ގަތަރުގެ ރައްޔިތުން މައްކާއަށް ވަނުމަށް ހުރަހެއް ނާޅަން: ސައުދީ އަރަބިއްޔާ

ގަތަރުގެ ރައްޔިތުން މައްކާއަށް ވަނުމަށް ސައުދީ އަރަބިއްޔާއިން ހުރަސްއަޅަމުންދާ ކަމަށް ފެތުރެމުންދާ ރިޕޯޓްތައް ސައުދީ ސަރުކާރުން ދޮގު ކޮށްފިއެވެ.
ސައުދީ އަރަބިއްޔާ އޮސްވެ އޮވެ، ގަލްފާއި، އިސްލާމީ ބައެއް ގައުމުތަކުން ގަތަރާ ސިޔާސީ ގުޅުން ކަނޑާލައި، އެގައުމާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ސައުދީ އަރަބިއްޔާއަށްދާ ގަތަރުގެ ރައްޔިތުން މައްކާއަށް ވަނުމަށް ސައުދީ އަރަބިއްޔާއިން ހުރަސްއަޅަމުންދާ ކަމަށް ސޯޝަލް މީޑިއާގައާއި، ބައެއް ޚަބަރު ވިއުގަތަކުން ރިޕޯޓްތައް ފަތުރާފައި ވެއެވެ.
އެހެން ނަމަވެސް، ސައުދީ އަރަބިއްޔާގައި ހުންނަ ދެޙަރަމްގެ ޖެނެރަލް ޕްރެޒިޑެންސީން، އެ އޮފީހުގެ ވެބްސައިޓްގައި މިއަދު ޝާއިއުކުރި ބަޔާނެއްގައި ބުނެފައިވަނީ، އެފަދަ އެއްވެސް ފިޔަވަޅެއް ސައުދީ އަރަބިއްޔާއިން އަޅާފައި ނުވާކަމަށެވެ.
ރަމަޟާންމަސް ފެށުނުފަހުން މިހާތަނަށް ގަތަރުގެ 1،633 ރައްޔިތުން ސައުދީ އަރަބިއްޔާއަށް އެތެރެވެ އުމްރާގެ އަޅުކަން ފުރިހަމަ ކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.
"އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް އެތެރެވާ ގަތަރުގެ އަޚުންނަކީ، އެމީހުން ސައުދީއަށް އެތެރެވުމަށްފަހު އަޅުކަން ފުރިހަމަކޮށް އެނބުރި ސައުދީ އަރަބިއްޔާއިން ފުރުމާ ހަމައަށް ސައުދީ ރައްޔިތުންގެ ހިތްތަތަކުގައިވާ ބައެއް" ދެޙަރަމްގެ ޖެނެރަލް ޕްރެޒިޑެންސީ އޮފީހުން އާންމުކުރި ބަޔާނުގައި ވެއެވެ.
އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް އަންނަ ގަތަރުގެ ރައްޔިތުން މައްކާއަށް ވަނުމަށް ސައުދީ އަރަބިއްޔާއިން ހުރަސްއަޅައި، ފުރައްސާރަ ކުރަމުންދާ ކަމަށް ސޯޝަލް މީޑިއާގައާއި، ބައެއް ވެބްސައިޓްތަކުގައި ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ރޯމަރު ދޮގުކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
"މާތްވެގެންވާ ހަރަމްފުޅުގައި އަޅުކަން ކުރުމާއި، އުމްރާގެ އަޅުކަން ފުރިހަމަ ކުރުމުގައި ގަތަރުގެ އެއްވެސް ރައްޔިތަކަށް އެއްވެސް ދަތިކަމެއް، ހުރަހެއް ނެތްކަމުގެ ޔަގީންކަންދެން. ފުރިހަމަ އިތުބާރާއެކު އެކަން ކުރަންވީ. މާތްވެގެންދާ ދެޙަރަމުން ގަތަރުގެ ރައްޔިތުންނަށްވެސް އަދި އެހެން ބަޔަކަށްވެސް ދެމުންގެންދާ އެއްވެސް ޚިދުމަތަކަށްވެސް އަދި މަންފާއަކަށްވެސް ސައުދީ ރަސްކަމުގެ ފަރާތުން ހުރަހެއްނާޅާނެ. މިކަމާ ބެހޭގޮތުން ސައްހަނޫން މައުލޫމާޔު ނުފެތުރުމަށްވެސް ގޮވާލަން" ބަޔާނުގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ