އާ ކައުންސިލް މެމްބަރުން އިންތިޚާބު ކުރެވެންދެން މިިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލް ބަލައިގަނެ، އެ ބިލާ މެދު ސުޕްރީމް ކޯޓުގެ ލަފައަކަށް އެދެން ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު އެއް އަހަރަށް ފަސް ކޮށްފައިވާތީ މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ބިލް ހުށަހެޅީ ސަރުކާރުންނެވެ. އެކަމަކު ގާނޫނު އަސާސީއަށް އެ ބަދަލު ގެނައުމާ މެދު ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދުމުން އެކަމުގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދެން އޮތީ ހުށަހަޅައިފަ އެވެ.
ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ހުށަހެޅުއްވި އެ ބިލް ބަލައިގަނެ، މުޅި މަޖިލިސް ހިމެނޭ ކޮމެޓީއަކަށް ފޮނުވަން ފާސްކުރީ 61 މެމްބަރުންގެ ވޯޓުންނެވެ.
އެ ބިލާ މެދު ސުޕްރީމް ކޯޓުގެ ލަފައަށް އެދުމަށް މެމްބަރު ހަނިމާދޫ ދާއިރާ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވި އެ ހުށަހެޅުއްވުން ފާސްވީ 61 މެމްބަރުންގެ ވޯޓުންނެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.
ނަޝީދު ވިދާޅުވީ އެ ބިލާ މެދު ސުޕްރީމް ކޯޓުގެ ލަފައަކަށް އެދިފައިވާތީ އެ ކޯޓުގެ ލަފައެއް ލިބެންދެން މަޖިލީހުގ ޖަލްސާ އެއްކޮށް ހުއްޓާ ނުލައި ކުރިއަށް ގެންދަވާނެ ކަމަށެވެ. އޭގެ ބަދަލުގައި މިރޭ ޖަލްސާ ވަގުތީ ގޮތުން މެދުކަނޑުއްވާލަނީ ކަމަށާއި އަދި ގާނޫނުގައިވާ ގޮތުގެ މަތިން ވަރަށް އަވަހަށް އެކަމުގައި ލަފައެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"މިހާރު މި އޮޮތް ހާލަތުގައި އެކަށީގެންވަނީ މާދަމާ ނުވަތަ އޭގެ އަނެއް ދުވަހު އެ ކޯޓުން އެ ލަފާ ލިބުން. އަޅުގަނޑު މިދަންނަވާ ވާހަކައަކީ މިރޭގެ ޖަލްސާ އަޅުގަނޑު މެދުކަނޑައޭ ލާނީ، ހުއްޓައެއް ނުލާނަމޭ. އަޅުގަނޑުމެން ހުޅުވައިގެންނޭ މި ތިބީ." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެ ބިލުގެ މަސައްކަތް މަޖިލީހުގައި މަޑުޖައްސާލާފައިި ނޯންނާނެ އެ ބިލުގެ ކަންކަން ކުރިއަށް ގެންދިޔައީ ރައްޔިތުންނަށް އެ ބިލާ މެދު މައުލޫމާތު ލިބުމުގެ ފުރުސަތު ދެއްވުމަށް ފަހު އަދި މަޖިލީހުުގެ ގަވާއިދުގެ ތެރެއިން ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ގާނޫނީ ލަސްކަމެއް ނާންނާނެހެން އެ މަސައްކަތް ނިންމާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ރަނުން ރަނަށް އަޅުގަނޑުމެންނަށް މިކަން ކޮށް ނިންމޭނެ." ނަޝީދު ވިދާޅުވި އެވެ.
އެ ބިލާ މެދު ސުޕްރީމް ކޯޓުގެ ލަފައަކަށް އެދެން ނިންމިއިރު، އެ ބިލަށް ވޯޓު ދޭން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ރޭ ވަނީ ވިޕްލައިނެއް ވެސް ނެރެފަ އެވެ. އެކަމަކު އެ ބިލާ ދެކޮޅަށް އެމްޑީޕީގެ ބައެއް މެމްބަރުން މިއަދުގެ ޖަލްސާގައި ވެސް ވާހަކަ ދެއްކެވި އެވެ.
ކައުންސިލްގެ ދައުރު އިތުރުކުރާ ބިލާ މެދު ސުޕްރީމް ކޯޓުގެ ލަފައަކަށް އެދެން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ