މާލޭގައި އައު ސްކޫލެއް ހުޅުވަނީ، ނަމަކީ އިއްޒުއްދީން ސްކޫލް

"އިއްޒުއްދީން ސްކޫލްގެ" ނަމުގައި އައު ސްކޫލެއް މާލޭގައި ހުޅުވަން ނިންމައިފިއެވެ.
މާލޭގެ ސްކޫލްތަކަށް ދިމާވެފައި ވާ ޖާގައިގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން "އިއްޒުއްދީން ސްކޫލް" ގެ ނަމުގައި އަންނަ އަހަރު އައު ސްކޫލެއް ހުޅުވާއިރު، މި ސްކޫލް ހިންގަން ހަމަޖެހިފައި ވަނީ ކުރީގެ އެމްއީއެސް ހިންގި އިމާރާތުގައެވެ.
މި ސްކޫލަށް ވެއްދުމަށް އެޑިއުކޭޝަނަށް ސިޓީ ހުށައަޅަން ހުޅުވާލައިފައި ވާއިރު އަންނަ އަހަރު ކިޔަވާދޭން ފަށަނީ ގްރޭޑް 1 އިން ފެށިގެން 6 ކާއި ހިސާބަށެވެ.
އެހެން ނަމަވެސް ކުރިއަށް އޮތްތަނުގައި އެ ސްކޫލަކީ ގްރޭޑް 10 އާއި ހަމައަށް ކިޔަވާދޭނެ ސްކޫލެއްކަން އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.
ފުރަތަމަ ހުޅުވޭއިރު މި ސްކޫލްގައި ގްރޭޑް 1 ކުން 4 އަށް ކޮންމެ ގްރޭޑެއްގައި 25 ކުދިންގެ ޖާގައިގެ 3 ކްލާސް ހުންނާނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން މައުލޫމާތު ދެއެވެ. އަދި ގްރޭޑް 5 އާއި 6 ގައި ކޮންމެ ގްރޭޑަކު 2 ކުލާސް ހުންނާނޭ ކަމަށާއި އަދި ގްރޭޑް 7 އިން 10 އަކަށް ކޮންމެ އަހަރަކު ގްރޭޑްއެއް އިތުރު ކުރާ ގޮތަށް ތަރައްގީ ކުރާނޭ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވިދާޅުވިއެވެ.
އަދި މި ސްކޫލްއަކީ އެއް ދަންފަޅިއަަށް ކިޔަވާދޭނެ ސްކޫލެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.
މިހާރުމި ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް ސިޓީލުން ހުޅުވާލައިފައި ވާއިރު ޖާގަ ދިނުމުގައި އިސްކަން ދެވޭނީ އެންމެ ފުރަތަމަ ސިޓީ ހުށައަޅާ ފަރާތްތަކަށް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ