ރާއްޖޭގައި ހިންގާ ޕްރީ ސްކޫލުތަކުން ފޯރުކޮށްދޭ ތައުލީމާއި ތަރުބިއްޔަތުގެ ފެންވަރުމަތިކުރުމަށް ޔުނައިޓެޑް ނޭޝަންސް އިންޓަނޭޝަނަލް ޗިލްޑްރަންސް އެޑިޔުކޭޝަނަލް ފަންޑް (ޔުނިސެފް) އާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މުހިންމު މަސައްކަތްތަކެއް ފަށައިފިއެވެ.
ރާއްޖޭގައި ހިންގާ ޕްރީ ސުކޫލުތަކުގެ ފެންވަރު ރަގަޅުކުރުމަށް މިނިސްޓްރީން ޔުނިސެފާއި ގުޅިގެން ކުރާ މަސައްކަތުގެ ދަށުން ރާއްޖޭގައި ހިންގަމުންގެންދާ ޕްރީ ސްކޫލުތަކުގެ ފެންވަރު ބަލައި ވަޒަންކުރުމުގެ މިންގަނޑުތަކެއް މިހާރުވަނީ އެކުލަވާލާފައެވެ.
މި އެކުލަވާލި މިންގަނޑުތަށް ރާއްޖޭގައި ހިންގަމުންގެންދާ ޕްރީ ސުކޫލްތަކަށް ކިޔަވައިދެއްވާ ޓީޗަރުންނަށް އަންގައިދީ ޓީޗަރުން ތަމްރީން ކުރުމަށްމަށްވެސް ޔުނިސެފުންވަނީ އެޑިޔުކޭޝަން މިނިސްޓްރީއަށް ކޮންސަލްޓެންޓުންގެ އެހީދީފައެވެ.
ޔުނިސެފްގެ ކޮންސަލްޓެންޓުންނާއި ތައުލީމީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅުންނާއެކު އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ދަނީ ޕްރީ ސުކޫލުތަކުގެ ފެންވަރު މަތިކުރުމަށް އެކުލަވާލި މި މިންގަޑުތަކަށް ޕްރީސްކޫލު ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން އަހުލުވެރި ކުރުވުމުގެ ގޮތުން ޓްރެއިނިންގތަކެއް ހިންގަން ފަށާފައެވެ.
އެގޮތުން ހިންގާ ފުރަތަމަ ޓްރެއިނިންގ މިމަހު 5 އިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދާނެއެވެ. "ޓްރެއިނިންގ އޮފް ޓްރެއިނަރސް ފޯރ ޕްރީސްކޫލު ކޮލިޓީ ސްޓޭންޑަރޑްސް"ގެ ނަމުގައި ކުއްލިއްޔާގައި ކުރިޔަށްދާ މިޓްރެއިނިންގ ގައި 30 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އެއީ މާލޭގެ 16 ޕްރީސްކޫލަކުންނާއި، ޕްރީ ސުކޫލުތަކުގެ މަސައްކަތް މޮނިޓަރކޮށް ބަލަހައްޓަމުންދާ އެޑިޔުކޭޝަން މިނިސްޓްރީގެ ބައެއް ފަރާތްތަކުންނެވެ.
ރާއްޖޭގައި 234 ޕްރީ ސުކޫލެއްގައި ކިޔަވައިދެމުންގެންދާއިރު މި ހުރިހާ ޕްރީ ސުކޫލުތަކުގެ ޓީޗަރުންނަށް މި ޓްރެއިނިންގ ދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ނިންމަވާފައެވެ.
ޕްރީ ސްކޫލް ތަކުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ