ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގާނޫނު އަސާސީއާ ހިލާފަށް ހިފައި ހައްޔަރުކޮށްގެން ގިރިފުށީގައި ގެންގުޅުނު މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ފްރޮސެކިއުޓާ ޖެނަރަލް އޮފީހުން ހުޅުމާލެ ކޯޓަށް ހުށަހެޅި މައްސަލަ އިއްޔެ އެ ކޯޓުން ބަލައިގެންފި އެވެ.
ހުޅުމާލެ ކޯޓަށް އަލުން އެ މައްސަލަ ޕީޖީ އިން ހުށަހެޅީ އެ މައްސަލައަކީ ހުޅުމާލެ ކޯޓުން ބެލޭނެ މައްސަލައެއް ކަމަށް ހައިކޯޓުން ދާދި ފަހުން ހުކުމް ކުރުމާއި ގުޅިގެންނެވެ. އެ މައްސަލަ ފުރަތަމަ ހުޅުމާލޭ ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އަނބުރާ ފޮނުވާލާފަ އެވެ.
އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ އިތުރުން ދައުލަތުން ދައުވާކުރަނީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ އިތުރުން ބްރިގޭޑިއާ އިބްރާހިމް މުހައްމަދު ދީދީއާ ކާނަލް އަހުމަދު ޒިޔާދުގެ މައްޗަށެވެ.
މޫކައި ހޮޓެލްގައި ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެ މަނިކުފާނުގެ ކުރާ ދައުވާ ހުޅުމާލެ ކޯޓަށް ބެލޭނެ ކަމަށް ހައިކޯޓުން ހުކުމް ކުރުމާ ގުޅިގެން އެ މައްސަލަ އަވަހަށް ބަލައި ދިނުމަށް މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެ ކޯޓަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.
“އަޅުގަނޑު ވާނީ އިއްޔެ (ބުރާސްފަތި ދުވަހު) ހުޅުމާލެ ކޯޓަށް ސިޓީއަކުން ދަންނަވާފައި. ހައިކޯޓުން މިހާރު ވަނީ އެ ކޯޓުގައި އަޅުގަނޑުގެ މައްސަލަ ބެލޭނެ ކަމަށް ހުކުމް އިއްވާފައި. ވީމާ އެ މައްސަލަ އަވަހަށް ބާއްވައިދެއްވާށޭ،” ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް ހުޅުމާލެ ކޯޓުން އިއްޔެ ބުނެފައިވަނީ އެފަދަ ސިޓީއެއް އެ ކޯޓަށް ލިބިފައިނުވާ ކަމަށާއި ނަމަވެސް މިއަދު އެ ސިޓީ މިއަދު ލިބިފައިވާ ކަމަށާއި އެ މައްސަލަ އަވަހަކަށް ބޭއްވޭތޯ މަސައްކަތްކުރާނެ ކަމަށެވެ.
ނަޝީދުގެ މައްޗަށް ކުރި ދައުވާ ހުޅުމާލެ ކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ