ޔާމީންގެ މައްސަލާގައި އަމަލުކުރާ ގޮތުން ކުށްނުކުރާ ބަޔަކަށް އަދަބު ލިބުމުގެ ފުރުސަތު އެބައޮތް: މައުމޫން

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދައުލަތުން އަމަލުކުރާ ގޮތުން ކުށްނުކުރާ ބަޔަކަށް އަދަބު ލިބުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް މިމައްސަލާގައި ދައުވާ އުފުލިފައިވާ އިސްމާއީލް ރަޝީދު ވަކީލު އަލްއުސްތާޒު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
ޔާމީންގެ މަރުގެ މައްސަލާގައި ދައުވާ އުފުލައި ޝަރީއަތް ހިންގަމުންދަނީ މ.އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ.ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ.ކުދެހިގެ ހަސަން ޝިފާޒާއި، ގދ.ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ. މިމައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދަނީވެސް ސިއްރުކޮށްގެނެވެ.
މީގެ ތެރެއިން އިސްމާއީލް ރަޝީދުގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ޝަރީއަތުގެ މަޖިލީސް ސިއްރުކުރެވިދާނެ ހާލަތްތަކެއް ގާނޫނުއަސާސީއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވެސް އެބައޮތް ކަމަށެވެ. ނަމަވެސް މިއީ މުޅި މުޖުތަމައުގެ މަސްލަހަތު އޮތް ކަމެއް ކަމަށާއި މިފަދަ ޝަރީއަތްތައް ހިންގަންޖެހޭނީ ވީހާވެސް ހުޅުވާލައިގެން ހާމަކަން ބޮޑުކޮށް ކަމަށެވެ.
އެއްވެސް ކަމެއް ސިއްރުކުރަން ބޭނުންނުވާ ކަަމަށް އިސްމާއީލް ރަޝީދުގެ ފަރާތުން ތަކުރާރުކޮށް ބުނެފައިވާ ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭނަގެ މައްޗަށް ކުރާ ތުހުމަތު ބިނާކުރާ އެއްވެސް ހެއްކެއް ގަރީނާއެއް ފުލުހުންނަށް ވެސް އަދި ޕްރޮސެކިއުޓަރ ޖެނެރަލަށް ވެސް ދެއްކިފައި ނުވާ ކަމަށެވެ.
މައުމޫން ހަމީދު ވިދާޅުވީ އިސްމާއީލް ރަޝީދުގެ މައްޗަށް ވެސް އަދި ދެން ތިބި ފަސް މީހުންގެ މައްޗަށްވެސް ކުރާ ދައުވާއަކީ މިއެންމެން ބައިވެރިވެގެން މިއަމަލު ހިންގި ކަމަށް ބުނުން ކަމަށާއި އެއަށްވުރެ އިތުރު އެއްވެސް ތަފުސީލެއް ދައުވާގައި ނެތް ކަމަށެވެ. ދައުވާ އިއްވުމުން ދައުވާ ސާބިތުނުވާ ކަމަށް އިސްމާއީލް ރަޝީދުގެ ފަރާތުން ބުނަންޖެހުނީވެސް އެހެންވެގެން ކަމަށް އޭނަގެ ވަކީލު ވިދާޅުވިއެވެ.
"ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާގޮތުން އެބަޖެހޭ އެމީހަކާމެދު ތުހުމަތުކުރެވެނީ ކޮން އަމަލެއްކަން ބަޔާންކޮށްދޭން. އެގޮތުން ބަލާއިރު ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވެދެއްވަން ޖެހޭނެ އިސްމާއީލް ރަޝީދު މިވެނި ތާރީޚެއްގައި މިވެނި ގަޑިއެއްގައި މިވެނި ގޮތަކަށް އަމަލުކޮށްގެންނޭ މިކަމުގައި ބައިވެރިވީ. އެހެނެއް ވިދާޅެއްނުވެވުނު. އަޅުގަނޑުމެން ތަކުރާރުކޮށް ސުވާލުކުރީމަވެސް ވިދާޅުވީ މިއެންމެން ބައިވެރިވެގެން ހިންގާފައި އޮތް އަމަލެކޭ. އިސްމާއީލް ރަޝީދުގެ ސުވާލަކީ ތިމަންނަ ކޮން ކަމެއްހޭ ކުރީ، ވިދާޅުވެދެއްވާށޭ. އޭރުން ނޫންހޭ ތިމަންނައަށް އޭގެ ރައްދު ދެވޭނީ" މައުމޫން ހަމީދު ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ މިއީ މަރުގެ މައްސަލައަކަށް ވީނަމަވެސް ޝަރީއަތް ކުރިއަށްދަނީ ދައުވާގެ ތަފުސީލެއް ނެތި އިންސާފުން އެއްކިބާވާ ގޮތަށް ކަަމަށެވެ. ޔާމީންގެ މަރުގެ މައްސަލާގައި ފުލުހުން ހާމަކޮށްފައިވާ ވީޑިއޯއިން ފެންނަނީ ދެމީހަކު ޔާމީންގެ ގެ މ.ސްޕެޓިއުލާއަށް ވަންނަ މަންޒަރު ނަމަވެސް އޭގެ ތެރޭގައި އިސްމާއީލް ރަޝީދު ނުހިމެނޭ ކަމަށް ފުލުހުންވެސް ބުނެފައިވާކަން މައުމޫން ފާހަގަކުރެއްވިއެވެ.
މިމައްސަލާގައި 104 އައިޓަމްގެ ހެކި ހިއްސާކޮށްދިނުމަށް އެދި ތިންފަހަރެއްގެ މަތިން ކްރިމިނަލް ކޯޓަށާއި ޕީޖީ އޮފީހަށާއި ފުލުހުންގެ މުއައްސަސާއަށް އިސްމާއީލް ރަޝީދުގެ ފަރާތުން ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި 49 ސަރަހައްދެއްގައި ހުރި ސީސީޓީވީ ފުޓޭޖު ހާމަކޮށްދިނުމަށް ވެސް އެދިފައިވެއެވެ.
"ފުލުހުން ވިދާޅުވާ ގޮތުން އެރޭ އެކަން ހިނގާދިޔައީ ބަޔަކު ޔާމީން ރަޝީދަށް ފާރަލައި އަދި ފަހަތުންގޮސް އެގެއަށް ވަދެ، ޔާމީން ރަޝީދު ގެއަށް ވަނީމަ ހިފަހައްޓާ މަރާލީ. ހެންވޭރު ގާތްގަނޑަކަަށް ނަސަންދުރާއާ ހަމައިން ޔާމީން ރަޝީދު ދިޔައީ. އެމަގުމަތީގައި ކިތައް ކެމެރާތޯ ހުންނާނީ. އަނެއްކާވެސް އަޅުގަނޑުމެންގެ ސުވާލަކީ އިސްމާއީލް ރަޝީދު ކޮންތާކު ހުރި ކަމަށްތޯއޭ ޕީޖީ މިވިދާޅުވަނީ. ބޮޑުތަކުރުފާނުމަގުގައި ހެއްޔޭ، ޗަންދަނީމަގުގައި ހެއްޔޭ، މަޖީދީމަގުގައި ހެއްޔޭ، ނުވަތަ އެގޭ ކައިރީގައި ހެއްޔޭ" މައުމޫން ހަމީދު ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ ހެކި ފޮރުވަން އުޅެނީ ކުށްކުރާ މީހުން ކަަމަށާއި މިމައްސަލާގައި ހެކި ފޮރުވަން އުޅެނީ ޕްރޮސެކިއުޓަރ ޖެނެރަލް ކަމަށެވެ. އެހެންކަމުން ޕީޖީއަކީ ކުށްކުރައްވާ ބޭފުޅެއް ކަމަށް ބެލިދާނެ ކަަމަށެވެ. އަދި އޭނަގެ މުވައްކިލު އެއްވެސް ހެއްކެއް ފޮރުވަން ނޫޅޭ ކަމަށާއި ޝަރީއަތްތައް ހުޅުވާލައިގެން ބޭއްވުމަށް ވެސް އިސްލާއީލް ރަޝީދު އެދެމުންދާ ކަމަށެވެ.
ފުލުހުންނާއި ޕީޖީ އަމަލުކުރާ ގޮތުން މިމައްސަލާގައި ކުށްނުކުރާ ބަޔަކަށް އަދަބު ލިބުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް މައުމޫން ވިދާޅުވިއެވެ. އިސްމާއީލް ރަޝީދުގެ އެއްވެސް ބައިވެރިވުމެއް މިކަމުގައި ނެތް ކަމަށް އޭނަ ތަކުރާރުކޮށް ބުނެފައިވާ ކަމަށް ވެސް ވަކީލު މައުމޫން ހަމީދު ވިދާޅުވިއެވެ.
ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލާފައިވަނީ އޭޕްރީލް 22 ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނަ ދިރިއުޅެމުންދިޔަ މ.ސްޕެޓިއުލާގޭގެ ސިޑި ކައިރިން އޭނަ ފެނުނީ ހަށިގަނޑުގެ އެތަންމިތަނަށް ތޫނުއެއްޗަކުން އެތައް ޒަޚަމްތަކެއް ދީފައި އެއްލާލާފައި އޮއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ