ކުޅިވަރުގައި ހޯދާ ކާމިޔާބީތަކާއި ރާއްޖޭގައި ހުރި ފުރުސަތުތަކާއި ނުބައްދަލު: ރައީސް

ޒުވާން ކުޅުންތެރިން، ބައިނަލްއަޤްވާމީ ފެންވަރުގައި ހޯދާ ކާމިޔާބީތައް މިހާރު މަދު ނޫން ކަމަށާއި، އެހެން ނަމަވެސް، ކުޅުންތެރިން އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް، އެފަދަ ކާމިޔާބީތަކާ ފައިހަމަވާ މިންވަރާ ގާތަށްވެސް ތަރައްޤީކުރެވިފައި ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
މާލޭ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ރާއްޖޭގައި ކުޅުންތެރިންނަށް ޓްރެކްތަކާއި، ފަތާ ފެންގަނޑުތަކާއި، ސްޓޭޑިއަމްތަކާއި، އިންޑޯ ހޯލްތަކާއި، ޖިމްފަދަ ވަސީލަތްތައް، އެކަށީގެންވާ މިންވަރަކަށް ތަރައްޤީ ކުރެވިފައި ނެތް ކަމަށެވެ.
ކުރިން ވަރަށް އާދައިގެ ގޮތަކަށް ހަދާފައި އޮތް ޓްރެކު ތަރައްގީ ކުރުމަށްފަހު އަލުން ހުޅުވުމުގެ ސަބަބުން ކުޅިވަރު ކުޅޭ ފަރާތްތަކަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އެތްލީޓުން ތަރައްގީ ކުރުމަށް އެ ޓްރެކަކީ މުހިންމު ތަނަކަށް ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މިއީ ހަމައެކަނި އެތުލީޓުން ތަމްރީނުކުރުމަށް ޚާއްޞަ ތަނެއް ނޫން. މިއީ މާލެ ސަރަޙައްދުގައި ދިރިއުޅޭ އެންމެންގެ ޢާންމު ޞިއްޙަތާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއް. އެހެންކަމުން، މިއީ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމާއި، ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން، ވަރަށް ޚާއްޞަ އިސްކަމެއްދީގެން ކޮށްފައިވާ މަސައްކަތެއް.
- ރައީސް އިބްރާހިމް މުހައްމަދު ޞާލިހު
ރައީސް ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ، ކުޅިވަރުގެ ރޮނގުން ދެކޭ ހުވަފެންތައް، ޙަޤީޤަތަކަށް ހެދޭނެ މަގު، ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށާއި އޭގެ އިތުރުން، ތޮއްޖެހިފައި އޮތް މި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އާންމު ސިއްހަތު ރަނގަޅުކުރުމަށްޓަކައި، ކޮށްދެވެން ހުރި ކޮންމެ ކަމެއް ކޮށްދިނުން ކަމަށެވެ.
Articl Inline Image
ޓްރެކު ތަރައްގީ ކުރުމުގެ މަޝްރޫއު ފުރިހަމަކުރުމުގައި، އިންޑިއާގެ ވަރަށް ދީލަތި އެހީތެރިކަމެއް ލިބިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން ރައީސް ޞާލިހު ވިދާޅުވީ މިއީ، ދޭދޭ ޤައުމުތަކާއެކު ގުޅުން ބަދަހިކޮށް، ބައިނަލްއަޤްވާމީ ގުޅުންތައް ދެމެހެއްޓުމަށް، ސަރުކާރުން ގެންގުޅޭ ޚާރިޖީ ސިޔާސަތުގެ ހެޔޮ ނަތީޖާ ކަމަށެވެ.
އެހެންކަމުން، ރާއްޖޭގެ ތަރައްޤީއަށާއި، ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގައި، ދެމުން އަންނަ އެހީތެރިކަމުގެ އަގުވަޒަންކޮށް، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ނަމުގައި، އިންޑިޔާ ސަރުކާރަށް، އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.
- ރައީސް އިބްރާހިމް މުހައްމަދު ޞާލިހު
މީގެ އިތުރުން ރައީސް ޞާލިހު ވަނީ އަލްމަރްޙޫމް މުޙައްމަދު ޒާހިރު ނަޞީރަކީ ކުޅިވަރުގެ ބައްޕަ ކަމަށް ވިދާޅުވެ އޭނާއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ