ސުޕްރީމް ކޯޓުން ނެރުއްވި އަމުރަށް ގެންނެވި ބަދަލާއި ގުޅިގެން ސަރުކާރުން އެކަމަށް މަރުޙަބާ ވިދާޅުވެއްޖެ

މިމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުއްވި އަމުރަށް ގެންނެވި ބަދަލާއި ގުޅިގެން ސަރުކާރުން އެކަމަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުން ރޭ ނެރުއްވި އަމުރަކުން ވަނީ:
1. ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 އަމުރުގެ 5 ވަނަ ނަންބަރުގައި ބަޔާން ކުރައްވާފައިވާ ފަރާތްތަކާ ބެހޭ މައްސަލަތައް އަލުން ބެލެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެފަރާތްތައް ވަގުތުން ދޫކޮށް މިނިވަން ކުރުމަށް ކަނޑައަޅާފައިވާ ބަޔާއި، އަދި
2. ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 އަމުރުގެ 2 ވަނަ ނަންބަރުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާ ބެހޭ އެއްވެސް މައްސަލައެއް އެޖެންޑާކޮށް ބެލުމުގެ އެއްވެސް އިޚްތިޞާޞްއެއް ނުވަތަ ބާރެއް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލިބިގެން ނުވާކަމަށް ކަނޑައަޅާފައިވާ ބައި ބާޠިލް ކަމަށް ކަނޑައަޅުއްވާފައެވެ.
އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން "ޤާނޫނަށް ގޮންޖައްސަވައި" ނެރުއްވި "އާދަޔއި ޚިލާފު" އަމުރުގައި ވަނީ ޓެރެރިޒަމްގެ ކުށް ސާބިތުވެފައިވާ ކުށްވެރިންނާއި އެހެންވެސް ބައެއް ގައިދީން މިނިވަން ކުރުމަށް ޙުކުމްކޮށްފައެވެ. މި ޙުކުމުގެ ދުވަސްކޮޅެއް ކުރިން އިދިކޮޅު ސިޔާސީ އިސްވެރިންތަކެއް ސުޕްރީމް ކޯޓުން އެފަދަ އަމުރެއް ކުރަން އުޅޭކަން ފާޅުގައި ބުނެފައިވާތީ، އެ އަމުރުގައި ރިޝްވަތުގެ ޢަމަލު ހިމެނިފައިވާ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
ޤައުމުގެ ހަމަޖެހުމާއި ސަލާމަތަށް ހުރަސް އެޅޭފަދަ އަމުރެއް ސުޕްރީމް ކޯޓުން ކުރުމާއި ގުޅިގެން ސަރުކާރުން ވަނީ އެ އަމުރަށް ތަބާނުވެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ