މާރުކޭޓު އެއްބަސްވުން ބާތިލުކޮށްދޭން ކުންފުނިން އެދުމުންވެސް ކައުންސިލުން އޮތީ އެކަން ނުކޮށް: މިނިސްޓްރީ
ޒަމާނީ ފެންވަރަށް މާލޭގައި މާރުކޭޓު ތަރައްގީކުރުމަށް މާލޭ ސިޓީ ކައުންސިލުން ޕްރައިވެޓް ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުން، އެއްވެސް ބަދަލަކާ ނުލައި ބާތިލުކޮށްދިނުމަށް އެ ކުންފުނިން އެދުމުންވެސް އެއްބަސްވުން އުވާލުމުގެ މަސައްކަތް އެ ކައުންސިލުން ކޮށްފައި ނުވާ ކަމަށް ހައުސިން މިނިސްޓްރީއިން މިއަދު ބުނެފިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މާރުކޭޓް މަޝްރުއަށް ބިން ހަވާލުކޮށްދެވެން ނެތް ސަބަބެއްގެ ގޮތުގައި ސިޓީ ކައުންސިލުން ބުނެފައި ވަނީ 2023 ވަނަ އަހަރުގެ މާޗް މަހުގެ ނުވަ ވަނަ ދުވަހު، ކައުންސިލާއި ހައިރު އިންޖީނިއަރިން ކޮންސަލްޓަންސީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މާރުކޭޓް ތަރައްގީކުރުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާތީއެވެ. އަދި މިނިސްޓްރީއަށް އެ ބިން ހަވާލުކުރެވޭނީ އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލްކުރުމަށްފަހު ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. މިކަމާ ގުޅުވާ މިނިސްޓްރީއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ އެއްވެސް ބަދަލަކާ ނުލައި އެއްބަސްވުން ބާތިލުކުރުމަށް ސިޓީ ކައުންސިލާއެކު އެއްބަސްވުމަށް އައިސްފައިވާ ހައިރު އިންޖީނިއަރިން ކުންފުނީގެ ފަރާތުން އެދިފައިވާ ކަމަށް މިނިސްޓްރީއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ އެއްބަސްވުން އުވާލުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކޮށްފައި ނުވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ. https://x.com/MIHUDmv/status/2068678135533724101 އެ ބަޔާނުގައި އިތުރަށް ވަނީ މާރުކޭޓް ތަރައްގީކުރުމުގެ މަޝްރޫ ސަރުކާރުން ކުރިއަށްގެންދަނީ ކައުންސިލުން އެތަން ޑިޒައިންކޮށް ޕްލޭންކޮށްފައިވާ ގޮތަށް ކަމަށެވެ. އަދި ކައުންސިލުން އެ މަޝްރޫ ކުރިއަށް ގެންދިއުމުގެ ގޮތުން އެއްވެސް މަސައްކަތެއް ނުކޮށް އޮތުމުން، ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމުގައި ދެކޭކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ. އެގޮތުގެ މަތިން މާލޭ ސިޓީ ކައުންސިލުން އެ މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނިން ވަގުތީ ގޮޅިތައް ހެދުން ފިޔަވައި އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ އެ މަޝްރޫއުގެ އެއްބަސްވުން ބާތިލްކުރުމަކީ އެކަމުގައި އެއްވެސް ހުރަހެއް އޮތްކަމެއް ކަމުގައި ނުދެކޭ ކަމަށާއި އެ އެއްބަސްވުން ބާތިލް ނުކުރި ނަމަވެސް އެ ބިން ސަރުކާރާއި ހަވާލުކުރުމަށް ހުރަހެއް އޮތް ކަމަށް ނުދޭ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައިގައި މިނިސްޓްރީގެ ފަރާތުން ކައުންސިލާ ބައްދަލުކޮށް މަޝްވަރާކުރުމަށް ދެކޮޅުހަދަމުން ދާތީއާއި ކައުންސިލްގެ ސިޓީތަކަށް ޖަވާބުނުދޭތީ ސިޓީ ކައުންސިލްގެ ފަރާތުން ވަނީ ކައުންސިލާއި މިނިސްޓްރީއާ ދެމެދު ޖެހިފައިވާ މައްސަލަ ހައްލުކޮށްދިނުމަށް އެދި ލޯކަލް ގަވަމެންޓް އޮތޯރެޓީ އެލްޖީއޭގައި އެދިފައެވެ. https://x.com/MaleCitymv/status/2068380147385078102 ސިޓީ ކައުންސިލުން ވަނީ މި މަޝްރޫއަކީ އާންމު މަސްލަހަތު ހިމެނޭ މަޝްރޫއަކަށްވުމާއެކު، ގާނޫނީ ހަމަތަކުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއަކަށް ހެދުމަށް ސިޓީ ކައުންސިލުން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަރުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ