ދިއްގަރު ދާއިރާގެ މަޖިލިސް ގޮނޑި ޕީޕީއެމްއަށް ކާމިޔާބު ކޮށްދީ، އެދާއިރާގެ ރަައްޔިތުން ދިން ހަދިޔާގެ ބަދަލު ހެޔޮ ގޮތުގައި ސަރުކާރުން ދޭނެ ކަމަށް ޕީޕިއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވެއްޖެ އެވެ.
މިހާރު ޕީޕީއެމް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ މިއަދު މި ލިބުނު ކާމިޔާބަކީ މުޅި ގައުމަށް ހޯދައިދިން ކާމިޔާބެއް ކަމަށެވެ. ހަމައެއާ އެކު އެ ކާމިޔާބަކީ މ. އަތޮޅާއި ދިއްގަރު ދާއިރާއަށް ލިބިގެން ދިޔަ ކާމިޔާބެއް ކަމަށްވެސް ނިހާން ވިދާޅުވިއެވެ. ނިހާން ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެވުމާއެކު ދިއްގަރު ދާއިރާއަށް އިތުރު ކުރިއެރުން ލިބިގެން ދާނެ ކަމަށެވެ.
އަދި މަޖިލީހުގެ ތެރެއިން ދާއިރާގެ ކުރިއެރުމާއި ތަރައްގީ އަށް ކުރެވޭ މަސައްކަތް މިހާރަށްވުރެ ރަނގަޅު ވެގެން ދާނެ ކަމަށްވެސް ޕީޕީއެމް ގެ ޕީޖީ އިން މައުލޫމާތު ދެއެވެ.
"އިރާދަ ކުރެއްވިއްޔާ 2016 ވަނަ އަހަރަށް ތައްޔާރު ކުރެވޭ ބަޖެޓުގައިވެސް ދާއިރާގެ މުލި، މަޑުއްވަރީ ވޭވަށް، ރަތްމަންދޫ އަދި ދިއްގަރާވެސް އެކުގައި މި ރަށްތަކަށް އިތުރަށް އަޅުގަނޑުމެން ބަޖެޓު ކުރަން ޖެހޭ ކަންކަން އަޅުގަނޑުމެންގެ މެމްބަރުން ވާނެ މީގެ ކުރިން ވެސް އެއްބަސްވެފައި އަޅުގަނޑުމެންނަށް ފާރިސް އެކަށީގެންވާ ރަނގަޅު ޕަސެންޓޭޖަކުން ހޮއްވަވައި ދެއްވައިފިނަމަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކޮށްދޭން ޖެހޭ ހުރިހާ މަސައްކަތެއް ކޮށްދެއްވާނަމޭ." ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ ޕީޕީއެމް އަކީ އެއްވެސް ގޮތަކަށް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ތަމްސީލް ކުރައްވާ ދާއިރާތަކުގެ ކުރިއެރުމަށް ހުރަސް އަޅާނެ ޕާޓީއެއް ނޫން ކަމަށެވެ. އެގޮތުން އެމްޑީޕީ މެމްބަރުން ހުށަހެޅި ކަންކަންވެސް އިސްލާހުގައި ހިމަނައިގެން ޕީޕީއެމްއިން ވޯޓު ދީފައި ވާނެ ކަމަށާއި، އެހެން ނަމަވެސް އެކަންކަން ފާސް ކުރުމަށް އެމްޑީޕީ މެމްބަރުން ވޯޓުގައި ބައިވެރި ނުވިކަން ނިހާން ފާހަގަ ކުރެއްވިއެވެ.
ނިހާން ވިދާޅުވީ އެހެން އެއްވެސް ދާއިރާ އަކާއި ތަފާތު ކުުރުމެއްނެތި، ދިއްގަރު ދާއިރާއަށްވެސް ޚާއްސަ ސަމާލުކަމެއް ދީގެން އެ ދާއިރާގެ ރައްޔިތުން މިއަދު ދިން އުފާވެރި ހަދިޔާގެ ބަދަލު ދިނުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ދާއިރާގެ ރައްޔިތުން ދިން ހަދިޔާގެ ބަދަލު ހެޔޮގޮތުގައި ދޭނަން - ނިހާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ