ހައި ކޯޓުގެ ގޮފިތަކަށް ދާއިމީ ފަނޑިޔާރުން ހަމަޖެއްސުމުގެ ބަދަލުގައި ހައި ކޯޓުގެ ގޮފިތަކަށް ހުށަހެޅޭ މައްސަލަތައް ބަލައި ނިޔާ ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަނޑައަޅާ ޝަރުއީ ވަފްދަކުން ކަމަށް ހަމަޖއްސައިފި އެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރުނު ގަރާރެއްގައި ބުނެފައިވަނީ ގޮފިތަކަށް އެކަށީގެންވާ އަދަދަކަށް މައްސަލަ ހުށަހެޅުމުން އެ މައްސަލަތައް ބަލާނީ ސުޕްރީމް ކޯޓުން ކަނޑައަޅާ ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ޝަރުއީ ވަފުދަކުން ކަމަށެވެ. އަދި އެ ނިންމުމާ ގުޅިގެން ހަމަޖައްސަންޖެހޭ އިދާރީ ކަންކަން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހަމަޖައްސަން ޖެހޭނެ ކަމަށް ވެސް ގަރާރުގައިވެ އެވެ.
މީގެކުރިން ސުޕްރީމް ކޯޓުން އޮތީ އެކަމަށް އުސޫލެއް ކަނޑައަޅައި، ގޮފިތަކުގެ ފަނޑިޔާރުން ދައުރުވާ ގޮތް ހަދާފަ އެވެ. ނަމަވެސް މި ގަރާރަކީ މީގެކުރިން ނެރެފައިވާ ހައިކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖެއްސުމުގެ ތިން ގަރާރަކާއި އިސް ފަނޑިޔާރު ހަމަޖެއްސުމުގެ ގަރާރު ބާތިލުކުރުމަށްފަހު ނެރެފައިވާ ގަރާރެކެވެ.
ރާއްޖޭގައި ކުއްލި ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ރޭ ވަނީ ހައްޔަރުކޮށްފަ އެވެ. އެހެންވެ، މިވަގުތު ސުޕްރީމް ކޯޓުގައި މަސައްކަތް ކުރައްވަނީ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.
ކޯޓުތަކުގެ ގާނޫނަށް 2014 ވަނަ އަހަރު ގެނެސްފައިވާ އިސްލާހުގެ ދަށުން ހައި ކޯޓުގެ ދެ ގޮތްޕެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމް ކުރަން ޖެހެ އެވެ. އަދި މިއިން ކޮންމެ ގޮތްޕެއްގައި ތިން ފަނޑިޔާރުން ތިބެން ޖެހެ އެވެ. އެހެންކަމުން މި ދެ ގޮފީގައި ދާއިމީކޮށް ތިން ފަނޑިޔާރުން ތިބޭ ގޮތަށް މީގެ ކުރިން ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް ރޭ ނެރުނު ގަރާރުގައި ވަނީ މިކަން ބާތިލުކޮށް ހައި ކޯޓުގެ ދެކުނު ގޮތްޕާއި ހައިކޯޓުގެ އުތުރު ގޮތްޕަށް ހުށަހެޅޭ މައްސަލަތައް ބަލާނީ ސުޕްރީމް ކޯޓުން ކަނޑައަޅާ ޝަރުއީ ވަފްދަކުން ކަމަށް ބުނެފަ އެވެ.
ހައި ކޯޓުގެ ގޮފިތަކަށް ހުށަހެޅޭ މައްސަލަތައް ދެން ބަލާނީ ސުޕްރީމް ކޯޓުން ކަނޑައަޅާ ފަނޑިޔާރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ