ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް ކަމުން ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވަކިކުރައްވަން ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު އަދީބު މަސައްކަތްކުރައްވާ ކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.
މައުމޫން ޕީޕީއެމް ރައީސް ކަމުން ވަކިކުރައްވަން އަދީބު މަސައްކަތްކުރައްވާ ކަމުގެ އަޑުތަކެއް ފެތުރިފައިވަނީ އަދީބުގެ ވައިބަރ މެސެޖެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.
ރައީސް މައުމޫން ޕީޕީއެމް އިން ވަކިކުރައްވަން އަދީބު ބޭނުންފުޅުވާކަން "ނުސީދާކޮށް" ހާމަކުރައްވާފައިވަނީ ޕީޕީއެމްގެ މަޖިލިސް މެންބަރުން ހިމެނޭ ވައިބަރ ގްރޫޕަށް އަދީބް ފޮނުއްވާފައިވާ މެސެޖެއްގައި ކަމަށްވެއެވެ.
ވައިބަރ މެސެޖްގައި އަދީބު ވިދާޅުވި ކަމަށްވަނީ "ގައުމުގައި ހިނގަމުންދާ ކަންކަން ހަމައަކަށް އަޅުވަން ޖެހޭ" ކަމަށާއި "އެތެރޭގެ (ޕާޓީގެ) އެއްވެސް ފިއްތުމެއް ނެތި އެކަން ކުރެއްވުމުގެ ފުރުސަތު" ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ލިބިވަޑައިގަންނަވަން ޖެހޭ ކަމަށެވެ.
"ރައީސް ޔާމީންގެ ސިޔާސަތުތައް ރާއްޖޭގައި އާއި ޕީޕީއެމްގައި ތަންފީޒު ކުރެވެން ޖެހޭނެ، ރައީސުލްޖުމްހޫރިއްޔާ ކަންކުރާ ފަރާތަކީ، އެފަރާތެއް ނިސްބަތްވާ ޕާޓީގެ ލީޑަރުގެ ގޮތުގައި ނުހިމެނޭ އެއްވެސް ގައުމެއް ދުނިޔޭގައި ނެތް." އަދީބު ވިދާޅުވި ކަމަށްވެއެވެ.
އެ ވައިބަރ މެސެޖްގައި އިތުރަށް ވަނީ ރައީސް ޔާމީނަށް ކުރިމަތިވެފައިވާ ތަފާތު ހުރަސްތަކާއި ދަތިތައް ފެނިވަޑައިގެންފައިވާކަން ފާޙަގަކުރައްވާފައެވެ. އެހެންކަމުން ޕާޓީގެ ލެވެލްގައި މިކަންކަމާއި މެދު މަޝްވަރާ ކުރަން ޖެހޭ ކަމަށް ވެސް އެ މެސެޖްގައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލު ގެންނަން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމާއި ގުޅިގެން ޕީޕީއެމް ތެރޭގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.
ޤާނޫނު އަސާސީ އަށް އިސްލާހް ގެނެސް ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ކުރިމަތިލެވޭ އުމުރަކީ 30 އަހަރު ކަމަށް ނިންމާފައި މިވަނީ އެއިސްލާހަށް ރައީސް މައުމޫން ދެކޮޅު ހައްދަފާވައި ވަނިކޮށެވެ.
ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން އަށް ރައީސް މައުމޫން މީގެކުރިން ފޮނުއްވި މެސެޖްގައި ވިދާޅުވެފައި ވަނީ ޤާނޫނު އަސާސީ އަށް ގެންނަ އިސްލާހްގެ ސަބަބުން ރައީސް ޔާމީން ބަދުނާމުވުން ނޫން ކަމެއް ނުވާނެ ކަމަށެވެ. އަދި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މައުމޫންގެ ބަސް ވެސް މިހާރު ނުވިކޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން މިނިސްޓަރު އަދީބުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
ޕީޕީއެމް ރައީސް ކަމުން މައުމޫން ވަކިކުރައްވަން އަދީބު މަސައްކަތްކުރައްވާ ކަމުގެ މެސެޖެއް؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ