ސިޔާސީގޮތުން ތާއީދު ކުރުމުގައި ރައްޔިތުން ބަލަނީ ފައިސާއަށް: ބަދީއު

ސިޔާސީ ޕާޓީއަކަށް ތާއީދުކުރުމުގައި ދިވެހިން ބަލަަނީ ފައިސާއާއި މިހާގެ ހައިސިއްޔަތަށް ކަމަށް ރެޑިކަލް ޕާޓީގެ މުއައްސިސް އަހުމަދު ބަދީއު ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ބަދީއު ވިދާޅުވީ ކުރިޔާ ހިލާފަށް ޕާޓީއެއް އުފައްދަން އެދޭނަމަ މިހާރު 3000 މެމްބަރުންގެ ސޮއި ބޭނުންވާ ކަމަށާއި އެކަންވާނީ ރައްޔިތުންގެ ތާއީދު ލިބިގެން ކަމަށެވެ.
ރެޑިކަލް ޕާޓީއަކީ އަލަށް އުފެއްދުމުގެ މަސައެްކަތް ކުރަމުންދާ ޕާޓީއަކަށް ވާއިރު، އެ ޕާޓީ އުފެއްދުމުގައި ވަރަށް ބޮޑު ދަތިތަކަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ އުނދަގޫ އެއް ކަމަކަށް ވެފައިވަނީ ރައްޔިތުންގެ ތާއީދު ހޯދުން ކަމަށް ބަދީއު ވިދާޅުވިއެވެ. އެކަން ދިމާވަނީ ދިވެހި ރައްޔިތުންގެ ވިސްނުން ހުރި ގޮތުން ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮރަޕްޝަން ފެތުރިގެން ގޮސް ރައްޔިތުންގެ ތެރޭގައިވެސް އެކަން އާންމުވެފައިވާ މިންވަރުގެ ސަބަބުން ތާއީދު ކުރާނެ ސިޔާސީ ފަރާތެއް ހޯދުމުގައިވެސް އަދި ޕާޓީއަކާ ގުޅުމުގައިވެސް ރައްޔިތުން ބަލަނީ ޕާޓީ އުފައްދާ ފަރާތުގެ އަތުގައި ފައިސާހުރި މިންވަރަށާއި މިހާގެ ހައިސިއްޔަތަށް ކަމަށް ބަދީއު ވިދާޅުވިއެވެ.
ނިމިދިޔަ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށްފަހު ގިނަ އައު ސިޔާސީ ޕާޓީތަކެއް އުފެއްދުމުގެ މަސައްކަތް ގިނަ ބަޔަކު ކޮށްފައިވާއިރު އެކަން ކާމިޔާބުވީ ފަރާތްތަކަށް ބަލާފައިވެސް ރައްޔިތުންގެ މި ވިސްނުން ހާމަވެގެންދާ ކަމަށް ބަދީއު ވިދާޅުވިއެވެ.
ބަދީއު ވިދާޅުވީ، ރައްޔިތުންގެ ވިސްނުން މިގޮތަށް ހުރިއިރު އެކަން ބަދަލު ކުރުމަށްވެސް މަސައްކަތްތަކެއް ކުރެވިދާނެ ކަމަށެވެ. އެގޮތުން ޕާޓީގެ މަސައްކަތްތަކާއި ޕާޓީގެ މަގްސަދު އަދި ރޫހު ރައްޔިތުންނާ ހަމައަށް ފޯރުކޮށްނުދެވި އެކަން ނުވާނެ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރެޑިކަލް ޕާޓީ އުފެއްދުމަށް މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު ޕާޓީގެ މަސައްކަތްތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށެވެ. އެ މަސައްކަތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް އެންމެ މުހިންމީ މާސް މީޑިއާގެ އެހީތެރިކަން ކަމަށްވާއިރު އެކަމަށް އެދި ގިނަ މީޑިއާތަކެއްގައި ސަލާމް ޖަހާފައިވާނެ ކަމަށްވެސް ބަދީއު ވިދާޅުވިއެވެ.
އެގޮތުން އެފަދަ ޕްލެޓްފޯމަކަށް އެދި އެންމެ ފުރަތަމަވެސް އެދިފައިވާނީ ދައުލަތުގެ މީޑިއާގައި ކަމަށާއި ތަނުގެ އިސްވެރިންނާ ބައްދަލު ކުރުމުގެ ފުރުސަތަކަށްވެސް ވަރަށް ގިނަ ފަހަރު އެދިފައިވާނެ ކަމަށް ބަދީއު ވިދާޅުވިއެވެ. އެހެންނަމަވެސް ދައުލަތުގެ މީޑިއާއިން އެ ފުރުސަތު ދީފައި ނުވާ ކަމަށާއި، ވީޓީވީ ފިޔަވައި އިތުރު އެއްވެސް މީޑިއާ އަކުންވެސް ރެޑިކަލް ޕާޓީއަށް އެއްބާރުލުން ދީފައި ނުވާކަމަށް ބަދީއު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ