އިއްތިހާދު އެއާވޭސް އިން ރާއްޖެއަށް އިތުރު ދަތުރުތަކެއް ފަށަނީ

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ގައުމީ އެއާލައިން، އިއްތިހާދު އެއާވޭސް އިން ޔޫއޭއީގެ އަބޫދާބީއާއި ދިވެހިރާއްޖެއާއި ދެމެދު ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.
އިއްތިހާދު އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުރުކުރަން ނިންމާފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
އިއްތިހާދު އެއާލައިނުން ނިންމާފައިވަނީ މިހާރު ރާއްޖެއަށް ކުރާ ދަތުރުތަކުގެ އިތުރަށް ހަފްތާ އަކު ހަތަރު ދަތުރުކުރުމަށް ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.
އިއްތިހާދުގެ ދަތުރުތައް ރާއްޖެއަށް އިތުރުކުރުމާއެކު އެ އެއާލައިނުން ހަފުތާއަކު ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު 11 އަށް އިތުރުވެގެންދާނެ އެވެ.
އިއްތިހާދު އެއާވޭސްއާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމާ ގުޅިގެން ޔޫއޭއީ އާއި އަރަބި ބައެއް ގައުމުތަކުން ރާއްޖެ އަންނަ މީހުންގެ އަދަދު އިތުރުވުމާއެކު އެމީހުންނަށް ރާއްޖެއަށް އައުމަށް ފަސޭހަ ފުރުސަތުތަކެއް ލިބި ރާއްޖޭގައި ހޭދަކުރެވޭ ވަގުތު އިތުރުވެގެންދާނެ ކަމަށެވެ.
އިއްތިހާދުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރާއިރު މިދަތުރުތަކުގައި ބޭނުންކުރަން ނިންމާފައިވަނީ ބިޒްނަސް އަދި އިކޮނޮމީ ކްލާސް ހިމެނޭ އޭ 320 މަރުކާގެ 136 ގޮނޑީގެ މަތިންދާ ބޯޓުތަކެވެ.
އިއްތިހާދު އެއާވޭސް އިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
އިއްތިހާދު އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށި ފަހުން މިހާތަނަށް 550،000 ފަސިންޖަރުން ރާއްޖެއަށް ގެނެސްފައިވާއިރު މިދިޔަ އަހަރުގެ ތެރޭގައި ޔޫއޭއީން ރާއްޖެއަށް ޒިޔާރަތްކުރި މީހުންގެ އަދަދު ވަނީ 35 ޕަސެންޓް އިތުރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ