އެމްއެމްޕީއާރުސީގެ ފައިސާ ލިބިފައެއް ނުވޭ: އަބްދުﷲ ދީދީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހިންގި ބޮޑު ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންފައި ނުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އިއްޔެ ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ފައިސާ އިން ކުރީގެ އުއްތަމަ ފަނޑިޔާރެއްގެ ތުންފަތުގެ އޮޕަރޭޝަނެއް ކުރި ކަމަށް "ރާއްޖެ އެމްވީ" ގައި ޖެހި ހަބަރަކާ ގުޅިގެން ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާއެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.
އަދި އެއްވެސް ކަހަލަ ސާޖަރީއެއް މިހާތަނަށް ހަދަން ޖެހިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޑރ. އަހުމަދު އަބްދުﷲ ދީދީ، އުއްތަމަ ފަނޑިޔާރު ކަން ކުރެއްވީ ޖޫން 28، 2018 އިން ފެށިގެން މިދިޔަ އަހަރުގެ ނޮވެމްބަރު 18 ގެ ނިޔަލަށެވެ. އެމަނިކުފާނު އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަންކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.
"ރާއްޖެ އެމްވީ" ގެ ހަބަރުގައި އެމްއެމްޕީއާރުސީގެ ފައިސާ ބޭނުން ކުރެއްވީ ކޮން ބޭފުޅެއް ކަމެއް ވިދާޅުވެފައެއް ނުވެއެވެ.
ރާއްޖޭގައި މީގެކުރިން އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންގެ ތެރޭގައި އަހުމަދު ފާއިޒް ހުސެއިނާއި އަބްދުﷲ ސައީދު ހިމެނިވަޑައިގަންނަވައެވެ.
އެ ނޫހުގައި އެމްއެމްޕީއާރުސީގެ ތަހުގީގު ޓީމުގައި ހިމެނޭ މީހަކާ ހަވާލާދީ ބުނެފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަރިހުގައި އޮޕަރޭޝަނެއް ކުރުމަށް ކުރީގެ އުއްތަމަ ފަނޑިޔާރަކު އެދިވަޑައިގަތުމުން ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާ ދިން ކަމަށެވެ. އެކަމަކު، އެ ފައިސާ އިން އޮޕަރޭޝަން ކުރެއްވުމުގެ ބަދަލުގައި އުއްތަމަ ފަނޑިޔާރު ކުރެއްވީ އާއިލާއާ އެކު ޗުއްޓީ ދަތުރެއް ކަމަށް އޭގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ