މެމްބަރު ޔާމީންގެ މެސެޖު - ޤަވާއިދުތައް ކަމުނުދާނަމަ "ގޭމް" ދޫކޮށްލާ

ހެދިފައިވާ ޤަވާއިދުތައް ކަމުނުދާނަމަ "ގޭމް" ދޫކޮށް ވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން އެދިވަޑައިގެންފިއެވެ.ކަޅު ސޯފާއެއްގައި ހައިބަތު ބޮޑު ގޮތަކަށް އިށީންދެ ވަޑައިގެން އިންނަވާ ފޮޓޮއެއް ޓްވިޓަރގައި ހިއްސާކުރައްވަމުން މެމްބަރު ޔާމީން ވިދާޅުވެފައިވަނީ "އިފް ޔޫ އާރ ނޮޓް ޕްލީސްޑް ވިތް ދަ ރޫލްސް، ލީވް ދަ ގޭމް" ކަމަށެވެ.ޔާމީން ވިދާޅުވާން މިއުޅުއްވަނީ ކީކޭބާއެވެ؟ ޔާމީނަކީ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެކެވެ. "ރޫލްސް" ނުވަތަ ޤަވާއިދުތައް ނުވަތަ އެއަށްވުރެއް ބޮޑަށް ޝަރަހަ ކުރާނަމަ ޤާނޫނުތައް ހެދިގެން އަންނަނީ އެމަޖިލިސް ތެރެއިންނެވެ.ބެލެވޭ ގޮތުގައި ޔާމީން އިޝާރާތްކޮށްފައިމިވަނީ ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ބޯލެނބުމަށެވެ. އަދި އެޤާނޫނުތައް ކަމުނުދާނަމަ ދޫކޮށް ވަޑައިގެންނެވުމަށެވެ. މިޖުމްލައިގައި "ދޫކޮށް ވަޑައިގެންނެވުމަށް" އިޝާރާތް ކުރައްވާފައިމިވަނީ ސިޔާސީ ފަރާތްތަކަށް ކަމަށްވުން އެކަށީގެންވެއެވެ. ސަބަބަކީ ޤާނޫނުތައް ހެދުމަށްފަހު އެޤާނޫނުތަކާ އެއްގޮތަށް ޢަމަލުކުރަން ފެށުމުން ސަރުކާރަށް މިހާރުވެސް އިދިކޮޅު މަޖިލިސް މެމްބަރުން ފާޑުކިޔުންތަކެއް އަމާޒުކުރަމުންދާތީއެވެ. ޚާއްސަގޮތެއްގައި ބޮޑެތި ކުށްތައް ސާބިތުވެ ޙުކުމް ތަންފީޒު ކުރަމުން ގެންދާ ޤައިދީންގެ ދިފާއުގައެވެ.މެމްބަރު ޔާމީން ރަޝީދަކީ މިކަމާއި ގުޅިގެން އިދިކޮޅު ފަރާތްތަކަށް، އެކި ޕޯޑިއަމްތަކުގައި ހޫނު ރައްދުތައް ދެއްވަމުން ގެންދަވާ ބޭފުޅެކެވެ.ކޮންމެއަކަސް ޔާމީންގެ މިފޮޓޯއާއިއެކު ޓްވިޓަރ ހޫނުވެއްޖެއެވެ. ޚާއްސަކޮށް އިދިކޮޅު އެމްޑީޕީއަށް ތާޢީދުކުރާ ފަރާތްތަކުން މެމްބަރު ޔާމީނަށް ހޫނު ބަހުގެ ހަމަލާތަކެއް ގެންދަނީ އަމާޒުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ