ކޮޅިގަނޑުގެ ބާރު ގަދަވެއްޖެ، ހަވީރުން ފެށިގެން މޫސުން ގޯސްވާނެ: މެޓް

މިއަދު ހަވީރުން ފެށިގެން ރާއްޖެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ "ބުރެވި" ތޫފާން މިހާރު ހުރީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރު ދެކުނުން ގާތްގަނޑަކަށް 200 މޭލު ދުރުގައި ކަމަށާއި މި ތޫފާން އިތުރަށް ބާރުގަދަވެ، ހުޅަނގު ހުޅަނގުއުތުރަށް ދަތުރުކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ލަންކާ ހުރަސްކޮށް ދެކުނު އިންޑިއާގެ އައްސޭރިފަށާ ކައިރިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ރާއްޖޭގެ އިރު ދެކުނުން، އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ވެސް ބާރުގަދަވަމުންދާ ކަމަށް މެޓް އޮފީހުން ބުނެއެވެ. އެގޮތުން މިއަދު ހަވީރުން ފެށިގެން ރާއްޖެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ހާމަކުރެއެވެ.
މި ނިޒާމްތަކާއި ގުޅިގެން ރާއްޖޭގެ މޫސުމަށް ފޯރާނެކަމަށް ބެލެވޭ އަސަރުތައް އެއޮފީހުން އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން، ނެރޭ ސަމާލު އަދި އިންޒާރުގެ މެސެޖް މެދުވެރިކޮށް ޢާންމުކުރެވެމުން ދާނެކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ