ސްކޫލް ދަރިވަރުންގެ އެންޓި ބޮޑީ ޓެސްޓް ހަދަން ނިންމައިފި

ސްކޫލް ދަރިވަރުންގެ އެންޓި ބޮޑީ ޓެސްޓް ހަދަން ނިންމާފައިވާކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޯސީ) ހާމަކޮށްފިއެވެ. 
އެޗްއީއޯސީ އިން ހާމަކޮށްފައިވާގޮތުގައި މިއީ ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ހަގީގީ އަދަދު ހޯދުމަށް ހަދަން ފެށުމަށް ނިންމާފައިވާ އެންޓި ބޮޑީ ޓެސްޓިންގެ އެންމެ ފުރަތަމަ މަރުހަލާއެވެ. އެގޮތުން، އެޗްއީއޯސީއިން ބުނެފައިވާ ގޮތުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އަންދާޒާކުރުމަށް ކުރަންޖެހޭ މަސައްކަތުގެ ސްޓަޑީ ޕްލޭނެއް ހަދާ މަސައްކަތް މިހާރުވަނީ އެޕްރޫވްކޮށްވެސް ނިމިފައެވެ. 
އަދި އެންޓި ބޮޑީ ޓެސްޓިން ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވެ ނިމިފައިވާއިރު، މި ޓެސްޓް އެންމެ ފުރަތަމަ ހަދާނީ ސްކޫލް ދަރިވަރުންގެއެވެ. 
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީއާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މި މަސައްކަތް، މި ހަފްތާތެރޭގައި ފެށޭވަރު ވާނޭ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގްވަނީ ވިދާޅުވެފައެވެ.
މިހާތަނަށް މުޅި ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 10،943 މީހުންނެވެ. އޭގެ ތެރެއިން 9،783 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ބަލި ޖެހިގެން މަރުވެެފައިވަނީ 35 މީހުންނެވެ. މިހާރުވެސް، ބަލި އޮތް މިންވަރު ދެނެގަތުމަށް ދުވާލަކު 1،303 މީހުން ކޮވިޑަށް ޓެސްޓް ކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ