އަނެއްކާވެސް ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 6،328 ވޭޕް ކާޓްރިޖް އަތުލައިގެންފި

އަނެއްކާވެސް ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 6،328 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސްއިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމަންޓެއްގައި ގާނޫނާ ގަވާއިދާ ޚިލާފު ތަކެތި ހުރެދާނެ ކަމަށް ކަސްޓަމްސްއަށް ބެލެވިގެން އިއްޔެ މާލޭ ކޮމާޝަލް ހާބަރުގައި، ޚާއްސަ އޮޕަރޭޝަނެއް ހިންގި ކަމަށެވެ. އަދި މި އޮޕަރޭޝަންގައި "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއާކޮށްފައިވާ ޝިޕްމަންޓެއް ބަލައި ފާސްކޮށް، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓައި ފެނުނު ކަމަށް ކަސްޓަމްސްއިން ބުންނެވެ. ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނިކޮށް އަތުލައިގަތް 6،328 ވޭޕް ކާޓްރިޖް -- ފޮޓޯ/ ކަސްޓަމްސް އެގޮތުން ޖުމްލަ 6،328 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެނެސްފައި ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ. ކަސްޓަމްސްއިން ބުނި ގޮތުގައި މިހާރު މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މިފަހުން ވަނީ ކަސްޓަމްސްއިން ހިންގި އެކި އޮޕަރޭޝަންތަކުގައި ބޮޑެތި ޝިޕްމަންޓްތަކެއް މިގޮތަށް އަތުލައިގެންފައެވެ. އެ އޮޕަރޭޝަންތަކުގެ ތެރެއިން މި މަހުގެ 19 ވަނަ ދުވަހު ވަނީ ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރަން އުޅުނު 15,601 ވޭޕް ކާޓްރިޖް އަތުލައިގަނެފައެވެ. "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއާކޮށްފައިވާ ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވާފައި ހުރި މި ތަކެއްޗަކީ، ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމި ތާރީޚަށް ފަހު އަތުލައިގަނެވުނު އެންމެ ބޮޑު ޝިޕްމަންޓެވެ. މީގެ އިތުރުން، ޖޫން މަހުގެ 14 އަދި 15 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި އޮޕަރޭޝަނެއްގައި ޕޮޓޭޓޯ ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކުގެ ތެރޭގައި ފޮރުވާފައި ހުރި 1,108 ވޭޕް ކާޓްރިޖާއި 27 ވޭޕް ޑިވައިސް ވެސް ވަނީ އަތުލައިގަނެފައެވެ. އަދި މިމަހުގެ 17 ވީ ބުދަ ދުވަހުގައި އިތުރު 5,600 ވޭޕް ކާޓްރިޖް އަތުލައިގަނެފައިވާއިރު، ޖޫން 16 އިން 19 އަށް ހިންގި ތިން އޮޕަރޭޝަނެއްގައި ޖުމްލަ 22,309 ވޭޕް ކާޓްރިޖް ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. https://sun.mv/223649 ދެހާސް ސައްވީސް ވަނަ އަހަރުގެ ޑިސެމްބަރު 15، އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ. އެގޮތުން ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000ރ. ގެ ޖޫރިމަނާއެއް އަދި ބޭނުންކުރާ ކޮންމެ މީހަކަށް 5،000ރ. ގެ ޖޫރިމަނާއެއް އަންނާނެ އެވެ. މީގެއިތުރުން ވޭޕް ވިއްކައިފި މީހަކު ނަމަ 20،000ރ. އިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ ޖޫރިމަނާއެއް ވެސް ގާނޫނުގެ ދަށުން ކުރެވޭނެއެވެ. މި އޮޕަރޭޝަންތަކުގައި ވެސް ރެކޯޑް އަދަދަކަށް ވޭޕް އަތުލައިގަނެފައިވީ ނަމަވެސް، މި މައްސަލަތަކާ ގުޅިގެން މިހާތަނަށް އެޅި ފިޔަވަޅެއް އަދި ހާމައެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ