މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނަށް ކުރިއަށްވުރެ ބޮޑަށް މިހާރު ރައްޔިތުން އަހުލުވެރި: ފިޔާޒު

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނަށް ކުރިއަށްވުރެ ބޮޑަށް ރައްޔިތުންނާއި ސަރުކާރުގެ އިދާރާތައް އަހުލުވެރި ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވެއްޖެ އެވެ.
މިރޭ ރާއްޖެޓީވީގައި ފިޔާޒު ވިދާޅުވީ 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ހުށައަޅާފައިވާ އަދަދާއި ގާތްކުރާ އަދަދަކަށް މި ސަރުކާރު ވުޖޫދަށް އައިސް ފާއިތުވެގެން މިދިޔަ އެއް އަހަރު ތެރޭގައި ރިޕޯޓުތައް ހުށައަޅާފައިވާ ކަމަށެވެ. އަދި އެކަމުން ދޭހަވާ އެއްކަމަކީ މުއައްސަސާތައްވެސް މި ގާނޫނަށް އަހުލުވެރިވަމުންދާކަން ކަމަށް ފިޔާޒް ވިދާޅުވިއެވެ.
ފިޔާޒް ވިދާޅުވީ، ގާނޫނު އަސާސީގެ 29 ވަނަ މާއްދާގެ ދަށުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކަށަވަރު ކޮށްދީފައިވާ ކަމަށާއި، އެކަމުގައި ކުރިއެރުންތަކެއް ހާސިލު ކުރެވިފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުން އެ ހައްގުގެ ބޭނުން ކުރަމުންދާ މިންވަރުވެސް ފަހަކަށް އައިސް އިތުރުވެފައިވާކަން ފާހަގަކުރެވޭކަމަށް ފިޔާޒް ވިދާޅުވިއެވެ.
އަޅުގަނޑު މިދެއްކި ނަންބަރުން ހުށައަޅާ ރިޕޯޓުތައް އެބަ އިތުރުވޭ.މައްސަލަތަކަށް ޖަވާބުދިނުން އިތުރުވޭ، ކުޑަކޮށް ނުކަސިޔާރު ގޮތެއް ހުއްޓެއްކަމަކު ބައެއް މައްސަލަތަކުގައި އެބަދޭ ހަމަ ނުދީފިއްޔާ ދެން އޮތް މަރުހަލާތަކަށް ދިއުމުގެ ހުރަސްތަކެއް ނެތް.
- އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ
ފިޔާޒު ވިދާޅުވީ ކޮމިޝަނަށް މިދިޔަ އަހަރު 1567 މައްސަލަ ހުށައަޅާފައިވާއިރު އޭގެ ތެރެއިން 1456 މައްސަލައަށް މިހާރު ވަނީ ކޮމިޝަނުން ޖަވާބުދީފައިވާ ކަމަށެވެ.
މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދުވަހެވެ.
މައުލޫމާތުހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނަކީ މިސަރަހައްދަށް ބަލާއިރު ހެދިފައިވާ ގާނޫނު ތެރެއިން އެންމެ ބާރުގަދަ އެއް ގާނޫނު ކަމަށް ވެސް ފިޔާޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ