ޖޯން އަށް ފައިސާ ދައްކަން އަނެއް ހިއްސާދާރުގެ މައްޗަށް އޮތީ ހުކުމް ކޮށްފައި

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެނިކޮށް ހައްޔަރު ކޮށްފައިވާ އެމެރިކާގެ ޖޯން ސޭފާޓް އޭނާ ހުޅުމާލޭގައި ހިންގި ގެސްޓް ހައުސް ވިޔަފާރީގެ އަނެއް ހިއްސާދާރަށް ދިން 42،000 އަށް ވުރެ ގިނަ ޑޮލަރު އަނބުރާ ޖޯން އަށް ދޭން ސިވިލް ކޯޓުން ހުކުމްކުރި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ހޯމަ ދުވަހު ހައްޔަރުކުރި ޖޯން ރާއްޖޭގައި އުޅެނިކޮށް އޭނާގެ ޕާސްޕޯޓް ވަގަށް ނެގުމުން، ވިސާ ނެތި ހުޅުމާލޭގައި އުޅެނިކޮށް އޭނާ ހިފަހައްޓައި، އޭނާ ޑިޕޯޓްކޮށްލަން ވަނީ އިމިގްރޭޝަނުން ނިންމައިފަ އެވެ. އޭނާގެ ޕާސްޕޯޓް ވަގަށް ނެގީ ދިވެއްސަކާ ބައިވެރިވެގެން އޭނާ ހުޅުމާލޭގައި ހިންގި ގެސްޓް ހައުސް ވިޔަފާރީގެ އަނެއް ހިއްސާދާރާ މައްސަލަ ޖެހި، އޭނާގެ ހިއްސާ އަތުލާފައި ވަނިކޮށެވެ.
ޖޯންއާ އެކު ވިޔަފާރިކުރި އަނެއް ހިއްސާދާރު، އަބްދުލް ހަސީބުގެ މައްޗަށް މިދިޔަ އަހަރު ޖޫން މަހު ކޯޓުން ހުކުމް ކުރީ ޖޯންގެ ފަރާތުން އެކި ފަހަރު މަތިން އަނެއް ހިއްސާދާރަށް ދިން 42،000 އަށް ވުރެ ގިނަ ޑޮލަރު (ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ) ދެ މަސް ތެރޭގައި އަނބުރާ ދެއްކުމަށެވެ. ހަސީބުގެ އެކައުންޓަށް ފައިސާ ޖަމާކުރީ ޖޯން މެދުވެރިވެގެން އެހެން ގައުމެއްގެ އިތުރު ދެ މީހަކާއި ޖޯން ކަމަށް ހުކުމުގައިވެ އެވެ.
އެނގިފައިވާ ގޮތުގައި ހަސީބުގެ ފަރާތުން އެ މައްސަލަ މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ޖޯންގެ ފަރާތުން މަސައްކަތް ކުރި ވަކީލަކު ވިދާޅުވި ގޮތުގައި ލިޔެ ކިޔުމުން ސާބިތުވީ 42،000 ޑޮލަރުގެ ދަރަނި ކަމަށް ވިޔަސް އެ ވިޔަފާރި އަށް ޖޯން ވަނީ 250،000 އެއްހާ ޑޮލަރު ޚަރަދުކޮށްފަ އެވެ. ޖޯން ރާއްޖެ އިން އެނބުރި ގައުމަށް ނުގޮސް ހުރީ އެ ފައިސާ ނުލިބެނީސް ނުދާންވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ބުނިން ދެން ތިހާ ފްރަސްޓްރޭޝަންގައި މިތާނގައި ހުންނަންވީ ކީއްކުރަންހޭ. ދާންވީ ނޫންހޭ ގައުމަށް. ބުނީމަ ވެސް ޖޯން ވިދާޅުވީ އެ ފައިސާ ނުލިބެނީހެއް ތިމަންނަ ނުދާނަމޭ. ތިމަންނަގެ ފައިސާއޭ އެއީ،" އެ ވަކީލް ވިދާޅުވި އެވެ.
އެ ވަކީލް ވިދާޅުވި ގޮތުގައި ޖޯން އަށް އެތައް ފަހަރެއްގެ މަތިން މަރުގެ އިންޒާރު ދީ އަދި އޭނާ އަށް ބަޔަކު ހަމަލާ ވެސް ދިނެވެ. އެ މައްސަލަ ފުލުހުންނަށް ވެސް ރިޕޯޓްކުރި ކަމަށާއި އެ މައްސަލަ ކުރިއަށް ނުދާތީ ޕްރޮސެކިއުޓާ ޖެނެރަލާ ވެސް ޖޯންގެ ފަރާތުން ބައްދަލުކުރި ކަމަށް ވަކީލް ވިދާޅުވި އެވެ.
"ޕީޖީ ވިދާޅުވެފައި އޮތީ އެއްބާރުލުން ދޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ޖޯންގެ ޕާސްޕޯޓް ވަގަށް ނެގުމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ފުރަތަމަ ފަހަރު އެ ޕާސްޕޯޓް ފުލުހުން ހޯދި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ދެ ވަނަ ފަހަރު ގެއްލުނު ފަހުން އެ ޕާސްޕޯޓް ފުލުހުންނަށް ނުހޯދޭ ކަމަށް އޭނާ ވިދާޅުވި އެވެ. ޕާސްޕޯޓް ގެއްލުނު މައްސަލަ އިމިގްރޭޝަނާއި އެމެރިކާގެ އެމްބަސީގެ ސަމާލު ކަމަށް ވެސް ޖޯން ގެނައި ކަމަށް ވަކީލް ވިދާޅުވި އެވެ.
"އެމްބަސީ އަށް ގުޅީމަ ބުނަނީ މީހަކު ފޮނުވާނަމޭ. އޭގެ ފަހުން ހަބަރެއް ނުވީމަ އަނެއްކާ ވެސް ގުޅީމަ ބުނީ ފޮނުވާނަމޭ. އެއީ މިދިޔަ މަހު،" އެ ވަކީލް ވިދާޅުވި އެވެ.
ވަކީލް ވިދާޅުވި ގޮތުގައި ޖޯން ޑީޕޯޓް ކުރުން ހުއްޓުވަން އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ. ސަބަބަކީ ޖޯން އަށް ލިބެންޖެހޭ ފައިސާ ނުލިބި ހުރުމާއި ޖޯންގެ ފަރާތުން ރާއްޖޭގެ ލޯފާމަކަށް ދޭންޖެހޭ ޑޮލަރުތަކެއް ދޭން ކޯޓުން ހުކުމްކޮށްފައި އޮތުމުންނެވެ. ލޯ ފާމަކަށް ފައިސާ ދޭން ޖޯންގެ މައްޗަށް މިދިޔަ މަހު ހުކުމްކުރީ އޭނާ އެ ލޯ ފާމުން ހޯދި ގާނޫނީ އެހީތެރިކަމަށް ފައިސާ ނުދެއްކުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ