ކާޑެއްދޫ އެއާޕޯޓް ހިންގަމުން ގެންދިޔަ ވިލާ އެއާ އިން ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ކޯޓުން ވަކި ގޮތެއް ނިންމަންދެން ކާޑެއްދޫ އެއާޕޯޓް އަތުލުން ސިވިލް ކޯޓުން މިއަދު ހުއްޓުވައިފި އެވެ.
ސިވިލް ކޯޓުން މިއަމުރު ނެރުނީ ކާޑެއްދޫ އެއާޕޯޓް ވިލާ އެއާއިން ހިންގަމުން ދަނިކޮށް ރީޖަނަލް އެއާޕޯޓްސްއާއި ވިލާ އެއާ އާއި ދެމެދު ހަދާފައިވާ އެއްބަސްވުން ބާތިލްކުރަން ނޯޓިސް ދިނުމާއި ގުޅިގެން ވިލާ އެއާ އިން ކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.
ސިވިލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ އެއްބަސްވުމެއް ބާތިލްކުރި ގޮތުގެ ސައްހަކަން ކަނޑައަޅަން ކޯޓަށް މައްސަލައެއް ހުށަހެޅުމުން ކޯޓުން އެމައްސަލާގައި ގޮތެއް ކަނޑައެޅުމުގެ ކުރީގައި އެއްބަސްވުން ބާތިލްކުރި ގޮތް ރަނގަޅު ކަމަށް ނިންމާ، އަޅާ ފިޔަވަޅެއްގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ބަލައި އެމައްސަލައެއްގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އެކަމެއް ހުއްޓުވަން ވަގުތީ އަމުރު ނެރުމަކީ ކޯޓުން ކުރަމުންދާ ކަމެއް ކަމަށެވެ. އެހެންކަމުން ސިވިލް ކޯޓްގެ އަމުރުގައި ވަނީ ވިލާ އެއާ އިން ކޯޓަށް ހުށަހެޅި މައްސަލާގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރުމުގެ ކުރިން ކާޑެއްދޫ އެއާޕޯޓް ވިލާއިން އަތުލުމުގެ އެއްވެސް ކަމެއް ނުކުރުމަށް ޓޫރިޒަމް މިނިސްޓްރީއަށް އަންގާފަ އެވެ.
ވިލާ އެއާއިން ކާޑެއްދޫ އެއާޕޯޓް ހިންގަމުން ގެންދަނިކޮށް އެއްބަސްވުމާ ހިލާފަށް އެކުންފުނިން އަމަލުކުރަމުންދާ ކަމަށް ބުނެ އެއާޕޯޓް އަތުލުމަށް ސަރުކާރުން ވިލާ އެއާ އަށް ނޯޓިސް ދިނީ މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ. ނަމަވެސް ސަރުކާރުގެ ވާހަކަތައް ވިލާ އެއާ އިން ވަނީ ދޮގުކޮށްފަ އެވެ.
ވީނިއުސްއަށް މީގެކުރިން ދެއްވި އިންޓަވިއުއެއްގައި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް ވިދާާޅުވީ ވިލާ އެއާއިން ކާޑެއްދޫ އެއާޕޯޓް ހިންގަމުން ގެންދިޔައީ ސިވިލް އޭވިއޭޝަންގެ ގަވައިދުތަކާއި ހިލާފަށް ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުނާނަމަ އެއީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ.
ރިިލްވާން ވިދާޅުވީ ސިވިލް އޭވިއޭޝަނުން އެއާޕޯޓްތަކުގެ އޮޑިޓްތައް އަބަދުވެސް ހަދަމުންދާއިރު އެހެން އެއާޕޯޓް ތަކަށްވެސް އަންގާ އުސޫލުން ކާޑެއްދޫ އެއާޕޯޓްގައި ވެސް ކަމެއް ރަނގަޅު ކުރަން ހުންނަނަމަ އެކަމެއް ރަނގަޅުކުރަން ފުރުސަތު ދެމުންގެންދާ ކަމަށެވެ. އެގޮތުން ސިވިލް އޭވިއޭޝަނުން އަންގާ ކަންކަން އިސްލާހުކޮށް ރަނގަޅު ވެސް ކުރަމުންދާ ކަމަށާއި އަދި ވަކި ވަގުތެއްގެ ތެރޭގައި ކުރަން އަންގާ ކަމެއް އެވަގުތަކަށް ނިންމަން އަބަދުވެސް އިސްކަން ދީފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރިލްވާން ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް ހިންގަން ވިލާ އެއާ އިން ހަވާލުވި އިރު ސަަރުކާރުން ވެސް ބައެއް ކަންކަން ކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. އެއީ ޑޮމެސްޓިކް ގިނަ އެއާޕޯޓްތަކަކީ ގެއްލުމުގެ ހިންގާ ތަންތަން ކަމަށްވާތީ އެގޮތަށް ގެއްލުންވާ ބައި ހަމަޖައްސަން އެއާޕޯޓް ހިންގާ ކުންފުނިތަކަށް ސަރުކާރުން ރަށެއް ދޭ އުސޫލުން ވިލާ އެއާ އަށް ވެސް ރަށެއް ދޭން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެގޮތުން ދޭނެ ރަށަކާއި މެދު ސަރުކާރަށް ގޮތެއް ނިންމިފައި ނުވާތީ ދައުލަތުން ވިލާ އެއާ އަށް ކޮށްދޭން ޖެހޭ ބައެއް ކަންކަން ކުރެވިފައި ނެތް ކަންވެސް ރިލްވާން ވަނީ ފާހަގަކުރައްވާފަ އެވެ.
"އަޅުގަނޑުމެން މިހާރު ވެސް ކާޑެއްދޫ އެއާޕޯޓް މިހިންގަނީ މިލިއަން ޑޮލަރުގެ ގެއްލުމުގައި. އެކަމަކު ވެސް އެއާޕޯޓް މަރާމާތަށް އަދި ތަރައްގީއަށް މިހާރުވެސް ބޮޑު އިންވެސްޓެއް ކުރެވިއްޖެ. އެއާޕޯޓްގައި ޕަވަ ހައުސްއެއް ގާއިމުކޮށް ސެކިއުރިޓީ ސްކޭން މެޝިން ބެހެއްޓުމުގެ މަސައްކަތްތައް ގާތްގަނޑަކަށް މިވަނީ ނިމުމަކަށް އައިސްފައި. ކާޑެއްދޫ އަކީ ބޮޑު ރަށަކަށް ވާތީ އެރަށާއި އަދި އެއާޕޯޓް ވެސް ވަރަށް ރަނގަޅަށް އަޅުގަނޑުމެން ބަލަހައްޓަމުން ވެސް މިގެންދަނީ،" ރިލްވާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިވިލް އޭވިއޭޝަންގެ ގަވައިދުތަކާއި ހިލާފަށް ވިލާ އެއާ އިން ކާޑެއްދޫ އެއާޕޯޓް ހިންގަމުން ގެންދާތީ އެއާޕޯޓް ދައުލަތަށް ނެގީ ކަމަށް ސަރުކާރުން ބުނާނަމަ ވިލާ އެއާއިން ގަވައިދާ ހިލާފަށް ކަމެއް ކޮށްގެން، ސަރުކާރުން މީގެކުރިން އެއްވެސް ކަމެއް ވިލާގެ ސަމާލުކަމަށް ގެނެސްފައި ނުވާ ކަމަށެވެ.
ރިލްވާން ވިދާޅުވީ ކާޑެއްދޫ އެއާޕޯޓުން ގެއްލުން ވަމުން ދިޔަ ނަމަވެސް ވިލާ އެއާ އިން އެ އެއާޕޯޓް ހިންގަމުން ގެންދިޔައީ ރާއްޖޭގެ އިގްތިސޯދަށް ރަނގަޅު ބަދަލެއް ގެނައުމާއި ދިވެހި ރައްޔިތުންނަށް ހިދުމަތެއް ދިނުމުގެ ގޮތުން ކަމަށެވެ. އަދި ވިލާ އެއާ އިން އަބަދުވެސް ގާނޫނާ ގަވައިދުތަކާއި ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް ވިލާގެ އަތުން ނަގާނަމަ އެއީ ކުންފުންޏަށް ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް ފުރުސަތު ލިބިއްޖެނަމަ އަޅުގަނޑުމެން އަދިވެސް މިތިބީ ކާޑެއްދޫ އެއާޕޯޓް ހިންގާ ގޮތަށް. އެތަނުގެ ތަރައްގީއަށް އަދި ކެޕިޓަލް ހަރަދަށް މިލިއަނުން ހަރަދުކުރެވިފައި އަދި މުވައްޒަފުންނަށް ވެސް ކޮންމެ މަހަކު އެތައް ހަރަދެއް ކުރަމުންދާއިރު އެއާޕޯޓް ނަގާނަމަ މިއީ ވަރަށް ބޮޑު ގެއްލުމެއް،" ރިލްވާން ވިދާޅުވި އެވެ.
ކާޑެއްދޫ އެއާޕޯޓް ހިންގަން ވިލާ އެއާ އިން ހަވާލުވީ 2013 ވަަނަ އަހަރުގެ ތެރޭގަ އެވެ. އަދި ރަސްމީކޮށް އެ ކުންފުނިން ކާޑެއްދޫ އެއާޕޯޓް ހިންގަން ފެށީ 1 ޖެނުއަރީ 2014 އިން ފެށިގެންނެވެ. ނަމަވެސް މީގެ ކުރިން 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ވެސް ވިލާ އެއާގެ އަތުން ކާޑެއްދޫ އެއާޕޯޓް އަތުލަން ސަރުކާރުން ނިންމި އެެވެ. ނަމަވެސް ފަހުން އެ ނިންމުން ބަދަލުކޮށް އެތަން ހިންގުން ވިލާ އެއާއާ ހަވާލުވެސް ކޮށްފައިވެ އެވެ.
ކާޑެއްދޫ އެއާޕޯޓް އަތުލުން ސިވިލް ކޯޓުން ހުއްޓުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ