ޕޭޕަލްއިން އެމް-ފައިސާއަށް ފައިސާ ޓްރާންސްފަރކުރުމަށް އިތުރު ފީއެއް ނުނަގާނެ

ޕޭޕަލްއިން އުރީދޫގެ އެމް-ފައިސާ ވޮލެޓަށް، ފައިސާ ޓްރާންސްފަރ ކުރުމަށް އިތުރު ފީއެއް ނުނަގާނެކަމަށް އުރިދޫންއިން ބުނެފިއެވެ.
އުރީދޫ މޯލްޑިވްސްއިން ރާއްޖެ އަށް ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފްކުރީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.
އުރީދޫންއިން ބުނީ ކަސްޓަމަރުން މިވަގުތު ދައްކަން ޖެހެނީ ހަމައެކަނި ޕޭޕަލްގެ ޢާންމު ޓްރާންސެކްޝަން ފީކަމަށެވެ. އަދި ޕޭޕަލްއިން އެމް-ފައިސާ ވޮލެޓަށް ފައިސާ ޓްރާންސްފަރ ކުރުމަށް އުރީދޫއިން އެއްވެސް އިތުރު ފީއެއް ނުނަގާނެކަމަށްވެސް އުރީދޫއިން ބުނެއެވެ. އެގޮތުން ބޭރު ޤައުމުތަކުގެ ކްލައިންޓުންނާއި، ކަސްޓަމަރުންނާއި، ޢާއިލާގެ މެންބަރުން ނުވަތަ އެހެނިހެން ވަސީލަތްތަކުން ފޮނުވާ ފައިސާ، ސާފު އަދި ދެފުށް ފެންނަ އަގުތަކެއްގައި ލިބިގަތުމުގެ ފުރުޞަތު ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.
ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބޭއިރު ނަގާނީ 1.50 ޔޫއެސް ޑޮލަރުގެ އިތުރުން، ޓްރާންސެކްޝަން ހަދާ ޖުމްލަ ޢަދަދުގެ %2އެވެ.
· ލިބުނު ފައިސާ: 100 ޔޫއެސް ޑޮލަރު
· ޕޭޕަލް ފީ: 3.50 ޔޫއެސް ޑޮލަރު
· ލިބުނު ސާފު ޢަދަދު: 96.50 ޔޫއެސް ޑޮލަރު
ފްރީލާންސަރުންނާއި، އަމިއްލަ ވިޔަފާރިވެރިން އަދި ބޭރު ޤައުމުތަކުން ފައިސާ ލިބޭ އަމިއްލަ ފަރުދުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ފީތައް ކެނޑުމަށްފަހު އެމީހުންނަށް ޙަޤީޤަތުގައި ލިބޭނީ ކިހާ ފައިސާއެއްކަން ސާފުކޮށް އެނގުމެވެ. ފީ ނެގުމުގައި ސާދާ އަދި ދެފުށް ފެންނަ އުޞޫލެއް ގެންގުޅުމުން، ކަސްޓަމަރުންނަށް ލިބޭ ފައިސާގެ ޞައްޙަ ޙިސާބެއް ހެދުމަށާއި، މާލީ ކަންކަން މާ ރަނގަޅަށް ބެލެހެއްޓުމަށް މަގުފަހިވެގެންދެއެވެ. އަދި ބޭރުގެ ކްލައިންޓުންނާއެކު މަސައްކަތްކުރާ ފްރީލާންސަރުންނަށް، މީގެ ސަބަބުން ޚިދުމަތްތަކުގެ އަގު ކަނޑައެޅުމަށާއި އެއްބަސްވުންތައް ހެދުމުގައި ޔަޤީންކަން ލިބިގެންދާނެކަމަށް އުރީދޫއިން ބުނެއެވެ. އަދި ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްތެރިންނަށް، ބައިނަލްއަޤުވާމީ ބާޒާރުތަކުގެ ކަސްޓަމަރުންނާއެކު މުޢާމަލާތްކުރުމުގައި އިތުބާރު ބޮޑުވެގެންދާނެކަންވެސް އުރީދޫންއިން ފާހަގަކުރެއެވެ.
ބައިނަލްއަޤުވާމީ މުޢާމަލާތްތަކުން ފައިސާ ލިބުމަކީ ހަމައެކަނި ފަސޭހައެއް ނޫނެވެ. މިއީ ދިވެހިންނަށް ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގައި މިއަށްވުރެ ޙަރަކާތްތެރިކޮށް ބައިވެރިވުމަށް ލިބޭ ފުރުޞަތެކެވެ. ބޭރުގެ ކްލައިންޓުންނާއެކު މަސައްކަތްކުރާ ގްރެފިކް ޑިޒައިނަރަކަށް ވިޔަސް، ދުރުގައި ހުރެގެން ޚިދުމަތްދޭ ސޮފްޓްވެއާ ޑިވެލޮޕަރަކަށް ވިޔަސް، އޮންލައިންކޮށް އާމްދަނީ ހޯދާ ކޮންޓެންޓް ކްރިއޭޓަރަކަށް ވިޔަސް، ނުވަތަ ބޭރުން ފައިސާ ލިބޭ ޢާއިލާއަކަށް ވިޔަސް، ބައިނަލްއަޤުވާމީ ޕޭމަންޓް ޚިދުމަތްތަކުގެ ސަބަބުން ދިވެހިންނަށް ޤައުމުގެ ބޯޑަރުން ބޭރުގައި ހުރި ފުރުޞަތުތަކާ ގުޅުވައިދެއެވެ.
މިހާރު ހަމަޖެހިފައިވާ އިންތިޒާމުން ދައްކުވައިދެނީ ބައިނަލްއަޤުވާމީ ޕޭމަންޓްތައް ކަސްޓަމަރުންނަށް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ދޭ ސަމާލުކަންކަމަށް އުރީދޫއިން ފާހަގަކުރެއެވެ. އަދި މި މަރުޙަލާގައި އިތުރު ޓްރާންސްފަރ ފީއެއް ނުނަގައި، އުރީދޫއިން އެހީތެރިވެދެނީ ބައިނަލްއަޤުވާމީ ބާޒާރުތަކަށް ވަނުމަށާއި ބޭރުން ފައިސާ ހޯދުމަށް މަސައްކަތްކުރާ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ހުރި ހުރަސްތައް ކުޑަކޮށްދިނުމަށެވެ
ޑިޖިޓަލް ވިޔަފާރި ކުރިއަރަމުންދާ ވަރަކަށް، އަގުހެޔޮ އަދި ދެފުށް ފެންނަ ޕޭމަންޓް ޚިދުމަތްތަކަކީ އިޤްތިޞާދީ ބައިވެރިވުން އިތުރުކުރުމަށާއި، އަމިއްލަ މަސައްކަތްތެރިކަމަށް އެހީތެރިވުމަށާއި، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ރާއްޖެއަށް އިތުރަށް ބޭރު ފައިސާ ވެއްދުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަންކަމެވެ.
ގިނަ ދިވެހިންނަށް، ޕޭޕަލް އަށް ލިބޭ ފައިސާ އެމް ފައިސާ ވޮލެޓަށް ގެނުވުމުން މިއީ އާ ފުރުޞަތުތަކަކަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށާއި، އިތުރަށް ގުޅިލާމެހިފައިވާ ޑިޖިޓަލް މުސްތަޤުބަލަކަށް ހުޅުވިގެންދިޔަ ދޮރެއްކަން އުރީދޫއިން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ