ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ބިރުދައްކަން: ޝިފާގް

ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިތުބާރު ނެތްކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައިވަނީ ރާއްޖޭގެ އަދުލު އިންސާފް ޤާއިމް ކުރުމުގެ ނިޒާމާ ދޭތެރޭގައި ރައްޔިތުންގެ އިތުބާރު ގެއްލުވާލާ، ފަނޑިޔާރުންނަށް ބިރުދެއްކެވުމުގެ ގޮތުން ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝިފާގް މުފީދު ވިދާޅުވެއްޖެއެވެ.ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްށް ގާނޫނު އަސާސީއާއި ޚިލާފް ވެފައި ވާކަމަށް ބުނެ، އިދިކޮޅުގައި މަސައްކަތް ކުރައްވާ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި، ގައިދީ މުހައްމަދު ނަޝީދުއާއި، ގައިދީ ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު އިސްކޮށް ހުންނަވައިގެން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އާއި ގުޅިގެން ޗެނަލް ތާރޓީންގެ ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝިފާގް މުފީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ މި މަސައްކަތަކީ ކޯޓްތަކާއި މެދު ނަފްރަތު އުފެއްދުމަށް ކުރަމުންދާ މަސައްކަތެއްކަމަށެވެ.އަދި ޤާނޫނު އަސާސީގެ ސަތޭކަ ވަނަ މާއްދާއަކީ ރައީސުލްޖުމްހޫރިއްޔާ މަޤާމުން އަޒުލް ކުރުމާ ގުޅުންހުރި މާއްދާއަކަށް ވާއިރު، އެ މާއްދާގައި ބަޔާންކުރާ އެންމެހާ ކަންކަން ކުރުމަށްޓަކައި ކަނޑައެޅިފައިވާ ހުރިހާ މަސައްކަތްތަކެއް ކުރުމުގެ އިޙްތިޔާރާ ބާރު، ޤާނޫނު އަސާސީ އިން ލިބިދީފައިވާ ހަމައެކަނި ފަރާތަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ޝިފާގް ވިދާޅުވިއެވެ. އެހެންކަމުން އިދިކޮޅުފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަކީ ރާއްޖޭގެ އަދުލު އިންސާފް ޤާއިމް ކުރުމުގެ ނިޒާމާ ދޭތެރޭގައި ރައްޔިތުންގެ އިތުބާރު ގެއްލުވާލާ، ޝަރީޢަތްތަކަށް ނުފޫޒު ފޯރުވުމުގެ އިތުރުން ފަނޑިޔާރުންނަށް ބިރުދެއްކެވުމުގެ ގޮތުން ކުރާ މަސައްކަތްތަކެއްގެ ގޮތުގައި ޝިފާގު ސިފަކުރެއްވިއެވެ. ޝިފާޤް ވިދާޅުވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަން ގިނަ ދުވަސްތަކެއް ވަދެން ކޮށްފައިވާ ކުރީގެ ރައީސް މައުމޫނަށް ވަރަށް ސާފުކޮށް ރާއްޖޭގެ ދުސްތޫރީ ނިޒާމް އަދި ޤާނޫނުއަސާސީ އެކުލެވިގެންވަނީ ކޮން ގޮތަކަށްކަން އެނގިވަޑައިގަންނަވާނެ ކަމަށާއި، އެކަންކަން އެނގިހުރެ، ޤާނޫނު އަސާސީ އާއި ޤާނޫނާ ޚިލާފަށް ރައީސުލް ޖުމްހޫރިއްޔާ މަޤާމުން ދުރުކުރުމަށް ނުވަތަ ވެރިކަން ވައްޓާލުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ގޮވާލެއްވި ގޮވާލެއްވުމަކީ ކަނޑައެޅިގެން ކުރެއްވި ކުށެއްކަމަށެވެ. އެހެންކަމުން މައުމޫނަށް އެވާހަކަ ދައްކަން މަޖުބޫރުވީ ޤާނޫނީ އިމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޤާމުން ދުރުކުރެވޭނެ އެއްވެސް މަގެއް ނުފެނުމުން ކަމަށް ޝިފާޤް ވިދާޅުވިއެވެ. މީގެއިތުރުން ޝިފާޤް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ތަފާތު އެކި އިލްޒާމްތައް އިދިކޮޅު ފަރާތްތަކުން މަތިކުތަމުންދާއިރު، މިއަދު ދިވެހި ރައްޔިތުން އަމަލު ކުރަމުންދަނީ ރައީސް މައުމޫންގެ ދައުރުގައި ޢަމަލު ކުރި ޤާނޫނު އަސާސީ އަކަށް ނޫން ކަމަށެވެ.އޭރުގެ ނަމޫނާ ޤާނޫނު އަސާސީގައި ވާގޮތުން ރައީސުލް ޖުމްހޫރިއްޔާ މަޤާމުގަ ހުންނަވައިގެންވެސް އަދި މަޤާމުން ވަކި ވުމުންވެސް އެއްވެސް ޖިނާއީ މައްސަލައެއްގައި ދައުވާ ކުރެވެން ނެތްކަން ފާހަގަ ކުރަމުން ޝިފާޤް ވިދާޅުވީ 2008 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 7 ވަނަދުވަހުން ފެށިގެން ޢަމަލު ކުރަން ފަށާފައިވާ ޤާނޫނުގައި ވާގޮތުން ރައީސުލް ޖުމްހޫރިއްޔާއަށްވެސް ކުށެއްގެ ތުހުމަތު ހުރެވިއްޖެނަމަ އެމައްސަލަ ތަހްޤީޤްކޮށް ބެލި ހުކުމްވެސް ކުރެވެންޖެހޭ ކަމަށެވެ. އެހެންނަމަވެސް މިކަން ކުރަންޖެހޭ ގޮތުގެ އިމުން ބޭރުން އެއްވެސް ހަމައެއްނެތި، އިދިކޮޅުފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ޝިފާޤްވަނީ ކުށްވެރި ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ