ސޭންޑީގެ "ދެވި": އޮލިމްޕަހަށް އަންނަ ޓެކްނިކަލް އިންގިލާބެއް، ގިނަ ޕްރޮޑިއުސަރުންނަށް ފިލްމާ ހަވާލުވާން ނުކުރެނު

ދިވެހި ފިލްމުތައް ކަމުދާ ގިނަ ބަޔަކު ބަލާލަން އެންމެ ކެތް މަދުވެފައިވާ އެއް ފިލްމަކީ، 'ދެވި'އޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެހާ ބޮޑު ތަރުހީބެއް މި ފިލްމުގެ ޓައިޓަލްއަށް ވެސް ލިބުނެވެ. ބާރަ ގަޑިއިރު ތެރޭގައި ބައި މިލިއަނަށް ވުރެ ގިނަ ވިއުސް ލިބުނެވެ. މި ފިލްމުގެ ޑައިރެކްޓަރު ހުސައިން ހާޒިމް ނުވަތަ ސޭންޑީއަކީ، ދިވެހީންނަށް އާ ނަމެއް ނޫނެވެ. އެތައް ލަވަތަކުން ބެލުންތެރިންގެ ހިތްތަކުން ޖާގަހޯދި، ސޭންޑީ ފިލްމެއް ޑައިރެކްޓު އެ ކުރަނީ ފުރަތަމަ ފަހަރަށެވެ. "ދެވި"އަކީ ޑައިރެކްޓަރެއްގެ ގޮތުގައި ސޭންޑީ ނުކުމެ އާންމުންނަށް ދޫކޮށްލާ މި ފަދަ އެންމެ ބޮޑު އަދި އެންމެ ވަރުގަދަ ޕްރޮޖެކްޓެވެ. ހަމައެކަނި ޑައިރެކްޓު ކުރުމުން އޭނާ ނިންމާލީއެއް ނޫނެވެ. ސޭންޑީ ވަނީ ފިލްމުގެ އުފެއްދުންތެރިކަމުގެ އެންމެ ފުންމިނަށް ވަދެފައެވެ. އެގޮތުން، ހުނަރުވެރި ލިޔުންތެރިޔާ ޝަހުދާ މަހުމޫދާއާ ގުޅިގެން މި ފިލްމުގެ ސްކްރީންޕްލޭ ލިޔުމުގައި ވެސް ސޭންޑީ ހަރަކާތްތެރިވިއެވެ. ކަރުދާހުގައި ވާހަކަ ލިޔުމުން ފެށިގެން ގޮސް، އެ ވާހަކަ ކެމެރާގެ ލެންސުން ސްކްރީނަށް ގެނެސްދިނުމާ ހަމައަށް ސޭންޑީ ބޮޑު ޝައުގުވެރިކަމެއް ބަހައްޓައެވެ. މި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނާ ގޮތުގައި "ދެވި" އަކީ ކުއްލިއަކަށް އުފަންވި ޚިޔާލެއް ނޫނެވެ. ފިލްމު އުފެއްދުމަށް ޓަކައި ވޭތުވެދިޔަ ދުވަސްތަކުގައި ސޭންޑީ ވަނީ ރާއްޖޭގެ ވަރަށް ގިނަ ޕްރޮޑިއުސަރުންގެ ގާތަށް ގޮސްފައެވެ. ނަމަވެސް، ފިލްމުގެ ސްކޭލް ބޮޑުކަމާއި ޕްރޮޑަކްޝަންގެ ބިޔަކަމުން، އެއްވެސް ޕްރޮޑިއުސަރަކަށް ހަވާލުވާކަށް ނުކުރެނުވެ. އެއީ، އާދައިގެ ބަޖެޓަކުން ފަރުޖައްސާލެވޭނެ ފިލްމަކަށް ނުވާތީއެވެ. ނަމަވެސް، މަރިޔަމްގެ އައްޒަ ހިމެނޭ ޔާރާ ޕްރޮޑަކްޝަނުން ވަނީ އެ ބޮޑު ރިސްކު ނަގައި، މި ބިޔަ ޕްރޮޖެކްޓާ ހަވާލުވެފައެވެ. އައްޒަ ފުރަތަމަ ފަހަރަށް ޕްރޮޑިއުސްކުރާ މި ފިލްމުގެ ލީޑު ރޯލު ވެސް އަދާކުރާނީ އޭނާއެވެ. އޭގެއިތުރުން، ޕްރޮޑަކްޝަން ޓީމުން ބުނީ، މި ފިލްމު ވާނީ މިފަހުގެ ތާރީޚެއްގައި ރާއްޖޭގައި ޓެކްނިކަލީ ގޮތުން ކުރެވޭ އެންމެ ބޮޑު، އަދި އެންމެ ބުރަ މަސައްކަތަށް ކަމަށެވެ. އަދި، މިއީ ދިވެހި ފިލްމީ ދާއިރާއަށް އަންނާނެ ބޮޑު ޓެކްނިކަލް އިންގިލާބެއް ގޮތުގައި އެ ޓީމުން ސިފަކުރެއެވެ. މި ފިލްމުގެ އެންމެ ޚާއްސަ އެއް ކަމަކީ، ބޮޑެތި އަދި ނުރައްކާތެރި މަންޒަރުތައް ނެގުމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް)ގެ ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް (އެސްއޯޖީ)ގެ ޚާއްސަ ޓީމަކުން ފިލްމުގެ ކުރޫއާއެކު ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވެފައިވާ ކަމެވެ. މިކަމުން ވެސް މި ފިލްމުގެ އެކްޝަން މަންޒަރުތަކުގެ ސްކޭލާއި ވަރުގަދަކަން ހާމަވެއެވެ. އަންނަ ސެޕްޓެމްބަރު 26ގައި ސިނަމާގައި އަޅުވާ މި ފިލްމަށް ގިނަ ބަޔަކު މިހާރު ވެސް ތިބީ ކެތްމަދުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ