ބިދޭސީންގެ މައްސަލައަކީ ވަކި ސަރުކާރެއްގެ އިހުމާލެކޭ ބުނެ ނިންމައެއް ނުލެވޭނެ: ޝިޔާމް

ބިދޭސީންގެ މައްސަލައަކީ ވަކި ސަރުކާރެއްގެ އިހުމާލެއް ކަމަށް ބުނެ ނިންމާލެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ހުޅުމާލޭގައި ބިދޭސީ މުވައްޒަފުންތަކެއް މުޒާހަރާކޮށް، ފުލުހުންނާ ކުރިމަތިލައި، ހަމަނުޖެހުންތަކެއް ހިންގާފައިވާ ވީޑިއޯއެއް ޓްވީޓު ކުރައްވައި މެމްބަރު ޝިޔާމް ވިދާޅުވީ، މިއީ ހީފުޅު ނުކުރައްވާ ވަރުގެ ބޮޑު ބިރުވެރިކަމެއް ކަމަށެވެ. އަދި މިއީ ވަކި ސަރުކާރެއްގެ އިހުމާލެއް ކަމުގައި ބުނެ ނިންމާލެވޭ ވަރަށްވުރެ ބޮޑު ޤައުމީ މައްސަލައެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މެމްބަރު ޝިޔާމް އިތުރަށް ވިދާޅުވީ، ގަލާއި ދަގަނޑު ފަދަ ތަކެތި ބޭނުންކޮށްގެން ސަލާމަތީ ޚިދުމަތްތަކާ ކުރިމަތިލާއިރު، އާންމު ރައްޔިތުންނާ ކުރިމަތިލާނެ ގޮތް ސިފަ ކުރެއްވޭ ކަމަށެވެ. އަދި މިކަމަށް އަވަސް ޙައްލެއް ހޯދަންޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ހޯމަ ދުވަހު ހިނގި މުޒާހަރާއާ ގުޅޭގޮތުން ފުލުހުންގެ މީޑިއާއިން ބުނީ، އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުންތަކެއް، މުސާރަ ނުލިބޭތީ، އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރުމަށް ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ހަމަ ނުޖެހުން ހިންގައި، ބައެއް ފުލުހުންނަށް އަނިޔާވެ، އަދި ފުލުހުންގެ ވެހިކަލަށް ގެއްލުންދީފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ