ސުޕްރީމް ކޯޓަށް ހާޟިރުކުރީ ރާއްޖެ ޓިވީގައި ދެއްކެވި ވާހަކަތާ ގުޅިގެންކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމާއި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގައި 4 ގަޑިއިރު ހޭދަކުރެއްވުމަށްފަހު ކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ހުސައިން ޝަމީމް ވިދާޅުވީ، ސުވާލު ކުރެއްވީ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުތަކާމެދު ސުވާލު އުފައްދައި ރާއްޖެ ޓީވީ ޕްރޮގްރާމްގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ކަމަށެވެ.
ޝަމީމް ވިދާޅުވީ، ސުޕްރީމް ކޯޓުން ހުކުމެއް ކޮށްފިއްޔާ 1 ފެބްރުއަރީ ވިޔަސް، 5 ފެބްރުއަރީ ވިޔަސް، 15 ފެބްރުއަރީ ވިޔަސް ތަންފީޒު ކުރަންޖެހޭނެ ވާހަކަ ޕްރޮގްރާމްގައި ދެއްކެވި ކަމަށް ދެންނެވި ކަމަށެވެ.
ޕްރޮގްރާމްގައި ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން އެހެން މީހަކަށް އެހެން ގޮތަކަށް ދޭހަވެއްޖެއްޔާ އެއީ އޭނާގެ ނާގާބިލްކަން ނުވަތަ ކުޅެދުންތެރިކަން ނެތީކަމަށް ގަބޫލު ކުރައްވާ ކަމަށް ދެންނެވި ކަމަށްވެސް ވިދާޅުވިއެވެ.
"ސުވާލުކޮށް ބަޔާން ނެގީ، އިތުރަކަށް އެ ބޭފުޅުންވެސް މާގިނަ ވާހަކަތަކެއް ނުދައްކަވާ. ބުނިގޮތަށް ބަޔާން ތައްޔާރުކޮށްފައޮތީ" ޝަމީމް ވިދާޅުވިއެވެ.
ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ކެންދޫ ދާއިރާގެ މެމްބަރ އަލްއުސްތާޛް އަލީ ހުސައިން ވިދާޅުވީ، ސުޕްރީމް ކޯޓަށް ހާޟިރުކޮށް ސުވާލު ކުރުމުން ރާއްޖެ ޓީވީ ޕްރޮގްރާމްގައި ޖުޑިޝަރީ ބަދުނާމުވާފަދަ ވާހަކަތަކެއް ދައްކަވާފައި ނޯންނާނެ ކަމަށް ދެންނެވި ކަމަށެވެ.
1 ފެބްރުއަރީގައި ނެރުނު ހުކުމުގެ ފަހުން ނެރުނު ހުކުމްތަކާ ގުޅިގެން ސުވާލު އުފައްދައި އަދި އެހުކުމްތައް ނެރުނު ގޮތާމެދު ސުވާލު އުފައްދައި ވާހަކަ ދެއްކެވިއޭ، އުއްތަމަ ފަނޑިޔާރު ނެތި ހުކުމް ނުނެރެވޭނެ ކަމަށްވެސް ވާހަކަ ދެއްކެވިކަމަށް ސުވާލު ކުރުމުން، އެގޮތަށް ވާހަކަ ދެއްކެވި ކަމަށް ދެންނެވި ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
"އަޅުގަނޑު ދެންނެވިން އެވާހަކަ ދެއްކީމޭ، އެއީ ގަބޫލުކުރާ ގޮތޭ، ބަޔާނުގަވެސް ހިމަނާ ދޭށޭ އެވާހަކަތައް. އެއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ހިމެނެނީވެސް އުއްތަމަ ފަނޑިޔާރާ އެކީގައޭ، އުއްތަމަ ފަނޑިޔާރު ނެތި ސުޕްރީމް ކޯޓެއް ނޯންނާނެއޭ. 1 ފެބްރުއަރީގެ ފަހުން ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ނެރުނު އަމުރުތައް ނެރުއްވާފައިވަނީ އުއްތަމަ ފަނޑިޔާރު ނެތިކަމަށްވާތީ މިހާރުވެސް އެ ސުވާލު އުފައްދަމޭ. އުއްތަމަ ފާނޑިޔާރު ޣައިރުގާނޫނީ ގޮތެއްގައި ވަރަށް އަނިޔާވެރި ގޮތެއްގައި ހައްޔަރު ކުރެވި ޖަލަށް ލެވިފައިވާ ހާލަތެއްގައި އަދި ސުޕްރީމް ކޯޓު މިލިޓަރީގެ ދަށުގައި އޮންނަ ހިނދެއްގައި އަމުރުތައް ނެރުއްވީމަ ހަމަ ހަގީގަތުގަވެސް ސުވާލު އުފެދެއޭ. ސުވާލު އުފެދޭ ކަމަށްބުނެ އަޅުގަނޑު ބަޔާންވެސް ދިނީ" އަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ސީލް ބޭނުން ކުރުމާ ބެހޭގޮތުންވެސް ގާނޫނީގޮތުން ސުވާލު އުފެދޭ ކަމަށް ދެންނެވި ކަމަށެވެ. ގާނޫނުގަ ބުނަނީ ސުޕްރީމް ކޯޓުގެ ސީލް ބޭނުން ކުރެވޭނީ އުއްތަމަ ފަނޑިޔާރަށް ނުވަތަ އުއްތަމަ ފަނޑިޔާރު ލިޔުމުން ހުއްދަދެއްވާ ފަރާތެއް، ރަޖިސްޓްރާ ނުވަތަ ރަޖިސްޓްރާ ލިޔުމުން ހުއްދަދޭ ފަރާތަކަށް ކަމަށެވެ.
އަލީ ހުސައިން ވިދާޅުވީ، އެބޭފުޅުން ސުޕްރީމް ކޯޓަށް ހާޟިރުކުރުމަށް ފޮނުވި ޗިޓްގަވެސް ސޮއި ކުރައްވަފައިވަނީ ރަޖިސްޓްރާގެ މައޫލިއްޔަތުތަކާ ހަވާލުވެ ހުންނެވި ފަރާތަކުން ކަމަށްވާތީ ސުވާލު އުފެދޭ ކަމަށް ދެންނެވި ކަމަށެވެ. އަދި މިގޮތަށް ހާޟިރުކޮށް ތަހްގީގު ހިންގިދާނެ ކަމާމެދުވެސް ސުވާލު އުފެދޭކަމަށް ދެންނެވި ކަމަށެވެ. ހަމަ އެއާއެކު، އުއްތަމަ ފަނޑިޔާރުނެތި މިގޮތަށް ހުކުމްތައް ކުރެވި، މައްސަލަތައް ބެލުމަކީ ސުވާލު އުފެދޭ ކަމެކޭވެސް ދެންނެވި ކަމަށެވެ.
އަދި ޓީވީ ޕްރޮގްރާމްގައި ދެއްކެވި ވާހަކަތަކާ އެއްގޮތަށް، ސުޕްރީމް ކޯޓުން މައްސަލައެއް ބަލައި ނިމުމަށްފަހު ފައިސަލާކޮށް ހުކުމް އިއްވުމަށްފަހު ދެން އަލުން އެ މައްސަލައެއް ނުބެލޭނެ ކަމަށް ދެންނެވި ކަމަށްވެސް އަލީ ހުސައިން ވިދާޅުވިއެވެ.
"އެގޮތުން ފާހަގަކުރިން، މަޖިލީހުގެ 12 މެމްބަރުންގެ މައްސަލައަކީ ސުޕްރީމް ކޯޓުން ބަލައި 5 ފަނޑިޔާރުން ފައިސަލާކޮށްފައިވާ މައްސަލައެކޭ، ވީމާ އަލުން އެމައްސަލަ ސުޕްރީމް ކޯޓަކަށް ނުބެލޭނެއޭ، އަމުދުން 3 ފަނޑިޔާރުންނަށް ބެލޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެއޭ" އަލީ ހުސައިން ވިދާޅުވިއެވެ.
ސުޕްރީމް ކޯޓަށް ހާޟިރުކޮށް ހުސައިން ޝަމީމްއާއި އަދި އަލީ ހުސައިންއާވެސް ސުވާލުކުރައްވާފައިވަނީ ވަކީންނެވެ. ސުވާލު ކުރެއްވުމަށްފަހު ދެބޭފުޅުންގެ ބަޔާންވެސް ނެގިކަމަށް ވިދާޅުވިއެވެ. އަދި މިއީ ޖިނާއީ ތަހްގީގެއް ނޫންކަމަށް ވިދާޅުވި ކަމަށްވެސް ޝަމީމްއާއި އަލީ ހުސައިން ވިދާޅުވިއެވެ.
ސުޕްރީމް ކޯޓަށް ހާޟިރުވެވަޑައިގެންނެވި ނަމަވެސް، ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކީ ބައްދަލު ނުވާ ކަމަށާއި، އެބޭފުޅުންނާ ސުވާލު ކުރެއްވީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބޭފުޅުންކަމަށްވެސް ވިދާޅުވިއެވެ.
އަލީ ހުސައިންއާއި ޝަމީމް ހާޟިރުކުރީ ސުޕްރީމް ކޯޓުގެ އަމުރުތަކާމެދު ސުވާލު އުފެއްދުމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ