ޖަލު ބަންދުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އާއިލީ ބައްދަލުވުންތައް ހުއްޓުވުނީ އޮޅުމަކުން ކަމަށް ބުނެ އެ ބައްދަލުވުންތަކަށް ފުލުހުން އަލުން ފުރުސަތު ދީފައިވާ ކަމަށް އެމަނިކުފާނުގެ އާއިލާއިން މިއަދު ބުނެފިއެވެ.
މައުމޫންގެ އާއިލާއާއި ގާތް ފަރާތަކުން ބުނެފައި ވަނީ މައުމޫންގެ އާއިލީ ބައްދަލުވުންތައް ހުއްޓާލަން އުޅޭކަން މީޑިއާއިން ރިޕޯޓު ކުރުމުން އެކަން ކުރެވުނީ ފުލުހުންގެ ކަސްޓޯޑިއަލްއަށް އޮޅުމަކުން ކަމަށް އާއިލާއަށް ފުލުހުން އެންގި ކަމަށެވެ. އަދި އަލުން ބައްދަލުވުންތަކަށް ފޯމުލާން ފުލުހުން އެދުނު ކަމަށެވެ.
މައުމޫންގެ އާއިލީ ބައްދަލުވުންތަކާއި ފޯން ކޯލުތައް މި މަހުގެ 28 ވަނަ ދުވަހާއި ހަމައަށް މެދުކަނޑާލާފައިވާ ކަން ފުލުހުން މައުމޫންގެ އާއިލާއަށް އެންގި ކަމަށް އެމަނިކުފާނުގެ ވަކީލު މައުމޫން ހަމީދު ވަނީ ވިދާޅުވެފައެވެ.
އެކެއް ފެބްރުއަރީގެ ހުކުމާއި ގުޅިގެން ހިނގައިދިޔަ ކަންތަކުގައި ކޮއްކޯފުޅު ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނު ކަމަށް މައުމޫންގެ މައްޗަށް ވަނީ ތުހުމަތު ކުރެވިފައެވެ. އަދި އެމަނިކުފާނުގެ މައްޗަށް ދައުވާތަކެއް އުފުލާފައިވާއިރު އެ ދައުވާތަކުގެ ޝަރީއަތްތައް މިހާރުވެސް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.
ޝަރީއަތްތައް ނިމެންދެން މައުމޫން ބަންދުގައި ބަހައްޓަން ނިންމާފައިވާއިރު އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ވަރަށް ދަށް ކަމަށް ބުނެ އާއިލާއިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އާއިލާއާ ބައްދަލު ކުރުމަށް މައުމޫން އަށް އަލުން ހުއްދަ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ