ފުރާވަރުގެ ކުދިންނާ ޒުވާނުން ސިފަވަންތަ ބައެއްގެ ގޮތުގައި ތަރުބިއްޔަތުކޮށް ކުށުގެ ވެށިން ދުރުކުރުމަށް ބާރުއަޅައިދޭ ގިނަ ޙަރަކާތްތަކެއް ހިމެނޭގޮތުން ފުލުހުން ހިންގާ ރެޑީ ކޭމްޕް ހުޅުމާލޭ ޣާޒީ ސްކޫލުގައި މިއަދު ފަށައިފިއެވެ.
ޒުވާނުންނާ ފުރާވަރުގެ ކުދިން ކުށުގެ ވެށިން ދުރުވެތިބެ ހަރުދަނާ ބައެއްގެ ގޮތުގައި ޒިންމާދާރު ކަމާއެކު ތަރުބިއްޔަތުކޮށް، ޤައުމީ މަސައްކަތުގައި އެމީހުންގެ ބައިވެރިވުން އިތުރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ހިންގާ ރެޑީ ކޭމްޕަކީ ރައްޔިތުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބިގެންދާ ކޭމްޕެކެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕަބްލިކް އެފެއާޒް ޑިޕާރޓްމަންޓުގެ ކްރައިމް ޕްރިވެންޝަން ޔުނިޓުން އިސްނަގައިގެން ހުޅުމާލޭ ޕޮލިސް ސްޓޭޝަނާއި ޣާޒީ ސްކޫލާއި އެސްކޫލުގެ ބެލެނިވެރިން ގުޅިގެން ހިންގާ މިކޭމްޕުގައި ޣާޒީ ސްކޫލު ގްރޭޑް 8 އަދި 9 ގެ 72 ދަރިވަރުން ބައިވެރި ވެފައި ވެއެވެ. އެއީ 29 ފިރިހެން ކުދިންނާއި 43 އަންހެން ކުދިންނެވެ. މީގެ އިތުރުން މިކޭމްޕުގައި އެސްކޫލުގެ މުދައްރިސުންނާ ބެލެނިވެރިންނަށް އަމާޒުކޮށްގެން ތަފާތު ޕްރޮގްރާމުތައް ކުރިޔަށް ގެންދެވޭނެއެވެ. މިއަދުން ފެށިގެން މި ކޭމްޕް 3 ދުވަހުގެ މުއްދަތަށް ހުޅުމާލޭ ޣާޒީ ސްކޫލުގައި ކުރިޔަށް ދާނެއެވެ.
މިކޭމްޕުގައި ބައިވެރިވާ ދަރިވަރުންނަށް ރަނގަޅު އަޚްލާޤާއި ހަރުދަނާ އުޞޫލުތަކަށް މަގުފަހި ކުރުމަށް ގިނަ ޙަރަކާތްތަކަކާއި ސިފަވަންތަ ދިރިއުޅުމަކަށް ބޭނުންވާ ކަންކަން ނުވަތަ ލިވިންގ ވެލިއުސްގެ ގިނަ ކަންތައްތަކެއް އުގަންނައި ދެވޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަދި ޒިންމާދާރު ބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރަންޖެހޭނެ ކަންތައްތަކުގެ މަޢުލޫމާތުދީ އެފަދަ ކަންކަން ދަސްކޮށްދިނުމުގެ އިތުރުން ކަންކަމުގައި އިސްނަގައި ޙަރަކާތްތެރިވުމަށް ބާރުއަޅައިދޭ ޙަރަކާތްތަކާއި، ޤައުމީ ލޯބި އިތުރު ކުރުމާއި ޤައުމިއްޔަތު ދެމެހެއްޓުމަށާއި ދީނީ ކަންކަމަށް ސަމާލުކަންދީ ދީނީ އާދަތަކަށް އަހުލުވެރިކުރުވައި، ޤާނޫނާއި ޤަވާޢިދުތަކަށް ބޯލެނބުމަށް ދަރިވަރުންނަށް ދަސްކޮށްދެވޭނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މީގެއިތުރުން ދަރިވަރުންނަށް މުހިއްމު ބައެއް ޤާނޫނޫތައް ކަމުގައިވާ ޢާއްމު އިޖްތިމާޢީ މިންގަނޑުގެ ޤާނޫނާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ދަރިވަރުންނަށް ލިބިދެވޭ ރައްކާތެރިކަމާއި ދަރިވަރުން ރައްކާތެރިވާންޖެހޭ މާއްދާތަކަށް އަހުލުވެރި ކުރުމުގެ އިތުރުން ސައިބަ ކްރައިމް އާއިބެހޭގޮތުންވެސް މިކޭމްޕުގައި މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު މި ކޭމްޕްގެ ބައިވެރިވާ ދަރިވަރުންގެ ބެލެނިވެރިންނަށް ޚާއްސަކޮށްގެން ބެލެނިވެރިކަމުގެ ހުނަރުތައް ތަރައްޤީކުރުމުގެ ސެޝަނެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.
ރެޑީ ކޭމްޕަކީ ފުރާވަރުގެ ކުދިން ކުށުގެ ވެށިން ދުރުކޮށް ޒިންމާދާރު އަދި ޤައުމީ ލޯބި ލިބިގެންވާ ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމުގައި އެހީތެރިވެދީ ސިފަވަންތަ ދިރިއުޅުމަކަށް ފުރުޞަތު ހޯދައިދިނުމުގެގޮތުން ހިންގާ ޕްރޮގްރާމެކެވެ.
މިއީ މިއަހަރު ތެރޭގައި ހިންގާ 7 ވަނަ ރެޑީ ކޭމްޕެވެ. މިއަހަރު ބޭއްވި ކޭމްޕްތަކުގައި ޖުމުލަ 672 ދަރިވަރުން ބައިވެރިކޮށްފައި ވެއެވެ. މިއަހަރުގެ މިހާތަނަށް ރެޑީކޭމްޕް ބާއްވާފައިވަނީ ހއ. ބާރަށާއި، ހދ. ކުޅުދުއްފުއްޓާއި، ކ. ހިއްމަފުށްޓާއި، ގއ. ގެމަނަފުށީގެ އިތުރުން ޏ. ފުވައްމުލަކާއި ޅ. ނައިފަރުގައެވެ.
72 ދަރިވަރުންނާއިއެކު ހުޅުމާލެ ގާޒީ ސްކޫލްގައިި ރެޑީ ކޭމްޕް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ