މިގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުން: މާރިޔާ

މިގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުން ކަމަށާއި، މިގައުމުގައި ވެރިކަން ކުރާންޖެހޭނީ ގާނޫނުއަސާސީއާ އެއްގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރ އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ކުނޫޒްގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ އަހްމަދު ދީދީ ވިދާޅުވީ، މިގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން މިގައުމުގެ ސަލާމަތީ ބާރުތަކުން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. މިހާރު ގައުމުގައި ކަންކަން ހިނގަމުންދާގޮތުން ސަލާމަތީ ބާރުތަކުން އެކަމާ ވިސްނަންޖެހޭނޭ ކަމަށާއި، މިގައުމުގެ އެންމެންވެސް އެކަމާ ވިސްނަންޖެހޭނޭ ކަމަށް ވިދާޅުވިއެވެ.
އުސްތާޛާ މާރިޔާ ވިދާޅުވީ، މިހާރު އަބަދުވެސް ތިބެން މިޖެހެނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި، ގާނޫނުއަސާސީ އެއްފަރާތަށް ލައި، ސަރުކާރު ދަނީ ގާނޫނުއަސާސީއާމެދު ހިތުހުރި ގޮތަކަށް ކަން ކުރަމުން ކަމަށެވެ.
ރާއްޖޭގެ ގާނޫނުއަސާސީއަށް ދިވެހީން ގެނައި އިސްލާހްތަކުގެ ފޮނިމީރުކަމެއް ނުލިބުނު ކަމަށާއި، މިގައުމުގެ ހާލަތު ކުރީގެ ހާލަތަށް އަނެއްކާވެސް އެނބުރި އައިސްފައިވާ ކަމަށް މާރިޔާ އަހްމަދު ދީދީ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ، މިއަދު ރާއްޖެ މިއޮތް ހާލަތަކީ ރާއްޖެ ދެކެން ބޭނުންވި ހާލަތެއްނޫން ކަމަށެވެ. އެންމެ އަސާސީ ބޭނުންތައް ކަމަށްވާ ހަނޑުލާއި، ހަކުރާއި، ފުށުގެ ޓެކްސް ކޮށްފައިވާ ކަމަށާއި، އޭގެ ސަބަބުން ރައްޔިތުން ޖެހެމުންދަނީ ބަނޑަށް ކަމަށް މާރިޔާ ވިދާޅުވިއެވެ. ކަރަންޓް ބިލް ބޮޑުކުރަމުންދާ ކަމަށާއި، ކުއްލި ކުއްލިއަށް މަގުތައް ހަދައި ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ދެމުންގެންދާ ކަމަށާއި، އެގޮތަށް ކަން ކުރުމުން ބިލްތައް ދައްކަންޖެހެނީ ރައްޔިތުންނަށް ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ހައްޔަރު ކޮށްފައިވާ މައްސަލައަށް އިޝާރާތް ކުރައްވައި އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ ވިދާޅުވީ، ގާސިމް އިބްރާހިމް ޖަލަށް ލާފައިހުރީ ކަނޑައެޅިގެން ގާނޫނާ ޚިލާފަށް ކަމަށެވެ.
"ގާނޫނާ ގަވާއިދާ ކަނޑައެޅިގެން ޚިލާފަށް ގާސިމް ޖަލަށް ލާފައި ހުރީ. މަޖިލީސް މަމްބަރުން ހައްޔަރު ކުރެވޭ އިޖުރާއަތު ވަރަށް ސާފުކޮށް އިމްތިޔާޒުގެ ގާނޫނުގައި ސާފު އިބާރާތުން ލިޔެފައިވޭ. ކުށެއް ކުރަނިކޮށް ކުށުގެ ވެށިން ނުނަގާ ކަމަށް ވަންޏާ ހައްޔަރަށް އެދެވޭނީ ޕީޖީގައި އެދިގެން. ޕީޖީ އެކަމާ ވިސްނަވައި ސްޕީރިއަރ ކޯޓަކަށް ހުށަހަޅައިގެން ނޫނީ ހައްޔަރު ނުކުރެވޭނެ" މާރިޔާ އަހްމަދު ދީދީ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ، ގާސިމް އިބްރާހިމް ހައްޔަރު ކުރުމުގައި ޕީޖީގެ އެއްވެސް ދައުރެއް ނެތް ކަމަށާއި، ގާސިމް ހައްޔަރު ކުރުމުގެ އަމުރަކަށް އެދުނީ ފުލުހުން ކަމަށާއި، އަމުރު ނެރުނީ ކްރިމިނަލް ކޯޓުން ކަމަށެވެ.
"އެ އަމުރުގެ މައްސަލަ އިސްތިއުނާފް ކުރުމުން ބަލައި ނުގަތް. އެވަރަކުން އަޅުގަނޑުމެން ދުލެއް ނުކުރަން. މިހާރުވާނީ ޕީޖީއަށް މައްސަލަ ގެންގޮސްފައި. އަދި ޕޮލިސް އިންޓެގްރީޓީ ކޮމިޝަނަށާއި ހުރިހާ ދިމާއަކަށް މިގެންދަނީ ހުށަހަޅަމުން" މާރިޔާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުން އިންސާފުގެ ބޭރުން ކުރަމުންދާ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާ ލައްވައި ވާހަކަފުޅު ދައްކަވަމުން މާރިޔާ އަހްމަދު ދީދީ ވިދާޅުވީ، ނާއިބް ރައީސްގެ މަގާމުން ޑރ. ޖަމީލު ވަކިކުރެއްވިއިރު އެމައްސަލާގައި ދިފާއުގައި ޑރ. ޖަމީލުގެ ވަކީލަށް މަޖިލީހުގައި ބަސް ބުނުމުގެ ފުރުސަތުވެސް ނުދިން ކަމަށެވެ. ހަމަ އެއާއެކު ކުއްލިއަކަށް ޕީޖީ މަގާމުން ވަކިކުރުމުގައިވެސް ޖަވާބު ދިނުމުގެ ފުރުސަތުވެސް ނުދިން ކަމަށެވެ.
މާދަމާ ބާއްވަން އުޅޭ މަޖިލީހުގެ ޖަލްސާއަށް މައްސަލަ އެޖެންޑާ ކޮށްފައިވަނީވެސް ގާނޫނު އަސާސީއާ މުޅިން ޚިލާފަށް ކަމަށް މާރިޔާ ވިދާޅުވިއެވެ.
މިކަންކަން މިގޮތަށް ހުރުމުން ގައުމުގެ ހާލަތު ދުވަކަށްވުރެ ދުވަހެއް ދަނީ ގޯހުން ގޯހަށް ކަމަށާއި، މިކަންކަން ހަނދާންކޮށް ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް ހޯދުމަށް ނުކުންނަންޖެހޭ ކަމަށާއި، ބާރުތައް ހޯދަން މިއަދު ނުނިމުމެއްޖެނަމަ ހުރިހާކަމެއް ގެއްލިގެން ހިނގައިދާނެ ކަމަށް އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ، ރައީސް ޔާމީން މިހާރު ފައްތަވަމުން ގެންދަވަނީ ރާއްޖޭގެ އޮޔާއި ވަޔާއި ދިމާ އިދިކޮޅަށް ކަމަށާއި، އެހެން ނަމަވެސް މާގިނަ ދުވަހު އެކަން ކުރައްވާކަށް އިންސާނީ ބުންވަރު ތަންނުދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ