމުން ގޮސް ރާއްޖޭގެ އަގުބޮޑު ހުރިހާ ތަރިކައެއް ވިއްކާލީ." އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ހުރިހާ ތަރިކަ މުދަލެއް ވިއްކާލާއި ހުރިހާ ފައިސާ ރައީސް ނަޝީދާއި "ނަޝީދުގެ އައުވާނުން" ޖީބަށްލާފައިވާ ކަމަށާއި އެގޮތުން ފެން ކުންފުނި ވިއްކާލާ 8 މިލިއަން ޑޮލަރާއި ދިރާގު ވިއްކާލައިގެން 16 މިލިއަން ޑޮލަރާއި އެއާޕޯޓު ވިއްކާލައިގެން 27 މިލިއަން ޑޮލަރު ޖީބަށް އަޅާފައިވާ ކަމަށެވެ.
އިމްރާން ވަނީ ކާން ބޯންކުރާ މަސައްކަތް ވެސް ހުއްޓާލުމަށްފަހު އިސްލާމް ދީން ހިމާޔަތްކުރުމަށްޓަކައި 24 ގަޑިއިރު ވެސް ގާސިމް އިބްރާހިމަށް ވޯޓު ލިބޭ ގޮތަށް މަސައްކަތްކުރުމަށް ދިވެހި ރައްޔިތުންނަށް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ