އިދިކޮޅު އެމްޑީޕީއަށް ފައިސާ ދޫކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި
އިދިކޮޅު އެމްޑީޕީއަށް ފައިސާ ދޫކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ނިންމީ އެމްޑީޕީއިން އެ ޕާޓީގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ހުށަހެޅުމާއި ގުޅިގެނެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ޕާޓީއަށް ފައިސާ ދޫކުރަން ފިނޭންސް މިނިސްޓްރީއަށް މި ހަފްތާގެ ތެރޭގައި ފޮނުވަން ނިންމާފައިވާކަމަށެވެ.އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއަށް ފައިސާ ދޫކުރަން ނިންމާފައިވާއިރު، ޕީޕީއެމް ،އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީއަށް ވެސް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަސް މީގެކުރިން ވަނީ ހުށައަޅާފައެވެ. މި ތިން ޕާޓީއަށް ފައިސާ ދޫކުރަން ނިންމާފައިވަނީ އެޕާޓީތަކުން އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަހަޅާފައިވާތީއެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާގޮތަށް ދިހަ ހާސް މެންބަރުން ހަމަވާ ޕާޓީތަކަށް ޖުމްލަ ސައުވީސް މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޕީޕީއެމްއަށް، އެގާރަ މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި ޖުމްހޫރީ ޕާޓީއަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމަށް ނިންމާފައިވާއިރު، އެމްޑީއޭއަށްވެސް ދެމިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި އެމްޑީޕީއަށް ދޫކުރުމަށް ނިންމާފައިވާ ފައިސާގެ އަދަދަކީ ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ