ރައްޔިތުން ބޭނުންވާ ކަހަަލަ ބަޖެޓެއް ހެދޭނީ ގާނޫނުތަކަށް ތަބާވާ ސަރުކާރެއް އޮވެގެން: އިމްތިޔާޒު

ރައްޔިތުން ބޭނުންވާ ކަހަލަ ބަޖެޓަކާ ހަމައަށް ވާސިލުވެވޭނީ ގާނޫނީ އިމުގެ ތެރެއިން ހިނގާ ސަރުކާރެއް އޮވެގެން ޖަވާބުދާރީ ކުރެވޭނެ ގޮތްތަކެއް ހަމަޖެހިގެން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.
ކުނޫޒްގައި ގުޅިފައިވާ ޕާޓީ ތަކުގެ މެމްބަރުން ކުރިއަށްގެންދާ ބަޖެޓް ޕެނަލްގައި އިއްޔެ ވާހަކަ ދައްކަވަމުން އިމްތިޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ އަސްކަރިއްޔާގެ ބެލުމުގެ ދަށުގައިވާ ތަނަކަށް ހަދައިގެން، މަޖިލިހުގެ މެމްބަރުން ޖަލަށްލައި، މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ބުނެ ޣައިރު ގާނޫނީ ކަންތައްތައް ކުރާއިރު ބަޖެޓާ ގުޅޭ ގޮތުން ވާހަކަދެއްކެނޭ ގޮތެއް ނޯންނާނެ ކަމަށެވެ.
އިމްތިޔާޒް ވިދާޅުވީ ބަޖެޓެއް ހުށަހަޅާއިރު ފުރަތަމަވެސް ގާނޫނީ އިމުގެ ތެރެއިން ހިނގާ ސަރުކާރެއް ނުވަތަ ގާނޫނީ ގޮތުން ހިނގާ ދައުލަތުގެ މުއައްސަސާތަކެއް ހުންނަންޖެހޭ ކަމަށާއި، އެހެންނަމަވެސް ރާއްޖެ މިހާރު އޮތީ ފެއިލްވެފައިވާ ދައުލަތަކާ ހަމައަށް ގޮސްފައި ކަމަށެވެ.
އިމްތިޔާޒް ވިދާޅުވީ މިއަދު ފެނިގެންދަނީ ބައިނަލްއަގުވާމީ ހުރިހާ ޖަމިއްޔާތަކާވެސް ގުޅުން ކަނޑަމުންދާ މަންޒަރު ކަމަށާއި އަދި އެތަންތަނުން ނިންމާ ނިންމުންތަކަށް ގޮންޖަހަމުންދާ މަންޒަރު ކަމަށެވެ.
މީގެ އިތުރަށް ފެއިލްވެފައިވާ ދައުލަތްތަކުން ފެންނަމުންދާ ފަދަ ކޮރަޕްޝަންގެ ކަންތައްތައްވެސް ސަރުކާރުގެ ތެރެއިން ފެންނަމުންދާ ކަމަށްވެސް އިމްތިޔާޒް ވިދާޅުވި އެވެ.
މިޕެނަލްގައި ވާހަކަ ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ 2018 ވަނަ އަހަރުގެ ބަޖެޓުގައި ވަރަށް ހަމަނުޖެހޭ އަދަދުތަކެއް ޖަހާފައި އެބަހުރި ކަމަށާއި، އެއަދަދުތަކަކީ ތަރައްގީގެ ބައެއް މަޝްރޫޢުތަކަށް މާބޮޑެތި އަދަދުތައް ކަމަށެވެ.
ބަޖެޓަކީ ރިޔާސީ ވައުދަކަށް އެކުލަވާލެވޭ އެއްޗެއްކަން ފާހަގަކުރައްވާ އީވާ ވިދާޅުވީ ބަޖެޓު ޖެހޭނީ ވެފައިވާ ރިޔާސީ ވައުދުތަކުގެ މައްޗަށް ފަސް އަހަރަށް ބަހާލެވިފައިވާ ބަޖެޓަކަށް ހަދަން ކަމަށެވެ. އަދި ބަޖެޓުން ރައްޔިތުންގެ ދިރިއުޅުމާ ތައްރައްގީއަށް އަންނަ ބަދަލުތައްވެސް ދައުވައިދޭން ޖެހޭނެ ކަމަށްްވެސް ވިދާޅުވި އެވެ.
ބަޖެޓަށް ވާހަކަދައްވަމުން ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަޅާފައިވާ ބަޖެޓަކީ ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑުކޮށްލާނެ ބަޖެޓެއް ކަމަށެވެ.
ސަބަބަކީ ވޭތުވެދިޔަ ހަތަރު އަހަރުވެސް މިސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުތަކަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރާ ގޮތަށް ރާވާފައި ހުރި ބަޖެޓްތަކަށްވާތީ ކަމުގައިވެސް ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ ބަޖެޓްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން އެއްވެސް ކަމެއް ހިމަނާފައި ނުވާއިރު ބަޖެޓްގައި ކަންކަން ރޭވިފައި ވަނީ އެފަދަ ވިޔަފާރިތަކަށް ކުރިނޭރޭނެ ފަދަ ގޮތްގޮތަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ