މޭރީގެ މަރު: ލަމްހާއާއި މާވިންގެ މައްޗަށް ކުށް ސާބިތުވޭތޯ މާދަމާ ގޮތް ކަނޑައަޅަނީ
އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ އޭރުގެ ފިރިމީހާ މާވިން އެސްވައި (މިހާރުގެ ނަމުން ޔޫސުފް) އާއި މާވިންގެ ލޯބިވެރިޔާ، ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ކުރާ ދައުވާތަކުގެ ކުށް ސާބިތުވޭތޯ ކަނޑައެޅުމުގެ އަޑު އެހުން މާދަމާއަށް ތާވަލުކޮށްފިއެވެ. މޭރީ މަރާލި މައްސަލައިގައި މާވިންގެ މައްޗަށް، އެނގިހުރެ މީހަކު މެރުމުގެ ދައުވާ ދައުލަތުން ވަނީ އުފުލައިފައެވެ. އަދި މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިވެހި ނަރުސް، ހަލީމަތު ލަމްހާގެ މައްޗަށް ވެސް އެކަމުގައި ބައިވެރިވުމުގެ ދައުވާ ދައުލަތުން ކުރެއެވެ. މާވިން އާއި ލަމްހާގެ ޝަރީއަތް ވަކިވަކިން ކުރިއަށް ގެންދާއިރު، މި މައްސަލަތަކުގެ އަޑު އެހުން ނިންމާލައި، ޚުލާސާ ބަޔާން މީގެ މަހެއްހާ ދުވަސްކުރިން ވަނީ އިއްވާފައެވެ. ޚުލާސާ ބަޔާނަކީ ޝަރީއަތުގެ މައުޟޫއީ އަޑުއެހުންތައް ނިމުމުން، މައްސަލައިގައި ހިމެނޭ ދެ ފަރާތުން މުޅި މައްސަލަ ޖުމްލަ ގޮތެއްގައި ކޯޓަށް ހުށަހަޅައިދޭ އެންމެ ފަހު ބަޔާނެވެ. އެ ބަޔާނުގައި ހިމެނޭނީ ދައުވާގެ ކުރު ޚުލާސާއެކެވެ. އަދި އެ ބަޔާނަކީ ފަނޑިޔާރު މައްސަލައިގައި ހުކުމް ކުރުމުގެ ކުރިން، މައްސަލައިގެ ހުރިހާ ކަމެއް އެއްކޮށްލައިގެން ދެކެވޭ އެންމެ ފަހު ވާހަކަ ކަމަށްވާތީ، އާއްމު ގޮތެއްގައި ޚުލާސާ ބަޔާނަށް ފަހު އޮންނާނީ ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމާއި ހުކުމް ކުރުމެވެ. މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން އައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްލައިގެން، މަރާލާފައިވަނީ 19 އޮކްޓޫބަރު 2021 ގައެވެ. މާވިންގެ މައްޗަށް އަދި އޭނާގެ ދިވެހި ލޯބިވެރިޔާ ލަމްހާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ ދެ މީހުންނަށް ވެސް މަދުވެގެން 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. މި މައްސަލައިގައި ބަންދުގައި ހުރެ، މާވިން އިސްލާމްވެ، އޭނާގެ ނަން މިހާރުވަނީ ޔޫސުފްއަށް ބަދަލުކޮށްފައެވެ. މާވިން އިސްލާމްވެއްޖެކަން، އިސްލާމިކް މިނިސްޓްރީންވަނީ ކޯޓަށްވެސް އަންގައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ