މާލޭ ގެސްޓްހައުސްތައް ހުޅުވޭނީ ކޮވިޑުގެ އަދަދު ދަށް ވެގެން

މާލޭ ސަރަހައްދުގައި ހުރި ގެސްޓުހައުސްތައް އަންނަ ނޮވެމްބަރު މަހު ހުޅުވޭނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަކި މިންވަރަށް ދަށް ކުރެވިގެންކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ބަންދުކޮށްފައިވާ މާލެ ސަރަހައްދު ފިޔަވާ އެހެން ރަށްރަށުގެ ގެސްޓުހައުސްތައް އަންނަ މަހުގެ 15 ގައި ހުޅުވަން ވަނީ ނިންމައިފަ އެވެ.
ނަމަވެސް، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުރި ގެސްޓު ހައުސްތައް ހުޅުވުމާމެދު މަޝްވަރާ ކުރަމުންދާ ދަނޑިވަޅެއްގައި، ޑރ. މައުސޫމް ވިދާޅުވީ ގްރޭޓާ މާލެ ސަރަހައްދުގެ ހޮޓެލްތަކާއި ގެސްޓްހައުސްތައް ނޮވެމްބަރު މަހުގެ ކުރީކޮޅު ހުޅުވުމަށް ވިސްނަމުންދާ ކަމަށާއި ނަމަވެސް އެކަމަށްޓަކައި ކޮވިޑު ޖެހޭ މީހުންގެ އަދަދު މަދު ކުރަންޖެހޭ ކަމަށެވެ.
"ބޭނުންވަނީ ފައްސި ޕަސެންޓޭޖު ފަހަކަށް ނާރުވާ، ވިދިވިދިގެން ދެ ހަފްތާ. ޔައުނީ ޓެސްޓު ކުރާ މީހުންގެ ނިސްބަތުން ފައްސި ޕަސެންޓޭޖު ފަހަކަށްވުރެ ދަށްވުން،" އެކަމަށް ރައްޔިތުންގެ އެއްބާރުލުމަށް ގޮވާލައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 99 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވެފައިވާއިރު، ޕޮޒިޓިވް އަދަދު ވެއްޓޭ ތަނެއް ނުފެނެ އެވެ.
އިއްޔެ ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ އަދަދު ވަނީ 9,328 އަރާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ