ޕާޓީތަކުން އެކުވެރިކަމާއިއެކު ކުރިއަށްދިއުމުގެ މުހިންމުކަން ވަރަށް ބޮޑު: ގާސިމް އިބްރާހިމް

ގުޅިފައިވާ ސިޔާސީ ޕާޓީތައް އެކުވެރިކަމާއިއެކު ކުރިއަށްދިއުމަކީ ވަރަށް މުހިންމުކަމެއްކަމަށާ އެގޮތުގައި ޕާޓީތައް ދެމިތިބޭނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ "ޖޭޕީ ހޭވައްލާ" މިނަމުގައި ޖުމްހޫރީ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ފެށި ޚާއްސަ ކެންޕޭނަށް ޖަރުމަންވިލާތުގައި ހުންނަވައިގެން ފޮނުއްވެވި ޚާއްސަ ވީޑިއޯ މެސެޖެއްގައެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ދިވެހި ގައުމު އޮތީ ވަރަށް ހިތާމަވެރި ހާލަތެއްގައިނަމަވެސް މިއީ ރައްޔިތުން މާޔޫސްވާވީ ވަގުތު ނޫންކަމަށެވެ. އަދި މެލޭޝިޔާގައި ނިމިގެންދިޔަ އާންމު އިންތިޚާބަކީ ދިވެހިންނަށް ވަރަށް ގިނަ އިބްރަތްތަކެއް ލިބިގެންދިޔަ އިންތިޚާބެއްގެކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ގައުމު އޮތް ހާލަތުން އަރައިގަތުމަށް މިހާރަށްވުރެ ދެގުނަ އަދި ތިންގުނަ އިތުރަށްވެސް މަސައްކަތް ކުރަންޖެހޭކަމަށާ އެހެންކަމުން ޕާޓީތައް އެކުގައި މަސައްކަތްކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. އަދި އެގޮތުގައި ޕާޓީތައް ކުރިއަށްދާނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"މެލޭޝިޔާގެ އިންތިޚާބަކީ ވަރަށް ބޮޑު އިބުރަތެއް. އަޅުގަނޑުމެން އެކުގައި މަސައްކަތް މިކުރާ ޕާޓިތައް އެކުވެރިކަމާއިއެކު ކުރިއަށްދިއުމުގެ މުހިންމުކަން ވަރަށް ބޮޑު. އިރާދަކުރެއްވިއްޔާ އެގޮތުގައި އަޅުގަނޑުމެން ކުރިއަށްދާނަން." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ކޮންމެ ރައްޔިތަކަށްވެސް ހުޅުވާލެވިފައިވާ ސިޔާސީ ޕާޓީއެއްކަމަށާ ޖޭޕީއަކީ ސިޔާސީގޮތުން ކުރިއަށްދިއުމަށް އެންމެ ރަނގަޅު ޕާޓީކަމަށެވެ. ޖޭޕީގެ ސިޔާސަތަކީ ފޮރުވިފައިވާ އެޖެންޑާއެއް ގެންގުޅޭނެ ޕާޓީއެއް ނޫންކަމަށާ އަބަދުވެސް ގައުމާއި ރައްޔިތުންގެ ހައްގުގައި ޖުމްހޫރީ ޕާޓީން މަސައްކަތް ކުރާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ