ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ ހައްޔަރުކުރުމަށް އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރ މޭޖާ ޖެނެރަލް (ރޓޑ) މޫސާ އަލީ ޖަލީލް ދެކޮޅު ހެއްދެވިކަން އެނގިވަޑައިނުގަންނަވާ ކަމަށް އޭރުގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރު ވިދާޅުވެއްޖެ އެވެ.
ފަރުހަތު މިހެން ވިދާޅުވީ މޫސާ އަލީ ޖަލީލްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ މިރޭގެ އަޑުއެހުމުގައި ޖަލީލް އާއި ދެކޮޅަށް ހެކިބަސް ދެއްވަމުންނެވެ.
ފަރުހަތު ވިދާޅުވީ 16 ޖެނުއަރީ 2012 ވަނަ ދުވަހު ސިފައިންގެ ލަފާ ދޭ މަޖިލީހުގެ ބައްދަލުވުމެއް އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ބޭއްވެވި ކަމަށާއި އެބައްދަލުވުމުގައި ޖަލީލު ވެސް އިންނެވި ކަމަށެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާތީ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށާއި، އެ އޮޕަރޭޝަންގައި ބައެއް އާއްމުން ހައްޔަރު ކުރަން ޖެހިދާނެ ކަމަށް ތޮލްހަތު އެބައްދަލުވުމުގައި ވިދާޅުވި ކަމަށް ފަރުހަތު ވިދާޅުވިއެވެ. ތޮލްހަތު އެހެން ވިދާޅުވުމުން ބައެއް ބޭފުޅުން އެކަމާއި ދެކޮޅު ހެއްދެވި ކަމަށާއި ނަމަވެސް ޖަލީލް އެކަމާއި ދެކޮޅު ހެއްދެވިކަން އެނގިވަޑައިނުގަންނަވާ ކަމަށް އެބައްދަލުމުގައި އިންނެވި ފަރުހަތު ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި ދުވަހުގެ މެންދުރުގެ ވަގުތެއްގައި ސިފައިންގެ ލަފާ ދޭ މަޖިލީހުގެ އިތުރު ބައްދަލުވުމެއް ބޭއްވި ކަމަށާއި އެ ބައްދަލުވުން ޗެއާ ކުރީ ޖަލީލު ކަމަށް ފަރުހަތު ވިދާޅުވިއެވެ. އެ ބައްދަލުވުމުގައި އަބްދުﷲ ގާޒީ ބަންދު ކުރަން ހިންގާ އޮޕަރޭޝަންގެ އެލާޓް ލެވެލް މަތި ކުރުމުގެ ލަފައަކަށް ޖަލީލު އެދިވަޑައިގަތް ކަމަށާއި އެގޮތަށް އެކަން ކުރަން އެ މަޖިލީހުގެ މެމްބަރުން ލަފާ ދިން ކަމަށް ވެސް ފަރުހަތު ވިދާޅުވި އެވެ.
މިރޭ ދެވަނައަށް ހެކިބަސް ދިނީ މިހާރު ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވާ ސިފައިންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ އަހުމަދު ނިލާމެވެ. އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ ދެތިން ދުވަސް ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ އެކު ސިފައިންނާއި ފުލުހުން ބޭއްވި ބައްދަލުވުމެއްގައި ޖަލީލުގެ އެދިވަޑައިގަތުމުގެ މަތިން އޭނާ ބައިވެރިވި ކަމަށެވެ. ނަމަވެސް ގާޒީ ހައްޔަރުކުރާ ވާހަކަ އެ ބައްދަލުވުމުގައި ދައްކާފައިނުވާ ކަމަށް ނިލާމް ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރަން ޖަލީލް ދެކޮޅު ހެއްދެވިކަމެއް ނޭންގޭ – ފަރުހަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ