މަހްލޫފް ފަސް ދުވަސް ވަންދެން ގޭގައި ބަންދުކުުރުމަށް ކޯޓުން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ފަސް ދުވަސް ވަންދެން ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
“އަނިޔާވެރިކަމާއި ދެކޮޅަށް ދިވެހިން” މި ނަމުގައި އިދިކޮޅު ފަރާތްތަކުން ގުޅިގެން 25 މާރޗްގައި ބޭއްވި މުޒާހަރާ ތެރެއަށް ފުލުހުން ވަދެ، މުޒާހަރާގައި ބޭނުން ކުރި ޕިކަޕާއި ސައުންޑް ސިސްޓަމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމާއި ގުޅިގެން މުޒާހަރާގެ ބައިވެރިން އެކި ސަރަހައްދުތަކަށް ގޮސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރިއަށް އެއްވާން މަހްލޫފް އާއި އިތުރު ބަޔަކު މަސައްކަތް ކުރިއެވެ.
މަހްލޫފް ހައްޔަރުކޮށްފައިވަނީ ސީގަލް ކައިރި އާއި އެސްޓީއޯ ސުޕަރ މާކެޓް ކައިރިން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ، އެންމެ ފަހުން ސޯލްޓް ކެފޭ ކައިރިން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ އެމްއެމްއޭ އާއި ދިމާލަށް ދާން މަސައްކަތް ކުރުމުންނެވެ.
އެވަގުތު ފުލުހުން މަހްލޫފަށް ހުރަސް އަޅައި ހައްޔަރު ކުރަން މަސައްކަތް ކުރުމުން ކައިރީގައި ހުރި މީހަކު މަހްލޫފްގެ “ބަނޑުގައި ބައްދައިގަތް” މަންޒަރު “ވަގުތު” ގެ ނޫސްވެރިންނަށް ފެނިފައިވެއެވެ.
މަހްލޫފް ހައްޔަރު ކުރުމަށްފަހު އެންމެ ފުރަތަމަ ކޯޓަށް ހާޒިރުކުރެވުނީ 26 މާރޗް 2015 ވަނަ ދުވަހުގައެވެ. އެދުވަހު ކޯޓުން ވަނީ ފަސް ދުވަސް ބަންދަށް ޖަހާފައެވެ.
މިއަދު އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދެވުނު އިރު، ކޯޓުން ނިންމީ އޭނާ ފަސް ދުވަހު ގޭ ބަންދުގައި ބެހެއްޓުމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ގޭބަންދު ކުރުމަށް ކޯޓުން ނިންމީ، ކޯޓުން އޭނާއަށް ކުރި ޝަރުތަށް މަހްލޫފް އެއްބަސްވެވަޑައި ނުގަތުމުންނެވެ. އެހެން ނަމަވެސް މިކަން ކަށަވަރުވެފައެެއް ނުވެެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ