ނޫސްވެރިންގެ ދިފާއުގައި އެމްޑީޕީން ކޮންމެ ދުވަހަކު އިހުތިޖާޖު ކުރާނެ:ނަޝީދު

ޖަލުގައި ހައްޔަރުކޮށްފައި ތިބި ނޫސްވެރިންގެ ހައްގުގައި ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ޕާޓީން ކޮންމެ ދުވަހަކު ވެސް އިހުތިޖާޖު ކުރަމުން ގެންދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
 ރައީސް މުހައްމަދު މުއިއްޒާ ސުވާލުކުރި އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އާއި އައިޝާ ޑޮކިއުމެންޓަރީގެ ވާހަކަތައް ފެތުރުން މަނާކުރުމަށް ނެރުނު ކޯޓު އަމުރުގެ ހަބަރު އަދަދު ނޫހުގައި ލިޔުނު ނޫސްވެރިޔާ ލީވާން އަލީ ނަސީރު ޖަލަށްލުމާ ގުޅިގެން އެ ދެ ނޫސްވެރިން މިނިވަން ކުރަން ރޭ މާލެގައި މުޒަހަރާކުރި އެވެ. 
ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ މި މަހުގެ 12 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ލީވާން 10 ދުވަހަށް އަދި ޝަހުޒާން 15 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށް، މި ދެ ނޫސްވެރިން ވަނީ މަފުށީ ޖަލަށް ބަދަލުކޮށްފަ އެވެ. 
ޖަލުގައި ތިބި ނޫސްވެރިން މިނިވަން ކުރަން ގޮވާލައި ރޭ ކުރި މުޒަހަރާގައި ނަޝީދު ވިދާޅުވީ ޝަހުޒާން ހައްޔަރުކުރީ އޭނާ ކުރި ސުވާލަކާ ގުޅިގެން ކަމަށެވެ. ޝަހުޒާން ކުރި ސުވާލަކީ ރައީސުލްޖުމްހޫރިއްޔާ ދަންވަރުގެ ވަގުތުތަކުގައި އަންހެނަކަށް ގިނަ އަދަދަކަށް ފޯނުން ގުޅުއްވި ސަބަބު ސާފުކުރުމަށް ކުރި ސުވާލެއް ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.
ނަމަވެސް އެ ސުވާލުގެ ޖަވާބު ދެއްވުމުގެ ބަދަލުގައި، ސަރުކާރުން ނޫސްވެރިޔާ ހައްޔަރުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ސުވާލުގެ ޖަވާބު ނުދެއްވައި މީހަކު ގެންގޮސް ހިފާ ހައްޔަރުކުރުމަކީ ދިވެހިރާއްޖޭގެ ތަނަވަސްކަމަށް ވެސް އަދި ދިވެހި ރައްޔިތުންގެ ފުއްދުންތެރިކަމަށް ވެސް ނުހަނު ބޮޑު ލޮޅުމެއް އަންނާނެ ކަމެކެވެ. 
"އެ ސުވާލުގެ ޖަވާބު ނުދެއްވައި މީހަކު ގެންގޮސް ހިފާ ހައްޔަރު މިކުރީ. އެއީ އަޅުގަނޑުމެން ދެކޭ ގޮތުގައި ދިވެހިރާއްޖޭގެ ތަނަވަސްކަމަށް ވެސް، ދިވެހި ރައްޔިތުންގެ ފުއްދުންތެރިކަމަށް ވެސް ނުހަނު ބޮޑު ލޮޅުމެއް އަންނާނެ ކަމެއް. މިކަމުގައި ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިރާދަކުރެއްވިއްޔާ ކޮންމެ ދުވަހަކު ވެސް ތެދުވާނެ، އިހުތިޖާޖު ކުރާނެ،" ނަޝީދު ވިދާޅުވި އެވެ. 
ރޭގެ މުޒާހަރާގައި ނޫސްވެރިންނާއި ހައްޔަރުކޮށްފައިވާ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާންގެ އާއިލާގެ މެންބަރުންނާއި އެމްޑީޕީ އަދި ޕީއެންއެފްގެ ބައެއް މެންބަރުން ބައިވެރިވި އެވެ. 
ނޫސްވެރިންގެ ހައްގުގައި އަޑު އުފުލަން ރޭ ނިކުތް ބައެއް މީހުން ހައްޔަރުކުރިއިރު، މުޒަހަރާ ކަވަރުކުރަން ދިޔަ ބައެއް ނޫސްވެރިންނާއި ފޮޓޯގްރާފަރުން އަދި ވީޑިއޯގްރާފަރުންނަށް ފުލުހުން ހުރަސް އަޅައި އަނިޔާކޮށްފައިވަ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ޖަލަށްލާފައިވާ ދެ ނޫސްވެރިން މިނިވަންކުރުމަށް ގޮވާލައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ރޭ މާލޭގައި ބޭއްވި މުޒާހަރާ ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލައިފިއެވެ. މި އިހުތިޖާޖަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ބޭއްވި ހަރަކާތެއް ކަމަށާއި، ނޫސްވެރިން ހައްޔަރުކުރުމަކީ ޑިމޮކްރަސީއަށް ލިބޭ އުނިކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެކަމާމެދު ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށް، ބުނެފައިވަނީ ރޭ ފުލުުހުން ނޫސްވެރިންނަށް ހުރަސްއެޅީ ގަސްދުގައި ކަމަށެވެ. 
އައިޝާ ޑޮކިއުމެންޓަރީގެ މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައި، ކްރިމިނަލް ކޯޓުގައި އިއްޔެ ވަނީ ޝަރީއަތް ވެސް ފަށައިފަ އެވެ. 
ފިޔާޒު އާއި ހަސަންގެ މައްޗަށް މި ކުށް ސާބިތު ވެއްޖެ ނަމަ 80 އެތިފަހަރުން ހައްދު ޖެހުމުގެ އިތުރުން ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރާއި ހަތް މަހާ ހަ ދުވަހަށް ޖަލަށް ލުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ